އަޔަރލޭންޑްގެ ހެލްތު މިނިސްޓަރަށް ކޮވިޑްބަލި ޖެހިވަޑައިގެންފި ކަމަށް ބެލެވުމާ ގުޅިގެން އަޔަރލޭންޑްގެ މުޅި ސަރުކާރު އައިސޮލޭޝަނަށް ހިނގައްޖެއެވެ.

ހެލްތު މިނިސްޓަރ ސްޓެފަން ޑޮނެލީއަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތުމާ ގުޅިގެން ޕާލަމެންޓް ޖަލްސާތައްވެސް ވަނީ ހަފްތާއަކަށް މެދުކަނޑާލާފައެވެ.

އަދި ކެބިނެޓް ހުރިހާ ވަޒީރުންނަށް މިހާރުވަނީ އަމިއްލަފުޅަށް އައިސޮލޭޝަނަށް ވަޑައިގަތުމަށް ދަންނަވާފައެވެ.

ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން ޕާލަމެންޓްގެ ރައީސް ޝޯން ފިއަރޣައިލް ވަނީ، ކެބިނެޓް ހުރިހާ ވަޒީރުން އައިސޮލޭޝަނަށް ވަޑައިގަންނަވަންޖެހޭކަން އިޢްލާން ކުރައްވާފައެވެ.

އަދި އަންނަ ހަފްތާގެ އަންގާރަ ދުވަހާ ހަމައަށް ނުވަތަ ބޮޑުވަޒީރު ވަކި އެއްޗެއް އަންގަވަންދެން ޕާލަމެންޓް ޖަލްސާތައްވެސް މެދުކަނޑާލިކަން އިޢްލާން ކުރެއްވިއެވެ.

އަޔަރލޭންޑްގެ ގައުމީ ޓީވީ، އާރްޓީއީން ބުނެފައިވަނީ، ހެލްތު މިނިސްޓަރ ސްޓެފަން ޑޮނެލީ ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އެދިވަޑައިގެންނެވީ މިއަދު ކަމަށެވެ.

ނަމަވެސް، ހެލްތު މިނިސްޓަރ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމެއް، ހެލްތު މިނިސްޓަރުގެ އޮފީހުން މީޑިއާއަށް އަދި ކަށަވަރުކޮށް ދީފައެއް ނުވެއެވެ.

އަޔަރލޭންޑްގައި އަންނަ ހަފްތާގައި ބައެއްކަލަހަ ލުއިތައް ދޭން ކުރިން ކަނޑައަޅާފައި ވީނަމަވެސް، ކޮވިޑްބަލި ފެތުރުން އިތުރުވާން ފެށުމާ ގުޅިގެން ލުއިދިނުން ފަސްކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

އަޔަރލޭންޑަކީ މުޅި ޔޫރަޕަށް ބަލާއިރުވެސް ބަލި ފެތުރުން ހުއްޓުވަން އެންމެ ހަރުކަށި ފިޔަވަޅުއެޅި ގައުމެވެ. ކާބޯތަކެތި ވިއްކާ ތަންތަނުން އަލުން ޚިދުމަތްދޭން ފަށާފައިވަނީ ޖޫންމަހުން ފެށިގެންނެވެ.

ނަމަވެސް، ވެރިރަށް ޑަބްލިންގައި އޮގަސްޓްމަހުން ފެށިގެން ބަލިފެތުރުން އިތުރުވާން ފެށުމާ ގުޅިގެން އިތުރު ލުއިތައް ނުދޭން ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.