ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ތަސްތީގުކުރެއްވި މިބިލަކީ 2020 އޮގަސްޓު 31 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލާގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެވޭ ފަރާތްތަކަށް، ގާނޫނުއަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ތައައްސުބުން އެއްކިބާވެހުރެ މިނިވަންކަމާއެކު މަސައްކަތްކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެގޮތުން މިބިލުގައި، ޕިޖީގެ ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާނުކުރުމާއި، މަސްލަހަތު ފުށުއަރާ ވިޔަފާރި ނުކުރުމާއި، މަސްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމާއި، ސިޔާސަތުތައް އެކަށައެޅުމާއި، ސުލޫކީ ހަމަތަކާއި ޚިލާފުވުން ފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރަށް މާލީ ހިސާބު ހުށަހެޅުމާއި ސުލޫކީ ހަމަތަކާއި މުވައްޒަފުން ޚިލާފުވުމުން އަމަލުކުރާނެ ގޮތުގެ ތަފްސީލުވެސް މިއިސްލާހުގައި ވަނީ ބަޔާންކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއި ގުޅިގެން، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިޢު ކޮށްފައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.