ގެވެށިއަނިޔާގެ ޝިކާރަކަށްވާ މީހުން ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި، ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ޖެންޑަރ މިނިސްޓްރީން ފަށައިފި އެވެ.

"ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނު”ގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި، ހަމަތަކާއި، އުޞޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަރކުރުމުގެ މަސައްކަތްތައް ކުރުމަށް ބަޔާންކޮށްފައިވެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ ގޮތުގައި ފަސް މަރުކަޒެއް އެމިނިސްޓްރީން ކަނޑައަޅައިފައިވާކަމަށެެވެ. މި ފަސް މަރުކަޒަކީ ހދ. ކުޅުދުއްފުށި، ށ.ފުނަދޫ، ތ.ވޭމަންޑޫ، ގދ.ތިނަދޫ އަދި ވިލިމާލޭ އަމާން ހިޔާކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަރުކަޒުތަކުގައި ހުރި އަމާން ހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚިދުމަތްތައް އެންމެ ފުރިހަމައަށް ދެވޭ ވަޞީލަތްތައް ހުރި ތަންތަން ކަމުގައި ނުވާތީ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާގެ އެހީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކެއަރ ޕްރޮޖެކްޓްގެ އެހީގެ ދަށުން މިހާރު ލިބިފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ގެވެށި އަނިޔާގެ މައްސަލަތައް ވަރަށް ގިނައިން ވޭތުވެދިޔަ ދުވަސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.