އެމްޓީސީސީ ބޯޓު ޔާރޑުގެ ޚިދުމަށް އަލުން ކަސްޓަމަރުންނަށް ހުޅުވާލަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ބޯޓްޔާޑްގެ ޚިދުމަތް ވަގުތޫ ގޮތުން ހުއްޓާލީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދު ފުރަބަންދަށް ދިއުމުގެ ސަބަބުން ކަމަށާ މިމަހުގެ 20 ވަނަ ދުވަހު އަލުން ޚިދުމަތަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބޯޑު ޔާޑު އަލުން އާންމު ކަސްޓަމަރުންނަށް ހުޅުވާލުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަނީ ނިމި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަށް ވެސް އެކަށައެޅިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީގެ ބޯޓްޔާޑަކީ ރާއްޖޭގައި ޑޮކިންގް ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑެވެ. މާލެ އަތޮޅު ތިލަފުށީގައި ޤާއިމްކޮށް ހިންގަމުންދާ މި ބޯޓްޔާޑަކީ އެއްފަހަރާ ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮތް ބޯޓްޔާޑެކެވެ.

2017 ވަނަ އަހަރު ޚިދުމަތަށް ނެރެވުނު 200 ޓަނުގެ ބޯޓް ހޮއިސްޓާއެކު، އެމްޓިސީސީ ބޯޓްޔާޑް ވެފައިވަނީ ޑޮކްކުރުމުގެ ކެޕޭސިޓީއާއި ޖާގައިގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ބޯޓްޔާޑަށެވެ. ހަމަ އެއާއިއެކު ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތު ބޮޑުވަމުން ދާއިރު، ކަނޑުގައިދުއްވާ އުޅަނދުތައް ގެންގުޅޭ ފަރާތްތަކުގެ، އިތުރުވަމުންދާ ބޭނުންތަކާ އެއްހަމައެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް، ކުންފުނީގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް ބޭނުންވާ އެންމެހާ ޚިދުމަތްތަކެއް އެއްތަނަކުން ފޯރު ކޮށްދިނުމުގެ މަޤްޞަދުގައި އެކުންފުނީގެ ބޯޓް ޔާރޑުން ތަފާތު ގިނަ އިންޖިނިއަރިންގް ޚިދުމަތްތަކާއި ޙައްލު ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން ބޯޓް ހޮއިސްޓް، ސްލިޕްވޭ ، ބޯޓް ޓްރެއިލަރ އާއި އެއާބޭގް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑޮކްކުރުމުގެ ޚިދުމަތް އެކުންފުނިން ފޯރުކޮށްދެމުންދާ ކަމަށާ އަދި ކަސްޓަމަރުންނަށް ބޭނުންވާ އެންމެހާ ޚިދުމަތްތަކެއް އެއްތަނަކުން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ތަފާތު ގިނަ އިންޖިނިއަރިންގް ޚިދުމަތްތަކާއި ޙައްލު ފޯރުކޮށްދެމުންދާ ކަމަށެވެ.