މިއަހަރު ބޭއްވުމަށް ރޭވި މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގެނައި ބޯޅަތައް ރާއްޖޭގެ ކޮންމެ ރަށަކަށް ހަދިޔާކުރަން ފަށައިފިއެވެ.

ވީނިއުސްއަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކަށް ބޯޅަ ހަވާލުކުރާނެ ކަމަށާއި ކޮންމެ ރަށަކަށް 10 ބޯޅަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި ބޯޅަތަކަކީ މިއަހަރު ބޭއްވުމަށް ނިންމި މިނިވަން ޗެމްޕިއަންޝިޕްް ފުޓްބޯޅަ މުބާރާތަށް އެފްއޭއެމް އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން ގެނައި ބޯޅަތަކެއް ކަމަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން މި މުބާރާތް މިއަހަރު ވަނީ ކެންސަލްކޮށްފައެވެ. މި ބޯޅަތައް ބަހަން ފަށާފައިވަނީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ މަޝްވަރާގެ މަތިންކަމަށް ޖަވާ ވިދާޅުވިއެވެ.

ކޮންމެ ރަށަކަށް ހަމަހަމަ އުސޫލަކުން ބޯޅަތައް ހަދިޔާ ކުރުމަށް ކަމަށާއި، އެ އުސޫލުގެ ދަށުން ބޯޅަ ހަދިޔާކުރާނީ އެކި ދާއިރާތަކުގެ މަޖިލިސް މެންބަރު މެދުވެރިކޮށް ކަމަށް ޖަވާ ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް މަޖިލިސް މެމްބަރުން މެދުވެރިކޮށް ބޯޅަ ހަދިޔާކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް ޖަވާޒް ވިދާޅުވިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ނެތްނަމަވެސް 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގު މުޅި ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމުން ވަނީ ޕްލޭންކޮށްފައެވެ. މި މުބާރާތް ޕްލޭންކޮށްފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން ކުރިޔަށްގެންދާ ގޮތަށެވެ.