"ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ" އިން އިޢުލާނު ކޮށްފައިވާ "ހިޔާ" މަޝްރޫޢުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 3000 އަށްވުރެ ގިނަ ޝަކުވާ ފޯމް ހުށަހަޅާފައިވާ ކަމަށް ކޮމިޓީން ހާމަކޮށްފިއެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނީ ހިޔާ މަޝްރޫޢުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވުމާއި ގުޅިގެން، އެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓްތައް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަގޮތް މުރާޖަޢާ ކުރެއްވުމަށްފަހު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން H08, H05, H04 އަދި H10 ކެޓެގަރީގެ ވަގުތީ ލިސްޓުތައް ނެރެފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުގައެވެ. މި ކެޓެގަރީތަކުގެ ވަގުތީ ލިސްޓުތަކުގައި ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާފައި ވަނީ ސެޕްޓެންބަރު 14 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނީ މި މުއްދަތުގެ ތެރޭގައި އެ ކޮމިޓީއަށް ޖުމްލަ 3,068 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 2,430 ޝަކުވާއަކާއި، އެހެން ފަރާތަކަށް ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 140 ޝަކުވާއަކާއި، ފޯމު ހުށަހެޅުމަށް ޝަރުތު ހަމަނުވާ ލިސްޓުގައި ހިމެނިގެން ހުށަހަޅާފައިވާ 57 ޝަކުވާއަކާއި، "އިތުރު ކޮމެންޓްސް" ގެ ގޮތުގައި ދީފައިވާ މަޢުލޫމާތާއި ގުޅިގެން ހުށަހަޅާފައިވާ 85 ޝަކުވާއަކާއި، މަޢުލޫމާތުގައި ކުށެއް އޮވެގެން ހުށަހަޅާފައިވާ 78 ޝަކުވާއެއްގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ 278 ޝަކުވާ ކަމަށް އެކޮމިޓިން މައުލޫމާތުދެއެވެ.

މިހާރު އިޢުލާނު ކޮށްފައިވާ "ހިޔާ" މަޝްރޫޢުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީ އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލްއެއް މެދުވެރިކޮށެވެ.

ޝަކުވާ ހުށަހެޅުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިހާރު ފަށާފައިވާއިރު، އެ ކެޓެގަރީތަކުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދާއިމީ ލިސްޓުތައް އެކުލަވައިލުމުގައި އެ ޝަކުވާތަކަށް ރިޢާޔަތްކުރާނެކަމަށް ވެސް އެ ކޮމިޓީން ބުންޏެެވެ.