މިދިޔަ އޯގަސްޓްމަހު ޖެންޑާ މިނިސްޓްރީއަށް 184 މައްސަލައެއް ހުށައަޅާފައިވާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ.

އެގޮތުން އޮގަސްޓްމަހު ހުށަހެޅި 184 މައްސަލައިގެ ތެރެއިން 103 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެއްކަމަށް އެމިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އެއީ މައްސަލަތަކުގެ 55.9 އިންސައްތައެވެ.

އޮގަސްޓުމަހު ރިޕޯޓުކުރި މައްސަލަތައް:

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ: 103
  • ޖިންސީ ހާނިއްކަ: 36
  • އިހުމާލުވުން: 24
  • ޖިސްމާނީ ހާނިއްކަ: 20
  • ނަފްސާނީ ހާނިއްކަ: 8
  • ފުރައްސާރައިގެ ޝިކާރައަކަށްވުން:5
  • ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުން: 7
  • އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގޯނާ ލިބުން: 3
  • ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި ނުވަ މައްސަލަ
  • ގެއިން ނިކުމެގެން ދިއުން:3
  • ސްކޫލަށް ދާން ބޭނުންނުވުން:3

މީގެއިތުރުން މިދިޔަމަހު ވަނީ އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ހަތަރު މައްސަލަ ރިޕޯޓު ކޮށްފައެވެ. އޭގެ ތެރޭގައި ވައްކަމުގެ މައްސަލައަކާއި މާރާމާރީގެ މައްސަލައެއް ހިމެނެއެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމް ކުރުމުގެ ދެމައްސަލަވެސް ހުށައަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ މައްސަލައެއް ހިމެނެއެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 16 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ކުދިންނާ ބައްދަލު ނުކުރެވޭ 10 މައްސަލަ، ކުދިން ބެލުމާ ގުޅުންހުރި 5 މައްސަލަ، އަދި ދަރިންނަށް ހަރަދު ދިނުމުގެ އެއްމައްސަލަ ވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައެވެ.