އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ދިއުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީއާއި ބަހްރެއިނުން އިސްރާއީލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޔޫއޭއީއާއި ބަހްރެއިނުން އިސްރާއީލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ވައިޓްހައުސްގައި، ރާއްޖޭގެ ގަޑިން މިރޭގެ ވަގުތެއްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އަރަބި މި ދެ ގައުމުން އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ދިއުމަށް އެއްބަސްވެ ސޮއި މިކުރީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް ނެންގެވުމުގެމަތިންނެވެ.

ޓްރަމްޕްގެ ހާޟިރުގައި އިސްރާއީލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާޔޫއެވެ.

ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއެވެ. ބަހްރެއިންގެ ފަރާތުން ސޮއިކުރެއްވީ ބަހްރެއިންގެ ޚާރިޖީ ވަޒީރު އަބްދުއްލަތީފް އަލް ޒަޔާނީއެވެ.

ޔޫއޭއީއާއި ބަހްރެއިން ވެގެންމިދިޔައީ އިސްރާއީލާ ގުޅުން އުފައްދަން މިފަދަ އެއްބަސްވުމެއްގައި ސޮއިކުރި ތިންވަނަ އަދި ހަތަރުވަނަ އަރަބި ގައުމަށެވެ.

އިސްރާއީލާއެކު މިފަދަ އެއްބަސްވުމެއްގައި އެންމެ ފުރަތަމަ 1979 ވަނަ އަހަރު ސޮއިކުރީ މިސްރުންނެވެ. އޭގެފަހުން 1994 ވަނަ އަހަރު އުރުދުންއިންނެވެ.

މިސްރާއި، އުރުދުނުން ކުރިން އަދި ޔޫއޭއީއާއި ބަހްރެއިނުން މިއަދު އިސްރާއީލާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރިއިރު، ފަލަސްތީނު މައްސަލަ ހައްލުކުރުމުގެ ވާހަކައެއް އެއިން އެއްބަސްވުމެއްގައި ހާމަކޮށްފައެއް ނުވެއެވެ.

އަރަބި ގައުމުތަކުން އިސްރާއީލާއެކު ސުލްހަވުމަށް ވަމުންދާ މިފަދަ އެއްބަސްވުންތައް ފަލަސްތީނުން ގެންދަނީ ވަރަށް ބޮޑަށް ކުށްވެރިކޮށް، އެއްބަސްވުންތަކާ ދެކޮޅު ހަދަމުންނެވެ.

ފަލަސްތީނުގެ ވެރިން ވިދާޅުވަނީ، މިއީ ފަލަސްތީނު ރައްޔިތުންނަށް އެ ގައުމުތަކުން ޣައްދާރުވުން ކަމަށެވެ.

އެކަމަކު، ޔޫއޭއީއާއި ބަހްރެއިނުން އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ދިއުމަށް ސޮއިކުރުމަކީ އެމެރިކާގެ ރައީސް ޓްރަމްޕަށް ލިބިވަޑައި ގަންނަވާނެ ސިޔާސީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ޚާއްސަކޮށް ނޮވެމްބަރު 3 ގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބަށް އޭގެ އެދެވޭ އަސަރު ކުރާނެ ކަމަށް ވެއެވެ.

މެދުއިރުމަތީގެ މައްސަލަފަދަ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ޓްރަމްޕްގެ ވެރިކަމުގައި ކަނޑައެޅުއްވި ނަމަވެސް އެކަން މުޅިން އަދި ހާސިލެއް ނުކުރެވެއެވެ. އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮރްގްރާމްގެ މައްސަލާގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ޓްރަމްޕް ހޯއްދެވިއެވެ.

ޔޫއޭއީ، ބަހްރެއިން އިސްރާއީލާއެކު ގުޅުން އުފެއްދުމަކީ، ސަރަހައްދުގައި އީރާނުގެ ނުފޫޒު ފެތުރުން ހުއްޓުވަން އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެގައުމުތަކުން ދެކެއެވެ. އަރަބި އަދި އިސްލާމީ އެއްވެސް ގައުމަކުން އިސްރާއީލާއެކު މިފަދަ އެއްބަސްވުންތައް ހެދުމާ އީރާނުން ވަރަށް ދެކޮޅެވެ.

ޓްރަމްޕް ގެންދަނީ އަރަބި އެހެން ގައުމުތަކުންވެސް އިސްރާއީލާ ސުލްހަވުމަށް ގަދައަޅައި މަސައްކަތް ކުރައްވަމުންނެވެ. ޓްރަމްޕް މިއަދު ވިދާޅުވީ، މިކަމުގައި ފަލަސްތީނުންވެސް އަދި ބައިވެރިވާނޭ ކަމަށެވެ.

ގަލްފްގެ އަރަބި ގައުމެއް ކަމަށްވާ ގަތަރުން ބުނެފައިވަނީ، ފަލަސްތީނު މައްސަލަ ހައްލު ނުވަނީސް އިސްރާއީލާ ގުޅުން ނުއުފައްދާނޭ ކަމަށެވެ. ސައުދީ އަރަބިއްޔާއިންވެސް ބުނެފައިވަނީ ފުރަތަމަ ހައްލުކުރަންޖެހެނީ ފަލަސްތީނު މައްސަލަ ކަމަށެވެ. ޓްރަމްޕްގެ އެންމެބޮޑު އެއް އަމާޒަކީ ސައުދީ އަރަބިއްޔާ އިސްރާއީލާ އެއްގަލަކަށް އެރުވުންކަމަށް ވެއެވެ.

އުމާނުން ބުނެފައިވަނީ، ފަލަސްތީނު-އިސްރާއީލު މައްސަލަ ހައްލުކުރުމަށްއޮތް ޖަވާބަކީ އިސްރާއީލާ ގުޅުން އުފެއްދުން ނޫންކަމަށެވެ.