ގައުމުގައި ހުރި ކަންތައްތަކަށް ލޯހުޅުވި، ސިޔާސީ މައިދާނަށް ނުކުންނަން ދިމާވި އެއް ސަބަބަކީ ހުސައިން މުހައްމަދު ދެއްވި ފުރުސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދުގެ ހަނދާނުގައި ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ތައުބީނުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހުސައިން މުހައްމަދު އާއި އެންމެ ފުރަތަމަ ދިމާވީ މީގެ 32 ވަރަކަށް އަހަރު ކުރިން، ސްކޫލު ނިންމެވުމަށް ފަހު ޓީވީ މޯލްޑިވްސްގެ ވަޒީފާއާ ގުޅިވަޑައިގެންނެވި ހިސާބުން ކަމަށެވެ.

ހުސައިން މުހައްމަދަކީ ސިޔާސީ މައިދާނަށް ނުކުންނަން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެއީ އޭރު ބާއްވަމުން ގެންދިޔަ އަތޮޅުވެރިންގެ ބައްދަލުވުމުގައި ޓީވީއެމް ތަމްސީލުކުރައްވަން އެމަނިކުފާނަށް، ހުސައިން މުހައްމަދު ދެއްވި ފުރުސަތުކަމަށެވެ.

އޭރު ހުސައިން މުހައްމަދަކީ އަޅުގަނޑުގެ ވެރިމީހާ. އަޅުގަނޑަށް ވަރަށް އިތުބާރު ކުރައްވާ ވަރަށް ގިނަ މަސައްކަތްތަކެއް ހަވާލުކުރެއްވި ބޭފުޅެއް. އަދި އަޅުގަނޑަށް ހެޔޮއެދޭ އަޅުގަނޑުގެ ގާތް ރަހުމަތްތެރިއެއް. އަދި އެކުގައި މަސައްކަތްކުރަން ލިބުނު ކޮލީގެއް.
ރައީސް ސޯލިހް

އޭރު އުމުރުފުޅުން ގާތްގަނޑަކަށް އެކާވީސް، ބާވީސް އަހަރުކަމަށާއި އެ ފުރުސަތު ދެއްވުމުން ޖެހިލުންވިކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ބައްދަލުވުމުގެ ސަބަބުން ގައުމުގައި ހުރި ކަންތައްތައްތަކަށް ލޯހުޅުވިގެން ދިޔަކަމަށެވެ.

މީގެ އިތުރުންވެސް ގިނަ ކަންކަމުގައި އެމަނިކުފާނު ހުސައިން މުހައްމަދުގެ ލަފާއާއި މަޝްވަރާ ހޯއްދެވި ކަމަށާއި ހުސައިން މުހައްމަދަކީ ވަރަށް ރަނގަޅު ލަފާ ދެއްވި ބޭފުޅެއްކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އަދި ހުސައިން މުހައްމަދަކީ ތަފާތު ދާއިރާތަކުން ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ޚާދިމެއް ކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ހުސައިން މުހައްމަދާއި އެންމެ ފަހުން ވާހަކަދެއްކެވީ، އަވަހާރަވުމުގެ ގާތްގަނޑަކަށް ހަފްތާއެއް ކުރިން ކަމަށެވެ.

މިރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ހުސައިން މުހައްމަދަކީ ވަރަށް ހިތްޕުޅުހެޔޮ ސާދާ މިޒާޖެއްގެ ބޭފުޅެއްކަަމަށާއި ދުވަހަކުވެސް ހިތްހަމަ ނުޖެހޭ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ވިދާޅުވިއެެވެ .

ެައަދި އުނދަގޫ ވަގުތުތަކުގައިވެސް ވަރަށް ހިކްމަތްތެރިކޮށް މަސައްކަތްކުރައްވާފައިވާ ބޭފުޅެއް ކަން ފާހަގަކުރައްވާ ހުސައިން މުހައްމަދަކީ ބައްޕައެއްގެ ގޮތުގައި ބެލެވޭ ބޭފުޅެއްކަމަށްވެސް ނައިބު ރައިސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ހުސައިން މުހައްމަދުގެ ހަނދާނުގައި ރޭ ބޭއްވި ތައުބީންގެ ޖަލްސާގައި ރައީސްއާއި ނައިބު ރައީސް ގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރާއި އެ ޕާޓީގެ އިސް ބޭފުޅުންނާއި ހުސައިން މުހައްމަދުގެ އާއިލާގެ ބެފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.