ކޮވިޑް-19 ބަލީގެ ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން މަސްޖިދުލް އަގްސާ އަނެއްކާވެސް ބަންދުކުރަން، މިސްކިތް ބަލަހައްޓާ އޮފީހުން ނިންމައިފިއެވެ.

ފަލަސްތީނުގެ ރަށްތަކުގައާއި، އިސްރާއީލުގައި ހަލުވިކަމާއެކު ކޮވިޑްބަލި ފެތުރެމުންދާތީ، މަސްޖިދުލް އަގްސާ ބަލަހައްޓާ އިސްލާމިކް ވަގްފް ޑިޕާޓްމަންޓުންވަނީ، ފަލަސްތީނުގެ ސިއްހީ ފަރާތްތަކާއެކު ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.

އަދި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު، މި ސެޕްޓެމްބަރުމަހުގެ 18 ވާ ހުކުރު ދުވަހުން ފެށިގެން 3 ހަފްތާގެ މުއްދަތަށް މިސްކިތް ބަންދުކުރުމަށް ވަގްފް އޮފީހުގެ މެމްބަރުން ވަނީ ނިންމާފައެވެ.

"މިއީ، އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމާއި ސަލާމަތަށް އަޅާ ފިޔަވަޅެއް. އަޅުގަނޑުމެން އުންމީދުކުރަން ހުރިހާ ފަރާތްތަކުންވެސް މި އަޅާ ފިޔަވަޅުތައް ގަބޫލުކޮށް ބަލައިގަންނާނެ ކަމަށް"
ވަގްފް ކޮމިޓީގެ މެމްބަރ ހާތިމް އަބްދުލް ގާދިރު

ނަމާދަށް އަންނަ މީހުންނަށް މިސްކިތް ބަންދުކުރި ނަމަވެސް، އިސްލާމިކް ވަގްފް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިސްކިތުގައި ނަމާދުކުރުމުގެ ހުއްދަ ދެވޭނޭ ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

މަސްޖިދުލް އަގްސާ 3 ހަފްތާއަށް ބަންދުކުރި ނަމަވެސް، އެ މިސްކިތުންނާއި، އަދި އަގްސާ މިސްކިތް ހުންނަ ގުދުސްގެ މުސްކުޅި އަވަށުގައި ހުރި ހުރިހާ މިސްކިތްތަކުން ގަވާއިދުން ބަންގި ގޮވަމުންދާނޭ ކަމަށްވެސް ވަގްފް ކޮމިޓީގެ މެމްބަރ ހާތިމް އަބްދުލް ގާދިރު ވިދާޅުވިއެވެ.

އަގްސާ މިސްކިތް ބަންދުކުރަން ވަގްފް އޮފީހުން ނިންމި މުއްދަތަކީ، ބަލީގެ ހާލަތު ބޮޑުވެގެން އިސްރާއީލު އަލުން 3 ހަފްތާއަށް ލޮކްޑައުން ކުރުމާ ދިމާވާ މުއްދެތެވެ. އަގްސާ މިސްކިތަށް ވަންނަ ދޮރާށިތައް ކޮންޓްރޯލް ކުރަނީ އިސްރާއީލުންނެވެ.

1967 ވަނަ އަހަރު އިސްރާއީލާއި އަރަބީންނާ ދެމެދު ކުރެވުނު ހަދުވަހުގެ ހަނގުރާމައިގެ ފަހުން އިސްރާއީލުން އޮންނަނީ ގުދުސްވެސް ހިމެނޭގޮތުން ހުޅަނގު އައްސޭރި ހިފާފައެވެ.

އަދި އިސްރާއީލުން މިހާރުވަނީ މުޅި ދުނިޔޭގެ ދެކޮޅު ހެދުންތަކާއެކުވެސް ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާއެވެ.

މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަގްސާ ހުންނަނީ ގުދުސްގައި ކަމަށްވާއިރު، އެ މިސްކިތް ބެލެހެއްޓުމުގެ ހުރިހާކަމެއް ކުރަނީ އުދުނުންނެވެ.

މިއީ، ކޮވިޑްބަލީގެ ހާލަތާ ގުޅިގެން މަސްޖިދުލް އަގްސާ ބަންދުކުރާ ދެވަނަ ފަހަރެވެ.

ފަލަސްތީނުގައި ކޮވިޑްބަލި ފެތުރޭން ފެށުމާ ގުޅިގެން ވަގްފް އޮފީހުން މަސްޖިދުލް އަގްސާ އެންމެ ފުރަތަމަ ބަންދުކުރީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. ދެމަހަށްވުރެ ގިނަދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްފަހު މަސްޖިދުލް އަޤްސާ އާންމުންނަށް އަލުން ހުޅުވާލީ މެއިމަހުގެ 31 ވަނަ ދުވަހުއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރިން ކޮވިޑް ބަލީގައި މިހާތަނަށް 214 މީހުން މަރުވެފައި ވާއިރު، 30،200 މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ.