• ހޮސްޕިޓަލްތަކުގައި ފަރުވާދެނީ 115 މީހަކަށް
  • 20 ރަށާއި، 29 ރިސޯޓުގައި އެކްޓިވް ކޭސްތައް
  • ގދ. ހޯނޑެއްދޫއާއި މަޑަވެލި މޮނިޓަރިންގައި

ރާއްޖެއިން އިތުރު 99 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 99 މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 65 ދިވެހިންނާއި، ބޭރު ގައުމުތަކަށް ނިސްބަތްވާ 34 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 92 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް 7 މީހުން ނިސްބަތްވަނީ ރަށްތަކަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 9،427 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 174 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ބައްޔަށް ޕޮޒިޓިވްވެ، ރާއްޖެއިން ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދުވަނީ 7،903 އަށް އަރާފައެވެ.

އިއްޔެ ރާއްޖެއިން 193 މީހަކު ބަލިން ފަސޭހަވެފައި ވެއެވެ. އިއްޔެ އަލަށް ޕޮޒިޓިވްވީ 85 މީހުންނެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 1،485 މީހުން ކަމަށެވެ. މީގެ ތެރެއިން 115 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ގެންދަނީ ފަރުވާދެމުންނެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްތައް ރިޕޯޓްކޮށްފައިވަނީ 20 ރަށާއި، 29 ރިސޯޓުންނެވެ.

29 ރިސޯޓުން 20 ފަތުރުވެރިންނާއި، 47 ސްޓާފުން އެކްޓިވް ކޭސަސްގެ ގޮތުގައި އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް ކޭސްތަކާ ގުޅިގެން މިވަގުތު މޮނިޓަރިންގައި އޮތީ ގދ. ހޯނޑެއްދޫއާއި މަޑަވެލި ކަމަށެވެ.