މާފަންނު ހަވީރީފިނި އިސްމާއީލް ޒަކަރިއްޔާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އިސްމާއީލް ޒަކަރިއްޔާގެ ލޮބުވެތި އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ރައީސް ފޮނުއްވި ތައުޒިޔާގެ ސިޓީފުޅުގައި، މިހިތާމައިގައި ބައިވެރިވެވަޑައިގެން ފާތިމަތު އިބްރާހީމަށާއި، އިސްމާއީލް ޒަކަރިއްޔާގެ ބޭފުޅުންނަށާއި، އާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސްގެ ސިޓީފުޅުގައި، އަލްމަރްހޫމް އިސްމާއީލް ޒަކަރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެމްބަރުކަން ގިނަ ދުވަހު ކުރައްވާފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި ސަރުކާރަށްވެސް ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއްކަމާއި، ޚާއްސަކޮށް، މިނިސްޓްރީ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގަޔާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަންގެ އެކި މަގާމުތަކުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވާފައި ވެއެވެ.

އަލްމަރްހޫމް އިސްމާއީލް ޒަކަރިއްޔާ ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަންގެ މެއިންޓެނަންސް ކޯޑިނޭޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ.

އިސްމާއީލް ޒަކަރިއްޔާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު މިދިޔަ ހޯމަދުވަހުއެވެ. އަވަހާރަވިއިރު އުމުރަކީ 79 އަހަރެވެ.