މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލާއިރު ރާއްޖެ ފަދަ ބިންތިރި ގައުމަކަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާ ފައިސާގެ އެހީ ނުލިބޭނަމަ ދިމާވާނެ ގެއްލުންތަކާއި ގުޅޭގޮތުން މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ކަންބޮޑުވުން ފާޅުކުރައްވާފިއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެސަރޓިފިކޭޝަން (ޔޫއެންސީސީޑީ) އާއި ކޮމަންވެލްތް ގުޅިގެން ބޭއްވި ހައިލެވެލް މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދުނިޔެ ހޫނުވުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުމުގެ އިތުރުން މޫދުގެ ބައެއް ދިރުންތައް ނެތިދިއުން ފަދަ ކަންތައްތަކާއި ރާއްޖެފަދަ ޖަޒީރާ ޤައުމުތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި އެހެންކަމުން ޕެރިސް އެގްރީމަންޓުގައި ވާގޮތަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސް އަށްވުރެ އިތުރުވިޔަނުދިނުމަށް ހުރިހާ ގައުމުތަކުގެވެސް އެއްބާރުލުން ބޭނުންވާކަމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ނޫ އިގްތިސާދު ކަމަށާއި އެކަންތައް ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދައިގެންކަމަށާއި އަދި ތިމާވެށި ރައްކާތެރިކުރުމަށް މިހާރުވެސް ރާއްޖެއިން ގިނަގުނަ ކަންތައްތައް ކުރަމުންގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގުދުރަތީގޮތުން ޚާއްސަ ސިފަ ލިބިފައިވާ ތަންތަން ހިމާޔަތްކުރަމުން ގެންދަނީ. އަދި މި ކަންތައްތައް ހާސިލުކުރުމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެކަށީގެންވާ ފައިސާގެ އެހީ ބޭނުންވޭ."
މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން

މިނިސްޓަރ އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އެހެނިހެން ގޮތްގޮތުންވެސް ކަނޑުގެ ދިރުންތަކަށް ގެއްލުންލިބޭ ކަމަށާއި ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބެމުންދާކަމަށާއި މިކަންކަން ހައްލުކުރަން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށެވެ.

ޔޫއެންގެ 75 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑިޒަރޓިފިކޭޝަން (ޔޫއެންސީސީޑީ) އަދި ކޮމޮންވެލްތް ސެކްރެޓޭރިއެޓް ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި ޔޫ އެން ސީ ސީ ޑީ އާއި ކޮމަންވެލްތް ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު މެމްބަރު ގަމުގެތަކުގެ މެދުގައި މަޝްވާރާކުރެވުނު ކަމަށާއި އެގޮތުން، މި ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އަޅާ ފިޔަވަޅުތައް ބާރުމިނުގައި ކުރިއަށްގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ތިމާވެށްޓާބެހޭ ވަޒީރުންނާއި، ތިމާވެށްޓާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކުގެ އިސްވެރިންނާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް މަންދޫބުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ތިމާވެށްޓާބެހޭ ވަޒީރުންނާއި، ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ އިސްވެރިންނާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް މަންދޫބުން ބައިވެރިވިއެވެ.