ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއެއްގެ ސިއްހީ ހާލު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން އެމްއެންޑީއެފުން އެމީހާ މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 8:00 އެހާއިރު ކަމަށެވެ.

އުމުރުން 39 އަހަރުގެ ދިވެހި ފަޅުވެރިޔާ ކުއްލިއަކަށް ހޮޑުލައި، ހަށިގަނޑު އައްސިވެ ވަރުދެރަވާން ފެށިކަމުގެ ރިޕޯޓް ލިބުނުއިރު، ދޯނި އޮތީ ކ. ދިއްފުށީގެ 80 ނޯޓިކަލް މޭލު ބޭރުގައި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މާލެ އޭރިޔާއިން ވަގުތުން ހަރަކާތްތެރިވާން ފަށާއި، ކޯސްޓްގާރޑު ސީ އެމްބިއުލާންސްގައި ބަލިމީހާ މާލެ ގެނެސްފައިވަނީ މިއަދު މެންދުރުފަހު 15:20 އެހާއިރުއެވެ.

އެމްއެންޑީއެފުން އާންމުކުރި ވީޑިއޯއިން ފެންނަގޮތުގައި، ބަލިމީހާ ސީ އެމްބިއުލާންސްއިން ފައިބައި އެމްބިއުލަންސަށް އަރުވާފައިވަނީ ދެމީހަކު އަތުލަފިކޮށްގެންނެވެ. ކޮވިޑް ބަލީގެ ހާލަތާ ގުޅިގެން އެމީހާއަށް އެހީތެރިވި މީހުން ތިބީ ޕީޕީއީ އަޅައިގެންނެވެ.

ބަލިމީހާ އައިޖީއެމްއެޗަށް ގެންގޮސް މިހާރުދަނީ ފަރުވާދެމުންނެވެ. މިކަމާގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

މީގެއިތުރުން، ކަނޑުމަތީގެ އެހެން ހާދިސާއެއްވެސް ރޭ މެންދަމު ވަނީ ހިނގާފައެވެ.

8 މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް، ހދ. މަކުނުދޫ ފަރަށް އެރިކަމުގެ ރިޕޯޓް ފައިވަނީ ރޭ 2:08 އެހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

85 ފޫޓުގެ "ނަމޫނާ" ނަމަކަށްކިޔާ ދޯނި ފަރަށްއެރީ، ދޯނީގައި ހުރި މުދަލުން ބައެއް ހދ. މަކުނުދޫއަށް ބޭލުމަށްފަހު ފަޅުން ނުކުންނަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ފަރަށް އެރިއިރު ދޯނީގައި ހުރީ ހިލައާއި، ސިމެންތިއާއި، ދަގަނޑު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އެމްއެންޑީއެފުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ފަރަށް އެރުމުގެ ސަބަބުން ދޯނީގެ ބޮޑުބައެއް އޮތީ އަޑިއަށް ގޮސްފައެވެ.

މިހާދިސާ ހިނގުމާއެކު ދޯނީގައި ތިބި މީހުން މަކުނުދޫއަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ދޯނި މަކުނުދޫ ފަރަށް އަރާފައިވަނީ، މަކުނުދޫއަށް މުދާ ބޭލުމަށްފަހު އެއަތޮޅު ވައިކަރަދޫއަށް ދަތުރުފެށިތަނާއެވެ.