ފްރަންޓްލައިންގައި މަސައްކަތްކުރާ 3000 މީހުންގެ މެދުގައި ހެދި އެންޓިބޮޑީ ޓެސްޓުން، 125 މީހުންގެ ގައިން އެންޓިބޮޑީ ފެނިފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި، އެމީހުންނާއެކު ދިރިއުޅޭ މީހުންގެ އެންޓިބޮޑީ ޓެސްޓު ހެދުމުގެ މަސައްކަތް އޭޑީކޭ ހޮސްޕިޓަލުން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެންޓިބޮޑީ ޓެސްޓު ހެދުމުން އެމީހަކަށް މީގެ ކުރިން ކޮވިޑް ބަލި ޖެހިފަ ހުރިނަމަ އެނގޭނެއެވެ.

ފްރަންޓްލައިން މަސައްކަތްތެރިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ދެނެގަތުމަށް އޭޑީކޭއިން ހެދި މި ޓެސްޓުގައި މުޅިއެކު 3،004 މީހަކު ޓެސްޓުކޮށްފައިވާއިރު، މި މީހުންގެ ތެރެއިން 125 މީހެއްގެ ހަށިގަނޑުން އެންޑިބޮޑީ ފެނިފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 412 މީހަކު މި ޓެސްޓުގައި ބައިވެރިވެފައިވާ ކަމަށެވެ. މި މީހުންގެ ތެރެއިން 7 އިންސައްތަ މީހުން އެންޓިބޮޑީއަށް ޕޮޒިޓިވްވެފައިވާކަމަށް އޭޑީކޭއިން ބުނެފައިވެއެވެ.

އަދި އެކި ކުންފުނިތަކާއި ޑެލިވަރީ ކުރާ މީހުންގެ 1257 ޓެސްޓު ހަދާފައިވާކަމަށާއި، މި މީހުންގެ ތެރެއިން 6 އިންސައްތަ މީހުންގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.

އޭޑީކޭއިން އިސްނަގައިގެން ފްރަންޓްލައިން މަސައްކަތްތެރިންގެ އެންޓިބޮޑީ ޓެސްޓު ހަދާފައިވާއިރު، އޭޑީކޭއިން ލަފާކުރާގޮތުގައި މާލެ ސަރަހައްދުގައި އުޅޭ 90،000 ފްރަންޓްލައިން މަސައްކަތްތެރިންގެ ތެރެއިން 4 އިންސައްތަ މީހުންނަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނެވެ.

އޭޑީކޭއިން ބުނީ މި އެންޓިބޮޑީ ޓެސްޓުގެ ރިޕޯޓުތައް މިހާރު ވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށާއި ކުންފުނިތަކާ ހިއްސާކޮށްފައި ކަމަށެވެ. އަދި ރާއްޖެއަށް ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓު ހެދުން މުހިއްމު ކަމަށާއި، މީގެ ދިރާސާތައް ހެދުން މުހިއްމު ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.