ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަންއާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނާ މައްސަލައެއްގައި ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. އަހްމަދު ޒިޔާދު ބާގިރުއާއި އިބްރާހިމް އަބްދުﷲ ސަޢީދުގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދާރުއްޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) އިމާރާތްކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަނާއިއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަހްގީގުކޮށް ނިންމައި، އެމައްސަލައިގައި ދައުވާކުރުމަށްޓަކައި 17 ސެޕްޓެންބަރު 2020ގައި، ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. އަހްމަދު ޒިޔާދު (ހަލަވެލި، ބ.އޭދަފުށި) އާއި، އޭރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް އަބްދުﷲ ސައީދު (މ.މުޙައްމަދީއާބާދު، ކ.މާލެ) ގެ މައްޗަށް ކަމަށްވެސް އޭސީސީން ބުނެއެވެ.

މި މައްސަލާއަކީ 1439ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުންކުރެވޭ ވަރަށް އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި 2 ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ސިޓީ ފޮނުވާފައިވާކަމާއި، ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، 3 ޕްރޮޕޯސަލްއެއްގެ މައުލޫމާތު ހިމަނައި އެ 3 ފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، މި ޕްރޮޕޯސަލްތަކުގެ މައުލޫމާތު ރައީސުލްޖުމްހުރިއްޔާގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވަނީ މި ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަންކަމަށް ތަހުގީގަށް ގަބޫލުކުރެވޭތީ ކަމަށް އޭސީސީން މައުލޫމާތުދެއެވެ.

އަދި އޭރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރި ޑރ.އަހުމަދު ޒިޔާދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވާފައިވާއިރު، އެ ޕްރޮޕޯސަލްތަކަކީ ކިހިނެއް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތުމުންނާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުސޫލު ނޫންކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވާ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައިނުވާކަން ތަހުގީގަށް އެނގިފައިވާތީ، އެމަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަހުގީގުގައި ހޯދާފައިވާ ކިތާބީ ހެކިތަކުންނާއި، ޝަފަޙީ ހެކިތަކުން ސާބިތުކުރެވޭތީ، ޑޮކްޓަރ އަޙްމަދު ޒިޔާދުގެ މައްޗަށް ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާ އާއި 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމީ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

އަދި މި އެއްބަސްވުމުގައި ހުރި ކަންކަމަށް ބަލާއިރު، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކޮށްފައިވާކަމަށް ތަހުގީގަށް ފާހަގަކުރެވޭތީއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުގެ ފަރާތުން މި އެއްބަސްވުމުގައި ޑރ.އަހުމަދު ޒިޔާދު ސޮއިކޮށްފައިވާތީ، މިކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއްލިބި، އެސް.ޖޭ ކޮންސްޓްރަކްޝަންއަށް ނަޖާއިޒް ފައިދާ ލިބިފައިވާތީ، ޑރ.އަހުމަދު ޒިޔާދުގެ މައްޗަށް ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމީ ކަމަށް އޭސީސީން ބުނެއެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޕްރޮޕޯސަލްތައް ހޯދާފައިވާއިރު، އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދު އެސް.ޖޭ ކޮންސްޓްރަކްޝަންއަށް މި މަޝްރޫއު ހަވާލުކުރުމަށް މަސައްކަތްކޮށްފައިވާތީއާއި ޒިކުރާ މިސްކިތް އިމާރާތްކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އިބްރާހީމް އަބްދުﷲ ސަޢީދު ބިން ހަވާލުކުރާ ލިޔުމުގައި ސޮއިކޮށް، ޒިކުރާ މިސްކިތް ހުރި ބިން އެސް.ޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާތީއާއި، އިސްލާމިކް މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާގޮތަށް އެސް.ޖޭ ކޮންސްޓްރަކްޝަންގެ ޕްރޮޕޯސަލްގައި ޒިކުރާ މިސްކިތް އިމާރާތްކޮށްދިނުމަށް ހިމަނާފައިވަނީ، އެ މައުލޫމާތުތައް އިބްރާހީމް އަބްދުﷲ ސައީދު ދީގެންކަން ފާހަގަވާން އެބަހުރި ކަމަށްވެސް އޭސީސީގެ ތަހުގީގުގައިވެއެވެ.

އިބްރާހީމް އަބްދުﷲ ސައީދު އާއި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ދެމެދު މަސްލަހަތު ފުށުއަރާފަދަ ގުޅުން އޮންނަކަން ތަހުގީގަށް ފާހަގަކުރެވޭތީ އާއި، ޒިކުރާ މިސްކިތް އިމާރާތްކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ހިމަނާފައިނުވާއިރު، އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދު އެ ޕްރޮޕޯސަލްތަކާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސް.ޖޭ ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަހުގީގަށް ސާބިތުވާތީ، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމީ ކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.