ރ. އަލިފުށީގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގާއިމްކުރި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ދަނޑުގެ މަސައްކަތް ނިމުނުކަން ހާމަކުރައްވަމުން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާލި ފަސް ވަނަ ބޮޑު ޓާފް ދަނޑު ކަމަށެވެ. މި ދަނޑުގައި ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ އިތުރުން ރޮސްޓްރޮމް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށް މަޙްލޫފް ވަނީ ވިދާޅުވެފައެވެ.

މި ދަނޑާއެކު އަލިފުށިން މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މަޙްލޫފް ވިދާޅުވިއެވެ. މަޙްލޫފް ވަނީ މި ދަނޑުގެ މަސައްކަތް ކުރުމުގައި އެރަށުގެ ޒުވާނުންނާއި ކައުންސިލް އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ދަނޑުގެ ސަބް ބޭސްގެ މަސައްކަތް 1,215,470.20 ރުފިޔާއަށް ކޮށްފައިވަނީ އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ސަބް ބޭސްގެ ބައެއް މަސައްކަތްތައް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުން ވެސް ކޮށްފައިވެއެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް 4،203،358.36 ރުފިޔާއަށް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. އެހެންކަމުން މި ދަނޑު ހެދުމަށް ޖުމްލަ 5,418,828.56 ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ.

މީގެކުރިން ޔޫތު މިނިސްޓްރީއިން ވަނީ ފ. ނިލަންދޫ، ނ. ހޮޅުދޫ، ތ. ވިލުފުށި އަދި ނ. ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާފައެވެ.