ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދުތައް ކުޑަކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ދެން ކާޑަކުން ބޭނުންކުރެވޭނީ 750 ޑޮލަރާ ހަމައަށެވެ. ރާއްޖޭގައި ނަމަ ކާޑުތަކުން އޮންލައިންކޮށް ބޭރުގެ މުއާމަލާތްކުރެވޭނީ ކާޑަކުން މަހެއްގެ މައްޗަށް 250 ޑޮލަރާ ހަމައަށެވެ.

މީގެ ކުރިން ބީއެމްއެލްގެ ކާޑުތަކުން ދުވާލަކު 400 ޑޮލަރާ ހަމައަށް ރާއްޖެއިން ބޭރުގައި ފައިސާ ނެގޭއިރު، ޕީއޯއެސް މެޝިންތަކުން އަދި އެ ނޫން ގޮތްގޮތުން 600 ޑޮލަރާހަމައަށް ވިޔަފާރި ބޭރުގައި ކުރެވެ އެވެ. އެހެން ނަމަވެސް، 95 އިންސައްތަ ކަސްޓަމަރުން އެ ލިމިޓާ ކައިރި ކުރާ ވަރަށް ވެސް ބޭނުން ނުކުރާ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްލްއިން ބުނީ ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު މިވަގުތު ލިމިޓް ކުރަން މަޖުބޫރުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރު މަދުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު މަދުކުރުމަށްޓަކައި ކަމަށެވެ. އަދި މިހާރު ހުރި ޑޮލަރު ކޮންމެހެން ޒަރޫރީ ކަންކަމަށް ބޭނުން ކުރުމުގެ މުހިންމުކަން މިވަގުތަށް ބޮޑުވެފައިވާ ކަމަށެވެ.

ބީއެމްއެލްއިން ބުނީ މި ބަދަލާ ގުޅިގެން ބޭންކުގެ 95 އިންސައްތަ ކަސްޓަމަރުންނަށް އެކަމުގެ އަސަރެއް ނުކުރާނެކަމަށެވެ. އަދި ހަމައެހެންމެ މިއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަން މަޖުބޫރުވި ވަގުތީ ފިޔަވަޅެއްކަމުގައި ވިޔަސް، ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން އިއާދަ ކުރާނެ ކަމަށްވެސް ބޭންކުން ބުނެއެވެ.

އާ ލިމިޓްތައް ކަނޑައެޅީ ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށް އެކަންޏެވެ. އަދި ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.