ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 30 މިލިއަން އަރައިފިއެވެ. މަރުވި މީހުންގެ އަދަދު އެއް މިލިއަން ފަހަނައަޅަނީއެވެ. ނިސްބަތުން ބަލާއިރު މަރުވާ އަދަދު މަދު ނަމަވެސް މީގައިހުރި ނުރައްކަލަށް ސަމާލުވާން ކެނޑިނޭޅި ތަޖުރިބާކާރުން އެދެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑޮކްޓަރުންވެސް އެދޭ އެންމެ ބޮޑު އެއް ކަމަކީ މިވައިރަހަކީ އާދައިގެ ބައްޔެއްގެ ގޮތުގައި ނުދެކުމެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގުއާއި އެޗްޕީއޭގައި އިސްކޮށް ހަރަކާތްތެރިވާ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި މިބައްޔައް އާންމުން ހޭލުންތެރިކޮށްދީ "ފަސޭހަކޮށް ކަންތައްތައް ދޫކޮށްނުލަން" އެދެނީ މިއީ އަދި ސީދާ ފަރުވާއެއް ހޯދިފައިވާ ބައްޔަކަށް ނުވާތީއެވެ.

"މިބަލީގެ އަލާމާތްތަކަކީ ދިވެހިންނަށް އާންމުކޮށް މި ޖެހޭ ރޯގާތަކުގައި ވެސް ހުންނަ ކަހަލަ ގޮތެއް. އެހެންވެ ފަސޭހަކޮށް މިލެވެނީ. އެކަމަކު ވިސްނަންޖެހޭ ކަމަކީ ބައްޔައް ޕޮޒިޓިވްވެފައި ހުރެ ޑޮކްޓަރަށް ނުގޮސް އެހެން ފަރުވާކުޑަކޮށްލެވިއްޖިއްޔާ އަމިއްލަ މީހާގެ އިތުރުން ތިމާގެ އެންމެ ގާތް މީހުންވެސް މިހުށަހެޅެނީ ނުރައްކަލަކަށްކަން،"
ޑރ. ނަޒްލާ

އެންމެ ފުރަތަމަ ހޯދުންތަކުން ބެލުނީ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނާއި ދާއިމީކޮށް ބައްޔަކަށް ބޭސްކާ މީހުންނާއި އެކި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ކަމަށެވެ. އެކަމަކު ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ސިއްހަތު ރަނގަޅު ޒުވާނުންވެސް އަންނަނީ ބަލިވަމުންނެވެ. އަދި ބަލިން ރަނގަޅުވިޔަސް ސިއްހީ އެކި މައްސަލަ ކުރިމަތިވާ މީހުން ގިނައެވެ.

ބައެއް ދިރާސާތަކުން ދައްކާ މަންޒަރު:

މުޅި ދުނިޔޭގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިގެންދިޔައިރު ގިނަ ގައުމުތަކުން ދިގު މުއްދަތަކަށް ލޮކްޑައުން އަކަށް ދިޔައެވެ. އެ މުއްދަތުގައި ސިއްހީ މައްސަލަތައް ކުރިމަތިވީ ހަމައެކަނި ކޮވިޑް-19ގެ ސަބަބުން އެކަންޏެއް ނޫނެވެ. ކޮވިޑް-19 އާ ހެދި ސިއްހީ އެހެން މައްސަލަތައް ވެސް އިތުރުވިއެވެ. ނަފްސާނީ ބަލިމަޑުކަމެއް ވެސް ފެތުރުނެވެ.

ރާއްޖެއަށް ވެސް އެމައްސަލަ ދިމާވިއެވެ. އެކަމަށް އިޝާރާތްކުރައްވައި، އައިޖީއެމްއެޗުގެ ސެންޓަ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ ވިދާޅުވީ ކަންކަމުން ލިބޭ ހާސްކަން ކުޑަކުރަން ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އަމިއްލަ ބާރު ހިނގާ ކަންތައްތަކަށް ސަމާލުކަންދިނުން ކަމަށެވެ.

"އޭގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވިދާނެ ވަރަށް އާދައިގެ ކަންތައްތަކެއް އެބަހުރި. އޭގެ ތެރޭގައި އަޅުގަނޑުމެންގެ އިޖުތިމާއީ ގުޅުން، ގައިދުރުކޮށްގެން ތިބެގެން ފޯނުން ވީޑިއޯ ކޯލްގެ ޒަރިއްޔާއިން ވިޔަސް އެކަން މެއިންޓެއިން ކުރުން ހިމެނޭ،"
ޑރ. އާފިޔާ އަލީ

ފަހުގެ ދިރާސާތަކަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހާއާމެދު މުޖުތަމައުއިން ދެކޭގޮތް ބަދަލުވާތީ ކުރިމަތިވާ ނަފްސާނީ މައްސަލަތައްވެސް އިތުރެވެ. އޭގެ ސަބަބުން ނަފްސާނީ ބަލިތަކަށް ބޭސް ކާންޖެހޭ މީހުން އިތުރުވާ ކަމަށް ޖަރުމަނުގެ ލިޕްޒިގު ޔުނިވާސިޓީން ކުރި ދިރާސާއަކުން ދެއްކިއެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ވަރަށް އަޅާލުން ދިނުމަށާއި އެމީހުން ބާކީ ނުކުރަން އެޗްޕީއޭއިން ވެސް ވަނީ ލަފާދީފައެވެ. އެއީ ބަލީގައި އެމީހާ ބަލިކޮށްލާ މިންވަރަށް ވުރެން ނަފްސާނީ ގޮތުން ކުރާ އަސަރު ކުޑަކުރުމަށެވެ.

ގއ. ވިލިނގިލީގައި ހުންނަ ހާއްސަ ފެސިލިޓީގައި ފަރުވާ ދިނުމަށް ގެންދިޔަ އުމުރުން ދުވަސްވީ މީހާ އެ ރަށަށް އެރުވުމާ ދެކޮޅަށް މުޒާހަރާކުރުމުން އެކަމާ ބެހޭގޮތުން ޑރ. ނަޒްލާވަނީ ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވާފައެވެ.

"އަޅުގަނޑުމެން އެކަކު އަނެކަކަށް ނުދިން އެހީތެރިކަމެއް އެހެން ދެން ވަކި ކޮން ފަރާތަކުންތޯ ދޭނީ؟ މިގޮތަށް ވަކި ރަށަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވާ މީހަކަށް ބައްޔެއް ޖެހިފައި ހުރިއޭ ކިޔަފާއި ތަފާތުކުރުމާއި ތަފާތު ގޮތަކަށް އޭނައާ ދޭތެރޭ ދެކުމާއި، މިއީ ކޮވިޑް-19 އަށް ވުރެ ވެސް ސީރިއަސް ބައްޔެއް ކަމަށް އަޅުގަނޑުމެން ދެކެނީ،"
ޑރ. ނަޒްލާ

ކޮވިޑް-19 ޖެހިފައި ރަނގަޅު ވިޔަސް ބައެއް މީހުންގެ ކިބައިން އެކި އަލާމަތްތައް ވަކި މުއްދަތަކަށް ދެމިހުރެއެވެ. އެ ގޮތުން ބައެއް ހޯދުންތަކުން އެނގެނީ ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކުގައި އުޅޭ މީހުން އިތުރަށް ބަލިކަށިވުމާއި ގައިގައި ރިއްސުން ފަދަ ކަންކަން ދިމާވާކަމެވެ. މިއީ އިންޑިއާނާ ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިން އިން. ކޮވިޑް-19 އިން ރަނގަޅުވި 1500 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދެއްކި ނަތީޖާއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 10،000 އާ ގާތްކޮށްފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 7700 އަށް ވުރެ މަތީގައެވެ. މިހާރު މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މި ބަލީގެ ނުރައްކާ ބޮޑުވެފައި ވާތީ ފަރުވާކުޑަކޮށްލެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

ރަނގަޅު ވިޔަސް ފަރުވާކުޑަކޮށްގެން ނުވާނެ:

ބޭރުގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އަމަލުކުރަމުން އަންނަ އުސޫލު ރަނގަޅެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހެއް ކަމުގައިވިޔަސް އަލުން އެމީހާ މުޖުތަމައުތެރޭ އުޅެންޖެހެނީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެންނެވެ. މާސްކް އެޅުން މަޖުބޫރުވެފައިވަނީ ބަލިން ރަނގަޅުވެފައިވާ މީހެއް ނޫނީ ބަލިނުޖެހޭ މީހެއް އިސްތިސްނާނުވާ ގޮތަށެވެ. އެއީވެސް ހަގީގަތުގައި މި ބަލީގެ ނުރައްކާ އޮތް މިންވަރުން އަމަލުކުރެވޭ އުސޫލެކެވެ.

ޗައިނާގައި މިދިޔަމަހު އެކަކު ހަމަސް ތެރޭ ދެވަނަ ފަހަރަށް ޕޮޒިޓިވްވި ކޭހެއް ފެންމަތިވުމުން އެކަމާ ގުޅިހެން ހޯދުނު ބައެއް ހޯދުންތަކަށް އިޝާރާތްކޮށް ސައިންސްވެރިން ބުނާގޮތުގައި ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހަކު އަލުން ޕޮޒިޓިވްވުމަކީ އެހާ ގާތްކަމެއް ނޫނެވެ. އަނެއްބައި ސައެންސްވެރިން ބުނާ ގޮތުގައި ބަލިން ރަނގަޅުވި ނަމަވެސް ވައިރަސްގެ އަސަރު ހަށިގަނޑުގައި މަސްތަކެއް ވަންދެން ހުރެދާނެ ކަމަށާއި އެމުއްދަތުގައި "ވައިރަސް ރިއެކްޓިވޭޓް" ވެދާނެއެވެ. އެހެންވުމުން ބަލިޖެހިފައި ރަނގަޅުވިޔަސް ރައްކާތެރިކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ.

ރާއްޖޭގައި މިހާތަނަށް އެކަކަށް ދެވަނަ ފަހަރަށް ކޮވިޑް-19 ޖެހުނު ކޭހެއް ފެންމަތިވެފައެއް ނެތެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް އެފަދަ ކޭހެއް ރިޕޯޓްކޮށްފައިވަނީވެސް މަދު ފަހަރަކު އެވެ. ބައެއް ސައިންސްވެރިން ފާހަގަކުރާ ގޮތުގައި މި ބައްޔައް ދެވަނަ ފަހަރު ޕޮޒިޓިވްވިޔަސް އެއީ އެހެން ވައިރަހަކުން މެދުވެރިވާ ކަމަކަށް ވެދާނެއެވެ. ނޫނީ އެމީހާގެ ދިފާއީ ނިޒާމް މަސައްކަތްކުރާ ލެވެލެއްގެ ސަބަބުން ކުރިމަތިވާ ކަމަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ކޮވިޑް-19 އާ ބެހޭ އާ ހޯދުންތައް ހޯދަން ސައިންސްވެރިން އަންނަނީ ރެޔާއި ދުވާލު މަސައްކަތް ކުރަމުންނެވެ. ސަބަބަކީ މީގެ ބިރުވެރިކަން އެއްކޮށް ނެތިގެންދާން އޮތީ ވެކްސިނެއް ލިބިގެން ކަމަށްވާތީއެވެ. ކޮންމެ ދުވަހަކު ކޮވިޑް-19އާ ބެހޭ އާ ހޯދުމެއް ތިލަވަމުން އަންނައިރު، އެންމެންގެ ނަޒަރު ބޮޑަށް ހިނގަނީ މިބަލީގެ ނުރައްކާތަކަށެވެ. އެއީ އަދިވެސް މިބަލީގެ އަސްލު ފުރިހަމައަށް ނުހޯދޭތީ އެވެ. އެކަމަކު ސިއްހީ ކަމާބެހޭ ހުރިހާ މާހިރުން އިއްތިފާގުވާ އެއް ކަމަކީ މި ވައިރަހާބެހޭ މުހިއްމު ގިނަ މައުލޫމާތުތަކެއް އެއްކުރެވޭނީ އަދި އަހަރުތަކެއް ހޭދަވެގެންނެވެ. އެހެންކަމުން އެއްވެސް މީހަކަށް މިބަލި އާދައިގެ ކަމަކަށް ހަދައިގެން އުޅެވޭކަށް ނެތެވެ.

ނޯޓު: މިއީ، ދިވެހި މީޑިއާ ގުޅިގެން ކުރިއަށްގެންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" މި ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.