ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ދޭ، ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެއަށް ލިބިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރު ބަޔާނެއްގައި ބުނެފައިވަނީ، ޑަބްލިއުޓީޓީސީން ރާއްޖެއަށް ސޭފް ޓްރެވެލްސް ސްޓޭމްޕް ދިނީ އެ ޖަމާއަތުގެ ސޭފް ޓްރެވެލް ޕްރޮޓޮކޯލާ އެއްގޮތަށް، ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ބަލައިގެންފައިވާތީ ކަމަށެވެ.

ރާއްޖެއިން ދަތުރުވެރިންގެ އިތުބާރު އުފައްދައި، ޓޫރިޒަމް އިންޑަސްޓްރީ އަލުން ހުޅުވައިލުމަށް ހުރިހާ ދާއިރާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތްވެސް ޑަބްލިއުޓީޓީސީން ބަލައިގެންފައި ވާކަމަށް އެމިނިސްޓްރީން ބުނެއެއެވެ.

ސޭފް ޓްރެވެލް ސްޓޭމްޕަކީ ރައްކާތެރިކަމާއި ސާފުތާހިރުކަމަށް ބަލައިގެން، ދުނިޔޭގައި އެގޮތަށް ދޭންފެށި ސްޓޭމްޕެކެވެ.

މިސްޓޭމްޕަކީ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އާއި 200 އަށް ވުރެ ގިނަ ޓްރެވެލް ކުންފުނިތަކުން ބަލައިގެންފައިވާ މިންގަނޑެކެވެ.

ފަތުރުވެރިކަމާއި، ދަތުރުފަތުރާމެދު މީހުންގެ އިތުބާރު އަލުން އުފެއްދުމުގެ މަގްސަދުގައި އުފެއްދި މި ސްޓޭމްޕް ގައުމަކަށް ނުވަތަ ސަރަހައްދަކަށް އެ ދިނުމުން އޭގެ މާނައަކީ އެތަނެއްގައި ދަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަަވަޅުތައް އަޅާފައި ހުންނާނެ ކަމާއި ސާފުތާހިރުކަން އޮންނާނެކަމުގެ ޔަގީންކަން އޮތުމެވެ.

ރާއްޖޭގެ ބޯޑަރު ޖުލައިމަހުގެ 15 ވަނަ ދުވަހު ހުޅުވާފައިވާއިރު، މިހާތަނަށް ރާއްޖެ ޒިޔަރާތްކޮށްފައިވަނީ 11،629 ފަތުރުވެރިންނެވެ.