ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ ހަބަރު ސިޓީގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.

އެ ލިޔުމުގައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭ އެމަނިކުފާނަށް ދެކޭ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކޮށްދެވެން އޮތް ނިޒާމަކީވެސް ބަރުލަމާނީ ނިޒާމު ކަމުގައި އެ ލިޔުމުގައި ވެއެވެ.

ކޮރަޕްޝަންގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅުންހުރި ވާހަކައެއް ނޫން ކަމަށާއި ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ އެމަނިކުފާނު ދަންނަވާނެ ކަމަށް ރައީސް ނަޝީދު ލިޔުއްވި ލިޔުއްވުމުގައި ވެއެވެ.

"މިހާރުވެސް ކުރަންހުރި ކަންކަން މަދެއްނޫން. މީހާއާއި ދިމާވެފައިވާ މައްސަލަަތައްވެސް ގިނަ. މިއަދު މިބުނަނީ އެ ވާހަކައަކީ އެމްޑީޕީއަށް ކާމިޔާބު ވާނީ އަޅުގަނޑުމެންގެ އަމާޒު ނުގެއްލުމުން. ބޭނުމަކީ ކޮންމެ މީހެއްގެވެސް ޖީބަށް ވަންނަވަރު އިތުރުވުން."
ރައީސް ނަޝީދު

ބައެއް ބޭފުޅުންގެ ނަޒަރުގައި އެމަނިކުފާނު ފާހަގަކުރާ ނުކުތާތަކަކީ ސަރުކާރު ނިކަމެތި ކުރުމަށް ފާހަގަކުރާ ކަންކަން ކަމަށާއި އެމަނިކުފާނު ރައީސްގެ މިނިސްޓަރަކާ ގުޅޭގޮތުން ނުރުހުން ފާޅުކުރަނީ އެމަނިކުފާނުގެ ވެރިކަމުގެ އިތުރު އުންމީދަކާއެކު ނޫން ކަމަށްވެސް އެލިޔުމުގައިވެއެވެ.

"އަޅުގަނޑަކު ދެނަކު ރާއްޖޭގެ ރައީސްކަމެއް ކުރުމަކަށް ނުއެދެން. އަޅުގަނޑު އެދެނީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތުގައި ވެރިކަން ކޮށްދިނުން."
ރައީސް ނަޝީދު

އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާ މައިގަނޑު ދެކަމެއް ފާހަގަވާނެކަން ފާހަގަކޮށް ރައީސް ނަޝީދުގެ ލިޔުމުގައިވަނީ އަނިޔާ އަދި ކޮރަޕްޝަން ހުއްޓުވުމަކީ އެޕާޓީން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަަމަށް ލިއުއްވާފައި ވެއެވެ.

އެގޮތުން 2008 ވަނަ އަހަރުއްސުރެ ރާއްޖޭގެ ޖަލުތަކުގަ ކުރާ ސީދާ އަނިޔާތައް އެމްޑީޕީގެ މެމްބަރުންގެ ބުރަ މަސައްކަތްކަތުން ވަރަށް މަދުވެއްޖެ ކަމަށެވެ.