ރާއްޖޭގައި އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރުނީ މިދިޔަ އޮގަސްޓްމަހުއެވެ. އެމަހު މާލެއިން ރާއްޖޭގެ އެހެން ރަށްތަކަށް ފުރަބަންދު ހޯމް ކަރަންޓީނަށް 2705 މީހުން ދިޔައެވެ. އޭގެތެރެއިން 121 މީހަކު ކޮވިޑަށް ފައްސިވިއެވެ. އެކަމަކު ޕޮޒިޓިވް ޚަބަރަކީ، މާލެ ފިޔަވައި އެހެން ރަށްރަށުގައި މިބަލި ފެތުރިފައި ނުވުމެވެ. ހޯމް ކަރަންޓީނުގައި ތިބެ އެބަލިން ފަސޭހަވި ނަމަވެސް ރާއްޖޭގައި ގިނައީ ކޮމިއުނިޓީ ސްޕްރެޑެއް ނެތް ރަށްތަކެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި، އެހާ ގިނަ އަދަދެއްގެ މީހުން ހޯމް ކަރަންޓީނަށް ދިއުމާ އެކުގައިމެ، އެ މުޖުތަމައުތައް ބަލިން ރައްކާތެރިވެއޮތީ އުސޫލުތަކާ އެއްގޮތަށް މީހުން އަމަލުކުރުމުންނެވެ.

"އެހިސާބުން ބަލި ކޮންޓްރޯލްވެގެން ދިޔައީ ކަރަންޓީނަށް ވަޑައިގެންނެވި ފަރާތްތަކުން ކަރަންޓީނު ގައިޑްލައިންތަކާ އެއްގޮތަށް ގޭގައި ތިއްބެވީމާ،"
ޑރ. ނަޒްލާ ރަފީގު

ތިމާގެ ސަބަބުން ވައިރަސް ފެތުރުނަ ނުދިނުން؛

މުހައްމަދު އަހުމަދު، 40 (އަސްލު ނަމެއް ނޫން) އަކީ، ޑރ. ނަޒްލާ އެވިދާޅުވި ފަދައިން ފަރުދީ ޒިންމާ އަދާކުރި އެކެކެވެ. އޭނާ ހޯމް ކަރަންޓީނަށް ދިޔައިރުވެސް ހިތުގެ އަޑިން ގަބޫލުކޮށްގެން ހުރީ ވައިރަސް އަރާފާނެ ހާލަތްތަކެއް މާލޭގައި އޭނާ ތަޖުރިބާކޮށްފައި ވާނެކަމެވެ. އެހެންކަމުން، ހޯމް ކަރަންޓީނުގެ 14 ދުވަހަށްފަހު ނަގާ ސާމްޕަލް އެބައްޔަށް ޕޮޒިޓިވް ވުމުގެ ހުރިހާ ފުރުސަތެއް އެބަ އޮތްކަން އޭނާއަށް އެނގެއެވެ.

އެހެންވެ، އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދިނީ ރަށުގެ އެހެން އެއްވެސް މީހަކާ ކޮންޓެކްޓްވުމުގެ އެއްވެސް ފުރުސަތެއް ނުބޭއްވުމަށެވެ. ރަށުގައި ތިބި އާއިލާގެ މީހުން އޭނާއާ މުއާމަލާތްކުރާނެ ގޮތުގެ ފުރިހަމަ އިރުޝާދުތަކެއް ދުރާލައި ދިނެވެ. މުހައްމަދާއި އޭނާގެ އާއިލާ ކަރަންޓީނުވާން، ގޭގެ އެހެން މީހުން ވަގުތީގޮތުން ބަދަލުވީ އާއިލާގެ އެހެން ބައެއްގެ ގާތަށެވެ.

"އަޅުގަނޑު ބުނިން މަންމައާއި ކޮއްކޮމެންގެ ގާތުގައިވެސް، ގެއަށް އެއްޗެއް ގެންނަންޏާ ގޯތިތެރެއަށް އެތެރެކޮށްލާފައި ދާށޭ. އެއްޗެއް ބެހެއްޓިކަން އަންގާނީ ދުރަށް ގޮސްފައޭ،"
މުހައްމަދު

އޭނާ ބުނި ގޮތުގައި، އެގޮތަށް ކަންތައް ކުރަން ލަފާދިން އެއް ސަބަބަކީ، މައިވަންތަކަމުގެ ލޯތްބާއި އުޚުއްވަތްތެރިކަމުގެ ލޯބީގެ ސަބަބުންވެސް އެއިން މީހަކު އޭނާގެ ގާތަށް ބޭއިހްތިޔާރުގައި އާދެވިދާނެ ފުރުސަތެއް ނުދޭން ވެގެންނެވެ. އާއިލާގެ މެމްބަރުންނަށް އޭނާ ތަކުރާރުކޮށް ދިން ލަފަޔަކީ، އެއްޗެއް ބަހައްޓަން އައިސް ގޭގެ ބޭރު ދޮރުގައިވެސް އަތް ނުލުމަށެވެ.

ރަށަށް ދިޔަތާ ދެތިން ދުވަހުގެ ތެރޭގައި މުހައްމަދުގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށިއެވެ. ކަމާގުޅޭ މައުލޫމާތު ރަނގަޅަށް ލިބިހުރި މީހަކަށްވާތީ އެހާލަތަށްވެސް އޭނާ ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އަލާމާތްތައް ހަމަ ފެނުމާއެކު، އަނބިދަރިންނާ ވަކިން އޭނާ އައިސޮލޭޓްވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންގައިވެސް އޮތީ އެގޮތަށެވެ. ބައްޔަށް ޕޮޒިޓިވްވާ ހާލަތުގައި އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ އެހެން ބަޔަކާ ކޮންޓެކްޓް ނުވުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އިރުޝާދު ދެނީ ލެބޯޓްރީ ޓެސްޓަކުން ކޮވިޑަށް ޕޮޒިޓިވް އަދި ނުވިޔަސް، އެއްވެސް ވަރަކަށް އަލާމާތެއް ފެނިއްޖެނަމަ އެކަހެރި ވުމަށެވެ. ޑަބްލިއުއެޗްއޯގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އިރުޝާދުގައި ބުނެފައިވަނީ، ރޯގާޖެހި، ކިނބިއަޅައި ނުވަތަ އެނޫންވެސް ކޮވިޑްގެ އެއްވެސް އަލާމާތެއް ކަމަށް ޝައްކުވާފަދަ ކަމެއްވިޔަސް، މަސައްކަތުގެ މާހައުލަށާއި އާއްމު ތަންތަނަށް ނުކުމެ އުޅުން ވަގުތުން ހުއްޓައިލުމަށެވެ.

އަލާމާތްތަކަށް ވިސްނާލާ؛

ކޮވިޑް-19 އަށް ވަކި ހާއްސަ ބޭހެއް، ފަރުވާއެއް އަދި ނެތެވެ. އެބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ކުރާ ކަމަކީ އެމީހުންގެ ގައިން ފެންނަ ވަކިވަކި އަލާމާތްތަކަށް ފަރުވާ ކުރުމެވެ. މިސާލަކަށް، މި ވައިރަސް ހަށިގަނޑުގައި ހުރުމުގެ ސަބަބުން ހުން އަންނަނަމަ، ހުން ތިރިކުރާށެވެ. އެކަމުގައި ހޮސްޕިޓަލްތަކާއި ކޮވިޑަށް ފަރުވާކުރާ ހާއްސަ ފެސިލިޓީތަކުގައިވެސް ކުރާ ކަމަކީ އެހެން ބައްޔެއްގެ ސަބަބުން ހުން އައުމުންވެސް ކުރާނެ ކަންތައްތަކެވެ. ކަރުތެރޭ ދަވަހެދި، ނޭވާލާން އުނދަގޫނަމަ އެކަމަށްވެސް ފަރުވާކުރާނީ ހަމަ އެހެން ބައްޔެއްގެ ސަބަބުންވެސް އެފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ އަމަލުކުރާނެ ގޮތަށެވެ.

ކޮވިޑަށް ޕޮޒިޓިވް ވުމުން އެބަލީގެ އަލާމާތްތަކަށް ސަމާލުވާން ޖެހެނީ އެހެންވެއެވެ. އެއީ އެފަދަ އަލާމާތެއް ކޮމްޕްލިކޭޓްވެ، ސީރިއަސް ހާލަތަކަށް ދިޔަ ނުދިނުމަށްޓަކައެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ލަފާދޭ ގޮތުގައި، ކޮވިޑަށް މިހާތަނަށް ފާހަގަވެފައިވާ އަލާމާތަކުގެ ތެރެއިން ވަކި ހާއްސަ އަލާމާތްތަކެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަން ޖެހޭނެއެވެ. އެގޮތުން، ސީޑީސީން ފާހަގަކޮށްފައިވާ އަލާމާތްތަކުގެ ތެރޭގައި:

· ނޭވާލާން އުނދަގޫވުން

· މޭގައި ނުފިލާ ރިހުމެއް ނުވަތަ ޕްރެޝަރެއް ހުރުން

· ވާނުވާ ނޭނގޭ ގޮތްވުން (ކޮންފިއުޝަން)

· ހޭލަން ނުވަތަ ހޭލާ ހުންނަން އުނދަގޫވުން

· ތުންފަތް ނުވަތަ މޫނު ނޫފައިގަތުން

ސީޑީސީގެ އިރުޝާދުގައި ބުނެފައިވާ ގޮތުގައި، ކޮވިޑްގެ ސަބަބުން މިނޫންވެސް އެތައް އަލާމާތްތަކެއް ފެނިދާނެއެވެ. ފަރުދީ ގޮތުން އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ، އެ އަލާމާތްތައް ފެނުމުންވެސް ސިއްހީ އެހީތެރިކަން ލިބިގަތުމެވެ.

ހޯމް ކަރަންޓީނަށް ދިޔައިރު މުހައްމަދަށް މި މައުލޫމާތު އޮތީ ލިބިފައެވެ. އެހެންވެ، އޭނާ މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދިނެވެ. އޭނާގެ އަމިއްލަ ހަށިގަނޑުން ފެނުނު އަލާމާތްތަކުގެ އިތުރުން، އާއިލާގެ މެމްބަރުންގެ ފަރާތުން ފެނުނު އަލާމާތްތަކަށް ވެސް ފަރުވާތެރިވެ ފާރަވެރިވިއެވެ. ރަށުގެ ހެލްތު ސެންޓަރުން އޭނާގެ ހާލު ބަލަން ގުޅާ ކޮންމެ ދުވަހަކުވެސް ވަރަށް ތަފްސީލުކޮށް ހާލަތު ކިޔައިދިނެވެ.

"ފުރަތަމަ ފެނުނު އަލާމާތަކީ ހުން ވައްތަރުވުން. އެހިސާބުން ހެލްތު ސެންޓަރަށް ގުޅާފައި ވަގުތުން އެވާހަކަ ބުނިން. އެހިސާބުން އެކަމަށް ބޭނުންވާ ބޭސް ހެލްތު ސެންޓަރުން ފޮނުވި،"
މުހައްމަދު

ރާއްޖޭގައި ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށި ދުވަސްވަރު އެބަލި ޖެހުމުން އަމަލުކުރާނެ ގޮތުގެ މާގިނަ އިރުޝާދުތަކެއް ނުދެއެވެ. އެއީ، އޭރު ބަލިވާ އެންމެންވެސް ފެސިލިޓީތަކަށް ގެންދާތީއެވެ. އެ ހާލަތުގައި އެމީހުންނަށް ދޭންޖެހޭ ފަރުވާ އާއި އިރުޝާދު ދިނުމަށް ސިއްހީ ހިދުމަތްތެރިން ތިބޭތީއެވެ. އެކަމަކު ރަށްރަށަށް ފުރަބަންދު ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށި ހިސާބުން، ކޮވިޑް ބަލިމީހުން އަމިއްލައަށް ކަންތައްތައް ކުރަންވީ ގޮތުގެ އިރުޝާދު ވަރަށް މުހިއްމެވެ.

މުހައްމަދަކީ، އެހެން މީހުންނަށް ނަމޫނާއެކެވެ. އޭނާ ކަންތައް ކުރިގޮތް ރަނގަޅެވެ. ތިމާ ބަލިވިޔަސް، އެހެންމީހުން އެކަމުން ރައްކާތެރިކުރެވޭނީ، އެކަމަށް ހާއްސަ ފިޔަވަޅުތައް އަޅައިގެންނެވެ. ބަލިމަޑުކަމެއްގައި އެގޮތަށް އަމަލްކުރުން އަދި މާ ބޮޑަށްވެސް މުހިންމެވެ.

ނޯޓު: މިއީ، ދިވެހި މީޑިއާ ގުޅިގެން ކުރިއަށްގެންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" މި ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.