ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް، ހައްލު ހޯދުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހީމް މިފަދައިން ވިދާޅުވެފައި މިވަނީ، ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަން ކުރުމާގުޅިގެން މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.

ގާސިމް އިބްރާހިމްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ދުނިޔޭގެ ތިމާވެށްޓަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯއްދެވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރ ފޮރ އެމްބިޝަންގެ މަގާމަށް ރައީސް މުހައްމަދު ނަޝީދު އައްޔަން ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރައީސް މުހައްމަދު ނަޝީދުވަނީ ބަންގްލަދޭޝް ސީ.ވީ.އެފް.ގެ ޕްރެޒިޑެންސީ ސްޕެޝަލް އެންވޯއި މރ. އަބްދުލް ކަލާމް އާޒާދުއާއި، ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ފޮރެސްޓް، އެންޑް ކްލައިމެޓް ޗޭންޖްގެ ބޭފުޅުންނާއި، ސީ.ވީ.އެފް. ޕްރެޒިޑެންސީއާއި އެއިދާރާގެ ބޭފުޅުންނާއި އަދި ދަ ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް އުފެއްދުމަށް ރައީސް ނަޝީދު ކުރެއްވި ބުރަ މަސައްކަތް ޑރ. ކަލާމް ވަނީ ފާހަގަ ކުރައްވާފައެވެ.

2009 އަހަރުގައި އުފެއްދި މިފޯރަމްގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކެވެ.