ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރާއި 19 އަހަރާ ދެމެދުގެ ފިރިހެނުންކަމަށެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ބަލައި ފާސްކޮށްފައިވާއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 42 ދަޅާއި 28 ރަބަރު ޕެކެޓާއި 216 ސެލޯފިންކޮޅާއި ޖޫސް ޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތް އަޅާފައިވާ ބިޑިއަކާއި މަނާބޭހުގެ 255 ގުޅައާއި ބަނގުރާ ފުޅިއެއް ފެނިފައިވާކަމަށާއި މީގެއިތުރުން އެގެއިން 17،150 ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ފަހަކަށް އައިސް މާލެއާއި އަތޮޅުތަކުން ގިނަ އަދަަދަކަށް މަސްތުވާތަކެތީގެ މައްސަލަތައް ފާހަގަކުރެވެމުންދާއިރު މިފަދަ މައްސަލަތަކުގައި ގިނަބަޔަކުވެސް ދަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ.