މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް 2 ހަފްތާގެ ކިޔެވުންވެސް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި މަހުގެ 20 އިން އަންނަ މަހުގެ 1 އަށް ކިޔަވައިދިނުން ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ.

މިހެން ނިންމާފައިވަނީ ކޮވިޑް-19 ގެ ހާލަތަށް ރިޢާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިންކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

އަދި މި ނިންމުން ދެ ހަފްތާ ފަހުން މުރާޖަޢާ ކުރެވޭނެ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު އަލުން ސްކޫލުތައް ހުޅުވާ ކިޔަވައިދޭން ފަށާފައިވަނީ ޖުލައި މަހުގެ 1ގައެވެ. މާލެ ފިޔަވައި އެހެން ހުރިހާ ސްކޫލެއްގައި ގްރޭޑް 1 އިން 12 އަށް ކިޔަވައިދޭން ފެށިއިރު މާލެ މާލޭސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ގްރޭޑް 9 އިން 12 އަށެވެ.

އޭގެ ފަހުން މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން ސްކޫލުތަކަށް ގޮސްގެން ކިޔެވުމުގެ ބަދަލުގައި ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮންނެވެ.

ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް މިފަހުން މަޑުމަޑުން މަދުވާން ފަށާފައިވާއިރު ބަލިން ފަަސޭހަވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.