މިދިޔަ ހަފުތާގައި ބޭއްވި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު ކޮމިޝަނާ އޮފް ސްޕޯޓްސްއިން ބަލައިގެންފިއެވެ.

މިމަހުގެ އަށްވަނަ ދުވަހު އަލަށް އިންތިޚާބުކުރި އެކްސްކޯ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓާކޮށް އެކަމުގެ ލިއުން މިހާރުވަނީ ޓީޓީއޭއެމް ރައީސް ޢަލީ ރަޝީދު (އައްޔަ) އާއި ހަވާލުކޮށްފައެވެ.

އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އައްޔަ ހޮވުނީ 155 ވޯޓާއެކުގައެވެ. އައްޔައާއި ވާދަކުރެއްވި ޣިޔާސުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމަށް ލިބިވަޑައިގެންނެވީ 80 ވޯޓެވެ. ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވީ އައްޔަގެ ޓީމުގައި ހިމެނޭ ކުރީގެ ޓީޓީ ޗެމްޕިއަން އިބްރާހިމް ޝިއުރީއެވެ. ޝިއުރީއަށް ވަނީ 165 ވޯޓު ލިބިވަޑައިގެންފައެވެ.

ހަޒާންދާރުގެ މަގާމަށް ހޮވުނު އަޙްމަދު ޝާޒިލަށް 152 ވޯޓު ލިބިވަޑައިގެންނެވިއިރު، ކުލަބު މެންބަރަކަށް ހޮވިވަޑައިގެންނެވި ޖާދުﷲ ހަސަން (ޖޭޑް) އަށް ވަނީ 12 ވޯޓު ލިބިވަޑައިގެންފައެވެ.

ފަރުދީ އަންހެން މެންބަރުގެ މަގާމަށް ހޮވިވަޑައިގެންނެވި ކުރީގެ ޗެމްޕިއަން އައިޝަތު ސަމާހަތު ބިންތި ފިރާގަށް 143 ވޯޓު ލިބިވަޑައިގެންނެވިއިރު، ފަރުދީ ފިރިހެން މެންބަރުގެ މަގާމަށް ހޮވިވަޑައިގެންނެވި އަމްޕަޔަރު އައްޒާމް އިބްރާހިމަށް ވަނީ 154 ވޯޓު ލިބިވަޑައިގެންފައެވެ. އަދި އެސޯސިއޭޓް މެންބަރަކަށް ހޮވިވަޑައިގެންނެވި ކުރިން ގައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިޔާ އިސްމާއިލް ޝުޖާއުއަށް ވަނީ 144 ވޯޓު ލިބިވަޑައިގެންފައެވެ.

ޓީޓީގެ އިންތިހާބާއި ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިކުރިއެވެ. އެގޮތުން އިންތިހާބު މިނިވަން ނޫންކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށައެޅިއެވެ. ނަމަވެސް ކޯޓުން ވަނީ އިންތިހާބު ފަސްކުރަން އަމުރު ނެރެދެވެން ނެތްކަމަށް ބުނެފައެވެ.