މަރްހޫމް ހުސައިން މުހައްމަދުގެ މުޅި ހަޔާތުގެ މައްޗަށް ނަޒަރު ހިންގައިލީމާ އެއްވެސް އޮޅުމެއްނެތި ވަރަށް ސާފުކޮށް ފެންނާންއޮތް ހަގީގަތަކީ ހުސައިންގެ ހަޔާތުގެ މިސްރާބުހުރީ ގައުމު ބިނާކުރުމާއި އާރާސްތުކުރުމަށްކަމެވެ. މިމަސައްކަތުގެ އިލްމާއި ހުނަރު އާއްމުކުރެއްވުމާއި މަސައްކަތަށް ބޭނުންވާ މީހުން ތަމްރީނުކުރައްވައި ވަސީލަތްތައް ގާއިމުކުރެއްވުމަށްކަމެވެ. ކޮންމެތަނެއްގައި ހުންނަވައިގެންވެސް ހުސައިން މުހައްމަދު ކުރިޔަށް ވަޑައިގެންނެވީ މި ވިސްނުންފުޅުގައި މި މިސްރާބުންނެވެ.

ވަޒީފާޔާއި މަސައްކަތުގެ އަމަލީ މައިދާނަށް ހުސައިން މުހައްމަދު އެންމެ ފުރަތަމަ ނުކުމެވަޑައިގަތީ ހުޅުލޭ އެއަރޕޯޓުގައެވެ. އެންމެފުރަތަމަވެސް މެޓް އޮބްޒާރވަރެއްގެ ވަޒީފާއެވެ. އުދަރެހާއި އުދަރެހުގައިވާ އެކިބާވަތުގެ ވިލާތައް ތަހުލީލުކޮށް މޫސުން ލަފާކޮށްދެނެގަނެ އެކަން އިއުލާންކުރުމުގެ ވަޒީފާއެވެ. ބޭރުގެ ތަޖުރިބާކާރުންގެ ކިބައިން ތަމްރީނު ލިބިގެންނެވެ. އެއަށްފަހު މައިގަޑުގޮތެއްގައި އެތާގައި އޭނާ ކުރެއްވީ މިދާއިރާއިން އިތުރު ދިވެހިން ތަމްރީނު ކުރެއްވުމުގެ މަސައްކަތެވެ.

މޫސުން ކުރިޔަށް ލަފާކުރާނޭގޮތުގެ މައްޗަށް އެތައް ބަޔެއްގެ ލޯ ހުޅުވައި ދެވުނުތަނާ ސަރުކާރުން ހުސައިން މުހައްމަދު ބަދަލުކުރެއްވީ އެއަރޕޯޓުގެ އެންމެ އުހުގައިވާ ވަޒީފާޔަކަށެވެ. ދެން މަސައްކަތް ކުރައްވައްޖެހިވަޑައިގަތީ ޓަވަރުގައެވެ. އެމަސައްކަތުގެ ތަމްރީނަށްޓަކައި ސިލޯނުގެ ކަޓުނާޔަކާ އެއަރޕޯޓަށް ވަޑައިގެން އެއަރޓްރެފިކް ކޮންޓްރޯލާ ގުޅޭ މަސައްކަތް ދަސްކުރެއްވުމަށް އެތައްދުވަހެއް ހޭދަކުރެއްވިއެވެ. ހުސައިންއަކީ ބޭރުން ތަމްރީނުވި ދިވެހި ފުރަތަމަ އެއަރޓްރެފިކް ކޮންޓްރޯލަރެވެ. އެނބުރި ރާއްޖެވަޑައިގެން މި މަސައްކަތަށް ހުޅުލޭގައި އިތުރު ދިވެހިން އެންމެ ފުރަތަމަ ތަމްރީނު ކުރެއްވީވެސް ހުސައިން މުހައްމަދެވެ.

ދުވަސްތަކެއްފަހުން ސަރުކާރުން ހުސައިންގެ ވަޒީފާ ދެން ބަދަލުކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އެ މިނިސްޓްރީގެ ދަށުން ހިންގި އީޑީސީގައި އޮންނަ މީޑިއާ ޑިޕާޓްމަންޓުގައި ހުންނަވައިގެން ހުސައިން އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ ދުރު ހިސާބު ހިސާބުގައިވާ ރައްރަށާއި އަތޮޅުތަކަށް މައުލޫމާތާއި ހުނަރު ފޯރުކޮށްދެވޭނޭ ނިޒާމެއް ގާއިމު ކުރެއްވުމެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއްމަސައްކަތަކީ ޑިސްޓެންސް އެޑިއުކޭޝަން ޕްރޮގްރާމުގެ ނަމުގައި ދުރުން ތައުލީމުދޭނޭ ގޮތެއް އީޖާދުކުރެއްވުމެވެ. އެއީ 1980 އިގެ އަހަރުތަކެވެ. އެދުވަސްވަރަކީ ފޯނުގެ ޒަމާނެއް ނޫނެވެ. އެހެންވީމާ އެކިކަހަލަ ތައުލީމީ ޕްރޮގްރާމުތައް އީޑީސީގައި އުފައްދަވައި ރިކޯޑްކުރައްވައި އެ ޓޭޕުތައް އަތޮޅުތެރެޔަށް ފޮނުއްވައި އަތޮޅުތެރޭން ވޯކީޓޯކީގެ ޒަރީޔާއިން އެކަކު އަނެކަކަށް އަޑުއިއްވައި މީހުން ތަމްރީނު ކުރުމުގެ ކަންކަން ހިންގެވީ ހުސައިނެވެ.

ތައުލީމު ތަރައްގީކޮށް ފުޅާކުރުމުގެ މަރުކަޒުގެ އޯޑިއޯ ވިޒުއަލް ޑިޕާޓްމެންޓަކީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޑިޕާޓްމަންޓަކަށް ވެގެންދިޔައީވެސް ހުސައިން މުހައްމަދުގެ ރޭއްވެވުންތެރިކަމާއެކުގައެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުވި މަޝްހޫރު ޕްރޮގްރާމެއްކަމުގައިވި ރޭޑިއޯ ހަވީރަކީ އީޑީސީގައި ހުންނަވައިގެން ހުސައިން މުހައްމަދުގެ މޭސްތިރިކަމުގައި ތައްޔާރުކުރެވިގެން ފަރުމާކުރެވިގެން ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް ފޮނުވުނު ޕްރޮފްރާމްތަކެކެވެ. މިއީ އިޖުތިމާއީގޮތުންނާއި އިގްތިސާދީގޮތުން، މިހެންގޮސް ތަފާތު އެތަކެއް ދާއިރާގައި މިޒަމާނުގެ އަސާސީ ފިކުރުތަކާއި ހުނަރު ރައްޔިތުންނާ ހަމަޔަށް ފޮނުވުމަށްޓަކައި ހުސައިން މުހައްމަދުގެ މޭސްތިރިކަމުގައި ކުރެވުނު ވަރަށްވެސް އަގުހުރި މަސައްކަތެކެވެ.

އާބާދީ ތައުލީމުގެ ނަމުގައި ރައްޔިތުން ހޭލުންތެރިކުރުމަށް ހުސައިން މުހައްމަދުގެ މޭސްތިރިކަމުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ޑިޕާޓްމަންޓުން ހިންގި މަޝްރޫއަކީވެސް ހުސައިންގެ އަގުނުކުރެވޭފަދަ ޚިދުމަތްތަކެކެވެ. ލިބޭންހުރި ވަސީލަތްތަކަށް ނުކަތާވަރަށް އާބާދީ އިތުރުވުމުގެ ގެއްލުން މީސްތަކުންގެ ބޮލަށް ވައްދައިދީ ލިބޭ އާމްދަނީއާއި ތަނަވަސްވެފައިވާ ވަސީލަތްތަކަށް ފެތޭ މިންގަޑެއްގައި އާބާދީ ހިފެހެއްޓުމުގެ މުހިންމުކަމާމެދު ނެރެވުނު ލުއިފޮތްތަކާއި ޓޭޕަށް ރިކޯޑުކޮށްގެން އަތޮޅުތަކަށް ފޮނުވުނު ޕްރޮގްރާމުތަކާއި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް ދުރަށް ފޮނުވުނު ޕްރޮގްރާމުތަކަކީ އޭރަށް ބަލާނަމަ ބަޔަކު އަންތަރީސްވާފަދަ ފުރިހަމަ އެހާމެ ބުރަ މަސައްކަތެކެވެ. ކުރީއްސުރެ ދިވެހިންގެ ކިބައިގައި ދެމިގެން އަންނަ ޒަމާނާ ނުގުޅޭ ބައެއް އާދަތަކާ ދުރަށް ޖެހިލައި ކަންކަމާމެދު ޒަމާނީ ވިސްނުމެއް ގެންގުޅެން ރައްޔިތުން ލޯހުޅުވިގެންދިޔައީ އީޑީސީގައި ހުންނަވައިގެން ހުސައިން މުހައްމަދު ކުރެއްވި މިންނެތް މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ވިއުގައިގެ ތެރޭގައި ހުންނަވައިގެން ހުސައިން މުހައްމަދު ކުރެއްވި ގިނަގުނަ މަސައްކަތް ހަގީގަތުގައި ބަހާލަންޖެހެނީ ދެބަޔަކަށެވެ. ދެ ދައުރަކަށެވެ. އެއީ ގައުމު ބިނާކުރުމުގެ ވިސްނުމާއި ހުނަރު މީސްތަކުންގެ ކިބައިގައި އަށަގެންނެވުމަށް އީޑީސީ ތެރެއިން ހުސައިން މުހައްމަދު ކުރެއްވި މަސައްކަތުގެ ބަޔާއި އޭގެފަހުން އަހަރުތަކަކަށް ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރައްވައި އެދާއިރާއަށް ބޮޑެތި އިންގިލާބުތަކެއް ގެންނެވުމަށްފަހު ދެވަނަފަހަރަށް އެޑިއުކޭޝަން މިނިސްޓްރީއަށް ވަޑައިގެން ރާއްޖޭގެ ތައުލީމީނިޒާމުގެ އޮނިގަޑު އާރާސްތު ކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ބަޔެވެ. ދެވަނަފަހަރަށް އެޑިއުކޭޝަން މިނިސްޓްރީއަށް ވަޑައިގެން ހުސައިންގެ މުޅި ހަކަތަ ވަގުފުކުރެއްވީ ރާއްޖޭގެ ކަންކޮޅުތަކުގައި ސްކޫލް މަދަރުސާތައް ބިނާކުރުމާއި ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާނޭ ވަސީލަތްތައް ގާއިމުކުރުމުގެ ބުރަ މަސައްކަތަށެވެ.

އެދުވަސްވަރަކީ ރާއްޖޭގެ ކަންކޮޅުތަކުގައި ސަރުކާރުގެ ޚަރަދުގައި މިޒަމާނުގެ ފެންވަރަށް އެންމެ ގިނަ ސްކޫލްތައް ބިނާކުރެވުނު ދުވަސްވަރެވެ. މި ބުރަ އަދި އަގުނުކުރެވޭނެ ޚިދުމަތުގެ އެންމެ އިސްސަފުގައި ހުންނެވި ބޭފުޅަކީ ހުސައިން މުހައްމަދެވެ. މިއަދުވެސް މާލެޔާއި އަތޮޅުތަކުގައި ދަރިވަރުންނާއި މުދައްރިސުންނަށް ލިބޭ ޚިދުމަތްތަކާއި ބޭނުންކުރާ ވަސީލަތްތަކުގެ އޮނިގަޑު ފަރުމާކުރައްވައި އެ އޮނިގަޑު ގާއިމުކުރެއްވުމުގެ އެއްމޭސްތިރިޔަކީ ހުސައިން މުހައްމަދެވެ. އެހެންކަމުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބަރޯސާކުރާ އެންމެހައި ދިވެހިން ހުސައިންއަށް ދަރާފައިވާ ދަރަންޏަކީ ވަރަށްވެސް ބޮޑު ވަރަށްވެސް މަތިވެރި ދެރުމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއިން ގައުމު ބިނާކުރެއްވުމުގެ މަރުހަލާޔަށް ނިމުމެއް ގެންނަވައި އިސްތިއުފާ ދެއްވުމަށްފަހު ހުސައިން މުހައްމަދު ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތުމުގެ ހިކުމަތަކީވެސް ހަމަ ގައުމު ބިނާކުރެއްވުމެވެ. ޕޮލިސީ އެކަށައަޅައި ގާނޫނުތައް ހަދައި އެންމެމަތީ މަރުހަލާގައި ގައުމާއި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރެއްވުމަށް އޮތް މައިދާނަކީ ސިޔާސީ މައިދާންކަމަށް ފެނިވަޑައިގަތުމުންނެވެ. ސިޔާސީ މައިދާނަށް ހުސައިން ނިކުމެވަޑައިގަތީ އެއަތޮޅަކަށް ހުސައިން ނިސްބަތްވެވަޑައިގަންނަވާ އަރިއަތޮޅު އުތުރުބުރި، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ދެ މެންބަރުންގެ ތެރެއިން މެންބަރަކަށް 2004 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވި ހިސާބުންނެވެ.

އެދުވަސްވަރަކީ މިހާރު އަމަލުކުރަމުންމިދާ ފެހި ގާނޫނުއަސާސީ އެކުލަވާލައި ވުޖޫދުކުރުމަށް އެންމެ ބާރު ސްޕީޑުގައި މަސައްކަތް ކުރެވުނު ދުވަސްވަރެވެ. އެމަސައްކަތުގައި ހުސައިން މުހައްމަދު ވެވަޑައިގަތީ ވަރަށްވެސް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅަކަށެވެ. ހުސައިންއަކީ ކޮންމެހެންވެސް އެމަސައްކަތުގައި ހިމެނުން ލާޒިމްބޭފުޅެއްކަން ގާނޫންއަސާސީ ވުޖޫކުރި މަޖިލީހުގެ އެންމެހައި މެންބަރުންވެސް އިއްތިފާގުވެވަޑައިގަންނަވައެވެ. އާގާނޫނުއަސާސީ ވުޖޫދުކުރެވި ތަސްދީގުވެސް ކުރެވި ރާއްޖޭގައި އެއްޕާޓީއަށްވުރެ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަޓިކް ނިޒާމެއް ގާއިމުކުރުމާއެކު ރާއްޖޭގެ ސިޔާސީ މަލަމަތި އަބަދުގެ އަބަދަށް ވަނީ ބަދަލުވެގެންގޮސްފައެވެ. އެބަދަލުގެ ތެރޭގައި ހުސައިން މުހައްމަދުގެ ސާބިތުކަމާއި ހަރުދަނާ އަޚުލާގާއި ހުއްޖަތު ބަޔާންކުރެއްވުމުގައި ގެންގުޅުއްވި ތޫނުފިލިކަން ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ.

ރައްޔިތުންގެ މަޖިލީސް އާގޮތަކަށް ތަރުތީބު ކުރެވި އަތޮޅުތަކުގެ ބަދަލުގައި އިންތިޚާބީ ދާއިރާތަކެއް ވުޖޫދުކުރެވުނު ހިސާބުން 2009 ގައި ދެން ހުސައިން މަޖިލީހަށް އިންތިޚާބުވެބަޑައިގަތީ އަރިއަތޮޅު އުތުރުބުރީ މަތިވެރި ދާއިރާގެ މެންބަރަކަށެވެ. އެގޮނޑީގައި ފަސްއަހަރު ހޭދަކުރެއްވުމަށްފަހު 2014 ގައި އަނެއްކާވެސް ދެވަނަ ފަހަރަށް އެގޮނޑި ކާމިޔާބުކުރެއްވިއެވެ.

ޖުމްހޫރީޕާޓީއާ ހުސައިން މުހައްމަދު ގުޅިވަޑައިގަތީ 2012 ވަނަ އަހަރުއެވެ. އޭގެފަހުން ޖުމްހޫރީޕާޓީއަށް އެކި ރޮނގުރޮނގުން ޚިދުމަތްކުރެއްވުމުގައި ހުސައިންއަކީ ނަމޫނާ ދެއްކެވި ބޭފުޅެކެވެ. އިޚުލާސްތެރިކަމާއި ސާބިތުކަމާއި ހުނަރުވެރިކަމާއި ޖެހިލުންކުޑަކަމުގައި ހުސައިންވަނީ ގައުމަށް ބޭނުންވި ހަމަކޮންމެ ދަނޑިވަޅެއްގައި ނަމޫނާ ދިވެހިދަރިއެއްކަން ސާބިތުކޮށްދެއްވާފައެވެ. ސިޔާސީ ދާއިރާއަކީ އަޚުލާގާއި ވަފާތެރިކަމާއި އިޚުލާސްތެރިކަމާއި އިހުސާންތެރިކަމަށްވެސް ޖާގައޮތް ދާއިރާއެއްކަން އަމަލާއި ބަހުން އެތަކެއް ފަހަރު ހުސައިން ވަނީ ސާބިތުކޮށްދެއްވާފައެވެ. މިއީ ހުސައިން ދަންނަ އެކުވެރިންނާއި އެނޫން މީހުންވެސް އިއްތިފާގުވާނޭ ހަގީގަތެކެވެ.

ދެހާސް ނަވާރައިގައި ރައްޔިތުންގެ މަޖިލީހުން ނިކުމެވަޑައިގަތުމަށްފަހުވެސް ޖުމްހޫރީޕާޓީގެ ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުން އެޕާޓީއަށް ހުސައިންވަނީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. މަރުހޫމް ހުސައިން މުހައްމަދު އަވަހާރަވުމަކީ ޖުމްހޫރީ ޕާޓީއާއި ޖުމްލަކޮށް މުޅި ދިވެހިރާއްޖެއަށްވެސް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ. ދެރައެކެވެ. މާތް ﷲ އެމަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.