ހައިޑްރޮކްލޯރޯފްލޯރޯކާބަންސް (އެޗް.ސީއެ.ފްސީ) ގޭސް އެތެރެކުރުން މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށް ނިންމާފައިވާ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަހަރުގެ ދުނިޔޭގެ އޯޒޯން ދުވަހުގެ މުނާސަބަތުގައި ދެއްވި ބަޔާނުގައެވެ.

މިނިސްޓަރުގެ ޚިތާބުގައިވަނީ، މަސައްކަތް ކުރަމުން ގެންދަނީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއްކަމުގައިވާ ހައިޑްރޮކްލޯރޯފްލޯރޯކާބަންސް (އެޗް.ސީއެ.ފްސީ) ރާއްޖޭގެ ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށާއި، އެ ގޭސް އެތެރެކުރާ މިންވަރު މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށް ކަމަށެވެ.

ބައިނަލްއަގްވާމީ ގޮތުން މި ގޭސް އެއްވެސް ގައުމެއްގައި ބޭނުންކުރެވޭނެ އެންމެ ފަހު ތާރީޚަކީ 2030 ކަމަށާއި ނަމަވެސް މިގޭސް ބޭނުންކުރުން މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށް 2010 ވަނަ އަހަރު، ތައްޔާރުކުރި އެޗް.ސީ.އެފް.ސީ މަދުކުރުމުގެ މެނޭޖްމަންޓް ޕްލޭންގައި ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ، ޖައްވަށްދޫކުރާ ވިހަގޭސްތައް މަދު ނޫ އިގްތިސާދަކަށް ވާސިލްވުމަށާއި، މޫސުމީ ބަދަލުތަކާގުޅިގެން އަޅާ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނޭކަން ކަށަވަރު. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެއަށް މިއަހަރު އެކަން ހާސިލްވާނެ." މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން

މިއީ އޯޒޯން ފަށަލަ ހިމާޔަތް ކުރުމަށް ހަދާފައިވާ މުއާހަދާ "ވިއެނާ ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ދަ އޯޒޯން ލޭޔަރ" އަށް 35 އަހަރު ފުރޭ އަހަރު ކަމަށާއި މި މުއާހަދާއަކީ އ.ދގެ މުއާހަދާތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް މުއާހަދާ ކަމަށް މިނިސްޓަރުގެ ޚިތާބުގައިވެއެވެ.

މި މުއާހަދާގެ ދަށުން ގައުމުތަކުން އެއްބަސްވެފައިވާ މޮންޓްރިއޯލް ޕްރޮޓޮކޯލާއި އެއްގޮތްވާ ގޮތުގެމަތިން، ޖައްވަށް ދޫކުރާ ވިހަގޭސްތަކުގެ ބަދަލުގައި ބޭނުންކުރަންފެށި ރައްކާތެރި ގޭސްތަކުގެ ސަބަބުން، އޯޒޯންފަށަލައިގައި ހެދިފައިވާ ބާގަނޑު ބެދުންވަނީ ދާދި ގާތުގައި ކަމަށް ސައެންސްވެރިންވަނީ ބުނެފައި ކަމަށާއި އެހެންނަމަވެސް އަދި ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަ ކަން ޚިތާބުގައިވަނީ ފާހަގަކޮށްފައެވެ.

އޯޒޯން ފަށަލަ ރައްކާތެރިކުރުމުގެ މުހިންމު ކަމަށް ބާލާލާއިރު، އިރުން އަންނަ ޔޫ.ވީ ރޭޑިއޭޝަންގެ މިންވަރު މަތިވުމަކީ އިންސާނާގެ ސިއްހަތަށް އޭގެ ގެއްލުން ހުރި ކަމެއްކަން ފާހަގަކޮށް މިނިސްޓަރުގެ ޚިތާބުގައި ވަނީ ހަމުގެ ކެންސަރާއި، ލޮލަށްޖެހޭ ތަފާތުބަލިތަކާއި، ދިފާއީ ނިޒާމްގެ ބާރު ދެރަވުމަކީވެސް މިދެންނެވި ރޭޑިއޭޝަންގެ ސަބަބުން ދިމާވެދާނެ ކަންކަމަށެވެ.

ވޭތުވެދިޔަ 35 އަހަރުތެރޭގައި މިފަދަ ބަލިތައް އިންސާނުންނަށް ކުރިމަތިވާމިންވަރު ދަށްވެފައިވާކަމަށް ދިރާސާތަކުން ދައްކާ ކަމަށާއި އަދި މީގެއިތުރަށް އިރުގެ ގަދަ ހޫނުގެ ސަބަބުން ދަނޑުބިންތައް ހަލާކުވެ، ދަނޑުވެރިކަމުގެ އުފެއްދުންތަކަށް މިކަމުގެ ނޭދެވޭ އަސަރު ކުރާކަމަށް ޚިތާބުގައިވެއެވެ.

"ދިވެހި އިގްތިސާދުގެ މައި އެއްތަނބު ކަމުގައިވާ މަސްވެރިކަމަށްވެސް އަދި ފަތުރުވެރިކަމަށް ވެސް އޯޒޯންފަށަލައިގެ ދުޅަހެޔޮކަމުގެ މުހިއްމުކަން ވަރަށް ބޮޑު. ފުޑްޗެއިންގެ އަސާސީ ދިރުމެއް ކަމުގައިވާ ފައިޓޯޕްލެންކްޓޯންގެ އާބާދީއަށް އެންމެ އެކަށޭނެ މާހައުލެއް ގާއިމް ކުރުމުގައާއި، އެލް ނީނޯގެ ސަބަބުން މުރަކަ ހުދުވުމުން ފަރުތައް ރައްކާތެރިކުރުމުގައި އޯޒޯން ފަށަލަ މުހިންމު ދައުރެއް އަދާ ކުރޭ." ޑރ. ހުސައިން ރަޝީދު ހަސަން

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އާންމުކޮށް ދިވެހިރާއްޖޭގައި ބޭނުންކުރަމުން މިދަނީ ފިނިކުރާ ނިޒާމްތަކުގައި ކަމަށާއި އޭގެ ތެރޭގައި އޭސީއާއި ރެފްރިޖަރޭޓަރުތައް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވީހިނދު، ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް ފިނިކޮށް ބެހެއްޓުމަށް ފިނިކުރާ ނިޒާމްތަކުގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމަަށާއި މިނިޒާމްތަކުގައި ބޭނުންކުރާ ގޭހަކީ، އެންމެ ތިމާވެށްޓަށް ރަނގަޅު ގޭސްކަން އަޅުގަނޑުމެން އެބަ ޔަގީން ކުރަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޖައްވު ހޫނުވުމަށް މެދުވެރިކުރާ އެހެން މާއްދާއެއްކަމުގައިވާ ހައިޑްރޯފްލޯރޯކާބަންސް (އެޗް.އެފް.ސީ)، ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރަންޖެހޭނެ މަސައްކަތްތައް ފެށުމުގެ މަސައްކަތްވެސް މިއަންނަނީ ކުރަމުން ކަމަށާއި އެގޮތުން މި މާއްދާ އެންމެގިނައިން ބޭނުންކުރަނީ ކޮން ދާއިރާތަކެއްގައިތޯ ބެލުމަށާއި، އެ ދާއިރާތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ގެންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރުވެސް އަޅުގަނޑުމެން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި މިފަދަ އިންސެންޓިވް ޕްރޮގްރާމްތައް ހިމެނޭ. މިހާރު ޕްރޮގްރާމްތައް ބޮޑަށް އަމާޒުވެފައިވަނީ މަސްވެރިކަމުގެ ދާއިރާއަށް. ސަބަބަކީ މިހާރު ބޭނުން ކުރުން ހުއްޓާލުމަށް މަސައްކަތް މިކުރާ މާއްދާ އެންމެ ގިނައިން ބޭނުންކުރަމުންދަނީ އެ ދާއިރާގައި ކަމުގައިވާތީ." ޑރ. ހުސައިން ރަޝީދު ހަސަން

ދިވެހިރާއްޖޭގައި އެޗް.އެފް.ސީ ބޭނުން ކުރުން މަދުކުރުމަށްޓަކައި، އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ދަނީ ތައްޔާރުވަމުން ކަމަށާއި އެޗް.އެފް.ސީ މަދުކުރުމުގެ ޕްރޮގްރާމްގެ އަމާޒަކީ 2045 ވަނަ އަހަރު އަންނަންވާއިރަށް މިމާއްދާ ބޭނުންކުރާ މިންވަރު މަދުކުރުންކަމުގައި ވީއިރު، މިއިސްލާހުގެ ބޭނުމަކީ އެޗް.އެފް.ސީގެ ބަދަލުގައި ރައްކާތެރި އެހެން މާއްދާތަކާއި އާލާތްތައް ބޭނުންކުރަންފެށުން ކަމަށް ޚިތާބުގައިވެއެވެ.

އަދި ސާރވިސް ސެކްޓަރއަށް ބޭނުންވާނޭ މިންގަނޑުތަކެއް ކަނޑައަޅައި އެއަށް އަމަލުކުރުމާއި، ފިނިކުރުމުގެ ނިޒާމާއި ގުޅޭ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަކީ އެކަށީގެންވާ ތަމްރީން ލިބިފައިތިބި މީހުންކަމުގައި ހެދުން ކަމަށްވެސް މިނިސްޓަރގެ ޚިތާބުގައިވެއެވެ.

ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި، ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކަށް ފިޔަވަޅު އެޅުމަށް، ކުރިއަށްވުރެ ވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރާންޖެހޭ ކަމަށާއި އަންނާންއޮތް ޖީލުތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނީ އޭރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ބައިނަލްއަގްވާމީ އޯޒޯން ދުވަހުގެ ޝިއާރަކީ "އޯޒޯން ފަށަލަ ހިމާޔަތް ކުރުމުގައި 35 އަހަރު" އެވެ.