ޖަޕާނުގެ ބޮޑުވަޒީރުގެ މަގާމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ޔޮޝިހިދޭ ސުގާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެ ވަޑައިގެންނެވި ޔޮޝިހިދޭ ސުގާއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖުގައި ޖަޕާނާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުމަކީ ބައިގަރުނަށްވުރެ ދިގު މާޒީއެއް އޮތް ގާތް ގުޅުމެއްކަން ފާހަގަކުރައްވައި، ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އައު ބޮޑުވަޒީރަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރަށް ޖަޕާނަކީ ރާއްޖޭގެ ތަރައްގީއަށް އަދަދު ނުކުރެވޭހާ ގިނަ އެހީތައް ފޯރުކޮށްދެމުން އަންނަ ގައުމެއްކަމާއި، ކޮންމެ އަހަރަކު ވެސް އެތައް ހާސް ފަތުރުވެރިންނެއް ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި، ޖަޕާނުގެ އައު ބޮޑު ވަޒީރުގެ ޒަޢާމަތުގައި ދެ ގައުމުގެ ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވައި، އައު ބޮޑުވަޒީރުގެ ޒައާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ފަހިކަން ގެނެސްދެއްވާނެކަމަށް ޔަގީންކުރައްވާކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޖަޕާނުގެ އައު ބޮޑު ވަޒީރަށް ފުރިހަމަ ސިއްހަތެއް ދެއްވުމަށާއި، އެ މަނިކުފާނުގެ ޒައާމަތުގައި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީއަށް އެދިވަޑައިގަންނަވަމުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.