ވައްކަމާ ދެކޮޅަށް އެމްޑީޕީން ވީ ވައުދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންދަވަނީ ރަނުންރަނަށް ފުއްދަވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މެމްބަރު ޔައުގޫބް މިހެން ވިދާޅުވެފައި ވަނީ ކޮވިޑާ ގުޅިގެން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހިފެންމަތިވެފައިވާ ވަގުތެއްގައެވެ.

މެމްބަރު ޔައުގޫބު ކުރެއްވި ޓްވީޓުގައި ވަނީ އެމްޑީޕީން ވައުދުވީ ވައްކަމާ ދެކޮޅަށް މަސައްކަތްކުރަން ކަމަށާއި ވައްކަމަށް ފުރުސަތު ނުދޭން ކަމަށެވެ. އަދި ވައްކަން ފަޅާއަރުވަން ކަމަށާއި ވައްކަންކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމަށް މެމްބަރު ކުރެއްވި ޓްވީޓުގައިވެއެވެ.

ރައީސް އެގެންދަވަނީ އެ ވައުދު ރަނުންރަނަށް ފުއްދަވަމުން. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކާއެކު އެބޭފުޅާ މަގާމުން ވަކިނުކުރައްވާ."
މެމްބަރު ޔައުގޫބް

މެމްބަރު ޔައުގޫބް މިހެން ވިދާޅުވެފަވާއިރު ކޮވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އަދި އާސަންދައިގެ އިތުރަށް އެންސްޕާ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އޮޑިޓް ރިޕޯޓްތަކުން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފައެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން، އެކަމުގެ ތަހުގީގު ނިންމެންދެން އެ މިނިސްޓްރީގެ މަސައްކަތްތަކުން މިނިސްޓަރ އަމީން ވަނީ އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދައި، އެ އޮޑިޓާ ގުޅޭގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ރިޕޯޓުގައި އެމިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މަސައްކަތް ކޮށްފައިވާކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު، އެކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާކަމަށާއި އެ ކުންފުންޏަކީ މީގެކުރިން ދިވެހި ސަރުކާރާއެކު އެއްވެސް ވަރަކަށް މުއާމަލާތެއްވެސް ކޮށްފައިވާ ކުންފުންޏެއް ނޫންކަމަށް ފާހަގަކޮށްފައިވެއެވެ.

އަދި އެކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދީފައިވާއިރު ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރަށް ކޮވިޑް19 އާ ގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓްގެ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި މީހުންނަށާއި މާލޭގައި ހާލުގައި ޖެހުނު މީހުންގެ ކެއުން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދީފައި ވަނީ، ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށް ވުރެ ބޮޑު އަގުގައި ކަމަށެވެ.

ނަމަވެސް އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވީ އޮޑިޓް އޮފީހުން ރިޕޯޓު ނެރެފައިވަނީ ބަލަން ޖެހޭ ކަންކަން ރަނގަޅަށް ނުބަލައި ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށެވެ.