ކޮވިޑް 19 ގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅައަށް މިއަހަރު 11 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމްއިއްޔާ ކަމަށްވާ ފީފާ އިން ބުނެފިއެވެ.

ކޮވިޑް 19 އާ ގުޅިގެން ފީފާއިން އެކުލަވާލި ކޮމިޓީގެ ޗެއަރމަން އޮލީ ރެއިން ވިދާޅުވީ މިއީ ބޮޑު ވެއްޓުމެއް ކަމަށާއި ކޮވިޑް-19 ގެ ސަބަބުން މުޅި ފުޓުބޯޅައަށް ގެއްލުންވެފައިވާ ކަމަށެވެ. މި ވައިރަސްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށާއި ޔޫތު އެކަޑަމީތައް ވެސް ހުއްޓާލަން ބައެއް ފަރާތްތަކަށް ޖެހިފައިވާ ކަމަށެވެ.

ފީފާއިން ވަނީ މިހާރު ވެސް 1.5 ބިލިއަން ޑޮލަރުގެ ފަންޑެއް އެހީ ދިނުމުގެ ގޮތުން ގާއިމްކޮށްފައެވެ. މި ފަންޑުން އެހީ ހޯދުމަށް މިހާރު ވެސް 150 އަށްވުރެ ގިނަ ފުޓްބޯޅަ އެސޯސިއޭޝަނަކުން ވަނީ އެދިފައެވެ.

ރެއިން ވިދާޅުވީ މީގެ އަސަރުތައް އަންނަ އަހަރަށް ވެސް ކުރާނެ ކަމަށެވެ. ކޮވިޑްގެ ސަބަބުން އެންމެ ބޮޑު މާލީ ގެއްލުމެއް ލިބުނީ ޔޫރަޕުގެ ފުޓްބޯޅައަށް ކަމަށްވީ ނަމަވެސް އެހެން ބައްރުތަކުގެ އެސޯސިއޭޝަންތަކަށް ލިބިފައިވާ މާލީ ގެއްލުން ޔޫރަޕަށް ނިސްބަތްވާ ގައުމުތަކުގެ އެސޯސިއޭޝަންތަކަށް ލިބުނު ގެއްލުމަށްވުރެ ބޮޑެވެ.

ކޮވިޑުގެ ހާލަތާއި އެކު ދަނޑަށް ސަޕޯޓަރުން ނުވައްދާ މެޗެއް ކުޅެމުންދަނީ

ކޮންމެ އެސޯސިއޭޝަނަކުން ވެސް ފީފާއަށް 1 މިލިއަން ޑޮލަރުގެ އެހީއެއް ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު އެ އިދާރާއިން ވަނީ ހުޅުވާލާފައެވެ. އަދި އަންހެން ފުޓްބޯޅައަށް ހާއްސަކޮށް 5 ލައްކަ ޑޮލަރުގެ އެހީއެއް ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް ދިނުމަށް ފީފާއިން ވަނީ ނިންމާފައެވެ. އަދި 5 މިލިއަން ޑޮލަރާ ހަމަޔަށް އެސޯސިއޭޝަންތަކަށް ލޯނު ދޫކުރުމަށް ފީފާއިން ވަނީ ނިންމާފައެވެ.

ފީފާއިން އާމްދަނީ ހޯދާ މައިގަނޑު ވަސީލަތްތަތަކީ ދަނޑަށް ވަންނަ ކުޅިބެލުންތެރިންނާއި ޓީވީ ރައިޓްސްގެ އިތުރުން ބޮޑެތި މުބާރާތްތަކާއި ގުޅިފައިވާ ސްޕޮންސަރުންނެވެ. ފީފާއިން ބުނީ ކޮވިޑުގެ ސަބަބުން މިކަންކަމުގެ ސަބަބުން އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

މިއަހަރު ފުޓްބޯޅައިން 46 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް ފީފާއިން އަންދާޒާކޮށްފައިވެއެވެ. އެހެން ނަމަވެސް ކޮވިޑާއި ގުޅިގެން މީގެތެރެއިން ތިން ބައި ކުޅަ އެއްބައި ވަނީ ގެއްލިގެން ގޮސްފައެވެ.