ރަޝިޔާއިން އުފައްދާ ކޮވިޑް ވެކްސިންގެ 100 މިލިއަން ޑޯޒްގެ ވެކްސިން އިންޑިއާއަށް ވިއްކަން ރަޝިޔާއިން އެއްބަސް ވެއްޖެއެވެ.

ރަޝިޔާގެ ގަމާލިޔާ ރިސާޗް އިންސްޓިޓިއުޓުން ތަރައްގީކޮށް އުފައްދާފައިވާ ވެކްސިނަށް ދީފައިވާ ނަމަކީ "ސްޕުޓްނިކް-5" އެވެ. މިއީ، ސޯވިއެޓް އިއްތިހާދުގެ ދުވަސްވަރު ދުނިޔެއިން އެންމެ ފުރަތަމަ ޖައްވަށް އުދުއްސާލި ސެޓެލައިޓްގެ ނަމެވެ.

މި ވެކްސިންގެ އެންމެފަހު މަރްހަލާގެ ކްލިނިކަލް ޓްރައިލްސް މިހާރުވަނީ ފެށިފައެވެ.

ރަޝިޔާގެ ކުންފުނިން ވެކްސިން ވިއްކަން އެއްބަސްވެފައިވަނީ އިންޑިއާގެ ޑރ. ރެޑީސް ލެބޯޓަރީސްއަށެވެ. ނަމަވެސް، ވެކްސިން ވިއްކަން އެއްބަސްވި އަގެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ކުންފުންޏަކަށް 100 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ވިއްކަން ރަޝިޔާއިން ނިންމިއިރު، ރަޝިޔާއިން ތަރައްގީ ކޮށްފައިވާ ވެކްސިންގެ 300 މިލިއަން ޑޯޒް އިންޑިއާގައި އުފެއްދުމަށްޓަކައި އިންޑިއާގައި ވެކްސިން އުފައްދާ ކުންފުނިތަކާއެކު ރަޝިޔާއިން ކުރިންވަނީ އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުން ހަދާފައިވަނީ ރަޝިޔަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑު، އާރްޑީއައިއެފުންނެވެ.

ރަޝިޔާގެ އާންމުންނަށް ވެކްސިން ދިނުމަށް އަންނަ އޮކްޓޫބަރު މަހަށް ޕްލޭންކޮށްފައިވާއިރު، ދުނިޔޭގެ އެކި ގައުމުތަކަށް ވެކްސިން ވިއްކުމުގެ މަސައްކަތްވެސް ރަޝިޔާއިން ގެންދަނީ ފުޅާކުރަމުންނެވެ.

ރަޝިޔާއަކީ ކޮވިޑް-19 އަށް ދުނިޔޭގައި ވެކްސިނެއް އުފައްދައި ރަސްމީކޮށް އެކަން އިޢްލާންކުރި ފުރަތަމަ ގައުމެވެ.

ކޮވިޑަށް ވެކްސިން ތަރައްގީކޮށް ކްލިނިކަލް ޓްރައިލްސް އެކި މަރްހަލާތަކުގައި ވާއިރު، ދުނިޔޭގެ ފުންނާބުއުސް އެތައް ކުންފުންޏަކުވެސް ވަރަށް ބާރަށް އެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ.

އޮކްސްފޯރޑު ޔުނިވަރސިޓީއާ ގުޅިގެން އެސްޓްރަޒެނެކާއިން ތަރައްގީކޮށްފައިވާ ވެކްސިންގެ ކްލިނިކަލް ޓްރައިލްސް ވެސް ވަރަށް ބާރަށް ކުރިއަށް އެބަގެންދެއެވެ. މިއީ، ދުނިޔޭގެ އެންމެ އިތުބާރުކުރެވޭ ވެކްސިނަށް ވާނެކަމަށް ވެއެވެ.

އެސްޓްރަޒެނެކާއިން އިނގިރޭސިވިލާތުގައި ކުރިއަށްދާ ވެކްސިން ޓްރައިލްސްގައި ވެކްސިން ދިން މީހަކު ކުއްލިއަކަށް ވަރަށްބޮޑަށް ބަލިވެގެން ޓްރައިލްސް މެދުކަނޑާލުމަށްފަހު މިހާރުވަނީ އަލުން ފަށާފައެވެ.

އެސްޓްރަޒެނެކާގެ ވެކްސިންގެ ކްލިނިކަލް ޓްރައިލްސް އިންޑިއާގައި ކުރިއަށް ގެންދިއުމުގެ ހުއްދަ ޑްރަގް ކޮންޓްރޯލަރ އޮފް އިންޑިއާއިން މިހާރުވަނީ ދަ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއަށް ދީފައެވެ.