ކޮވިޑް-19 ހުއްޓުވަން ކުރެވޭނީ ކޮން ކަމެއްތޯ ބައެއް މީހުން އަދިވެސް ސުވާލު ކުރެއެވެ. އެމީހުން ދެކޭ ގޮތުގައި، ފަރުދީ ފެންވަރުގައި އެކަމަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އެފަދަ އެކަކީ އަބްދުއްރަހީމް، 40، އެވެ. އޭނާ ދެކޭ ގޮތުގައި، އޭނާ ކިތަންމެ ބޮޑަކަށް ރައްކާތެރިވެގެން އުޅުނަސް މުޖުތަމައުގެ ތެރޭގައި އެބަލި މިހާރު ފެތުރިފައި އޮތް މިންވަރަށް ބަލާއިރު ދެން ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.

ކޮވިޑް-19 އަކީ އަދި ވެކްސިނެއް ނުވަތަ ވަކި ހާއްސަ ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށް ވިޔަސް އެ ބައްޔާ ބެހޭގޮތުންވެސް ސައިންސްވެރިން ވަނީ ވަރަށް ގިނަ މައުލޫމާތު ހޯދައި ހާމަކޮށްފައެވެ. އެގޮތުން، އެންމެންނަށް ވެސް ކަށަވަރުކަމާއެކު އެނގޭ އެއް ކަމަކީ، އެއީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެއް ކަމެވެ. އެއީ ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅުވާ ބައްޔެއްކަންވެސް ވަނީ ހޯދިފައެވެ. މިހާތަނަށް ހޯދުންތަކުން އެނގޭ ގޮތުގައި، ކޮވިޑް-19 ބަލިޖައްސާ ވައްތަރުގެ ކޮރޯނާވައިރަސް ހަށިގަނޑަށް އަރާތާ 14 ދުވަހަށްފަހު އެމީހެއްގެ ފަރާތުން އެހެން މީހުންނަށް އެ ވައިރަސް ދިއުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

މިއީ، އަބްދުއްރަހީމް މެން ފަދަ މީހުން ވިސްނާލަން ވަރަށް މުހިއްމު ކަމެކެވެ.

ވިސްނާލަން ފަސޭހައަކަށް މިތަނުގައި ދެ މިސާލެއް ހިމަނާލާނަމެވެ. އިބްރާހީމް ޝަރީފަކީ، މާލޭގެ ކާރޫބާރޫ ބޮޑު ބާޒާރުމަތީގައި ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާއާ އެކުގައި އުޅޭ މީހަކު ދާދި ފަހުން ކޮވިޑަށް ފައްސިވިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަމަލުކުރާ އުސޫލަކީ، އެ ބައްޔަށް ފައްސިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ އެންމެންގެވެސް ސާމްޕަލް ނަގައި އެކަހެރި ކުރުމެވެ. އެހެންވެ، އިބްރާހީމްގެ އެކުވެރިޔާއަށް އިބްރާހީމް ނަސޭހަތް ދީފައި އޮތީ ފައްސިވިޔަސް އިބްރާހީމްގެ ވާހަކަ ނުބުނުމަށެވެ. އެއީ، އެ ހާލަތުގައި އޭނާއަށް ފިހާރަ ހުޅުވައިގެން ވިޔަފާރިކުރަން ނީނދެވޭ ގޮތެއް ވެދާނެތީއެވެ.

އިބްރާހީމްގެ އެކުވެރި އަލީ އަކްރަމް ކޮވިޑަށް ފައްސިވުމުން ނުވަތަ އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިން ހެދިއިރު އިބްރާހީމްގެ މައުލޫމާތު އޮތީ ނުދީއެވެ. އެހެންވެ، އިބްރާހީމްގެ ސާމްޕަލެއް ނުނެގުނެވެ. އޭނާގެ ގައިން ބަލީގެ އަލާމާތެއްވެސް ނުފެންނާތީ، އާދައިގެމަތިން ގޮސް ފިހާރައިގައި އުޅުނެވެ. ކޮވިޑަކީ ސީރިއަސް ބައްޔެއް ކަމަށް މާބޮޑަށް ނުދެކޭތީ، މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވުން ފަދަ ކަންތައްތަކަށްވެސް އޭނާ ސަމާލުކަމެއް ނުދެއެވެ. އަތޮޅުތެރެއަށް ފުރާ ބޯޓަކަށްވެސް އިބްރާހީމްގެ ފިހާރައިން އޭގެ އަނެއް ދުވަހު މުދާ އެރުވިއެވެ. އެކަމުގެ ތެރޭގައި އެ ފިހާރައިގެ ބިދޭސީ މަސައްކަތު މީހާއާއި ބޯޓުގެ ފަޅުވެރިންނާ ދެމެދުވެސް ގިނަ މުއާމަލާތްތައް ހިނގިއެވެ.

އޭގެ ހަފްތާއެއްހާ ދުވަސް ފަހެވެ. އިބްރާހީމަށް ޚަބަރު ލިބުނު ގޮތުގައި، އޭނާ އާއްމުކޮށް ސައިބޯން ގޮސް އުޅޭ ހޮޓަލުގެ ބަޔަކު ކޮވިޑަށް ފައްސިވެއްޖެއެވެ. އޭނާގެ ފިހާރައިން މުދާ އެރުވި ބޯޓު ދަތުރުމަތީގައި ބަނދަރުކުރި ދެރަށަކުން ވެސް ކޮވިޑްގެ ކޭސްތައް ފެނިއްޖެއެވެ.

މިވީ ގޮތް މިހާރު އެންމެންނަށްވެސް ކޮންމެވެސް ވަރަކަށް އެނގޭނެއެވެ؛ މިވީ ގޮތަކީ، އިބްރާހީމްގެ އެކުވެރިޔާ ކޮވިޑަށް ފައްސިވިއިރު އޭނާވެސް ހަގީގަތުގައި ހުރީ އެ ބައްޔަށް ފައްސިވެފައެވެ. ކޮވިޑަކީ އެބަލި ޖެހޭ ކޮންމެ މީހެއްގެ ގައިން އަލާމާތްތައް ފެންނަ ބައްޔަކަށް ނުވާތީ އިބްރާހީމްގެ ގައިން އަލާމާތްތައް ނުފެނުނީއެވެ. އެހެންހުރެ ފިހާރަ ހުޅުވައިގެން އުޅުނުއިރު މާސްކް އެޅުމަށާއި އަތް ދޮވުން ނުވަތަ ސެނިޓައިޒާ ފަދަ އެއްޗެއް ބޭނުންކޮށްގެން ރަނގަޅަށް އަތް ސާފުކުރުން ކަހަލަ ކަންތައްތަކަށް ސަމާލުކަން ނުދިނުމުން، އޭނާގެ ގައިން ފިހާރައިގެ މަސައްކަތު މީހާއަށްވެސް ބަލި އެރީއެވެ. އެމީހުންގެ ފަރާތުން ބޯޓުގެ ފަޅުވެރިންނަށް އަދި ފަޅުވެރިންގެ ފަރާތުން ބޯޓު ދަތުރުކުރި ރަށްރަށަށް ބަލީގެ ޗޭނެއް ގެތިގެން ދިޔައީއެވެ.

ހޮޓަލުގެ މީހުންނަކީވެސް އެ ޗޭނުގެ ބޮޅެކެވެ. އެގޮތަށް ގޮސް، އިބްރާހީމްގެ ޗޭނުގައި 12 ވަރަކަށް މީހުން ހިމެނުނީއެވެ. އެ 12 މީހުންގެ ތެރޭގައި އިބްރާހީމް ފަދައިން އަމަލުކުރި ބަޔަކު ތިބެއްޖެނަމަ ވާނެ ގޮތް ހިޔާލަށް ގެންނާށެވެ. އަދަދުތައް ގުނަވެގެން ދާނެއެވެ. އެހެން ދާއިރު އޭގެ ތެރޭގައި ހައިރިސްކް މީހުން ތިބިނަމަ އެމީހުންނަށް ޖެހޭނީ ފެސިލިޓީއެއްގައި އެޑްމިޓްކޮށްގެން ފަރުވާދޭށެވެ. އެ ހިސާބުން އަނެއްކާވެސް ސިއްހީ ނިޒާމަށް އިތުރަށް ބާރު ބޮޑުވެގެން ދިޔައީއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި، އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ކޮވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓުން ހޯދަން ސުވާލުކުރުމުން މިހާރު ގިނަ ބަޔަކު ބުނަނީ ވީހާވެސް މަދު ބައެއްގެ ވާހަކަ ކަމަށެވެ. ޑރ. އަފްޒަލް ގަބޫލުކުރައްވާ ގޮތުގައި، ކުރިން ފައްސިވި މީހުންގެ ކޮންޓެކްޓުން ގިނަ އަދަދަކަށް ތިބެފައި މިހާރު އެ އަދަދުތައް ކުއްލިއަކަށް މަދުވެފައި ވަނީ މައުލޫމާތު ނުދޭތީއެވެ.

"ބައެއް ފަހަރަށް ކޭސްއެއް ފެނިގެން އޭނާ ގާތު އަހައިލީމާ، އޭނާ ކުރީގެ ކޭސްއަކާ ކޮންޓެކްޓްވިކަން އަޅުގަނޑުމެންނަށް އެބަ އެނގިގެންދޭ. އެހެން ނަމަވެސް، އެވަގުތު އެކަން ހަނދާން ނެތުނީއޭ، އޭރުގައި އެކަން އަންގަން ހަނދާން ނެތުނީއޭ ބުނެ، އޭރުގައި އެ މައުލޫމާތު ހަމަ އަޅުގަނޑުމެންނާ ހިއްސާ ނުކުރެވުނުކަން ހާމަވަނީ،"
ޑރ. އިބްރާހިމް އަފްޒަލް

އޭނާ ވިދާޅުވި ގޮތުގައި، އެ ގޮތަށް ކަންތައްކުރުން ހުއްޓުވުމަކީ ހަރުކަށި ފިޔަވަޅު އަޅައިގެން ކުރެވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ، އާއްމުންނަށް އެކަމުގެ މުހިއްމުކަން ވިސްނިގެން ނޫނީ ކުރެވޭނެ ކަމެއް ނޫންކަން ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ. އާއްމުން ވިސްނަންވީ، އޭނާ ވިދާޅުވި ގޮތުގައި، މިފަދަ ބޮޑު ބަލިމަޑުކަމެއް ހުއްޓުވޭނީ ކޮންމެ މީހަކުވެސް ސައްހަ މައުލޫމާތު ދީގެން ކަމެވެ.

ދެވަނަ މިސާލަކީ އަހުމަދު އަލީ ކަންތައް ކުރި ގޮތެވެ. އޭނާގެ އެކުވެރިންގެ ބަޔަކު ބައްޔަށް ފައްސިވި ވާހަކަ އިވުމާއެކު އަހުމަދު އެޗްޕީއޭއަށް ގުޅީ އަމިއްލަ އަށެވެ. އެހިސާބުން އެޗްޕީއޭ އިން އޭނާގެ ސާމްޕަލް ނެގުމަށްފަހު އޭނާއަށް އެންގީ ގޭގައި އެކަހެރިވުމަށެވެ. ފެސިލިޓީއަކަށް ގެންދިއުމާ ދެމެދު ހޭދަވި މުއްދަތުގައި އަހުމަދު އުޅުނީ ގޭގެ ކޮޓަރިއެއްގައި އައިސޮލޭޓް ވެގެންނެވެ. ގޭގެ އެހެން މީހުންނާ ކޮންޓެކްޓް ވެދާނެ ހުރިހާ ދޮރެއް އޭނާ އުޅުނީ ބަންދުކޮށްގެންނެވެ.

ކަރަންޓީނު ފެސިލިޓީއެއްގައި ހުރެ އަހުމަދު ރަނގަޅުވިއިރު، އޭނާގެ ފަރާތުން އިތުރު ކޮންޓެކްޓެއް ނެތެވެ. ބަލީގެ ޗޭނު އޭނާއާ ހިސާބުން ނިމުނީއެވެ.

ކޮވިޑުން ރައްކާތެރިވާން ކަމާބެހޭ ތަޖުރިބާކާރުން ދެއްވާ އިރުޝާދުތަކަކީ ވަރަށް އާދައިގެ އިރުޝާދުތަކެއް ކަމަށް ވިޔަސް، ހާލަތާއި މީހުން ދިރިއުޅޭ ތަންތަނަށް ހާއްސަކޮށްގެން ސިއްހީ މާހިރުން ގެންދަވަނީ ތަފާތު ގިނަ އިރުޝާދުތައް މެދުނުކެނޑި ދެއްވަމުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އަމަލުކުރަން ޖެހޭ ތަފާތު ގިނަ ގައިޑްލައިންތައް މިހާރު ވަނީ އެކުލަވާލައި ޝާއިއު ކޮށްފައެވެ.

އެޗްއީއޯސީން ތަކުރާރުކޮށް ހަނދާންކޮށްދޭ އެއް ކަމަކީ މަސައްކަތުގެ މާހައުލުގައި އުޅޭއިރު ބަލިފެތުރުނަ ނުދިނުމަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެވެ. އެޗްއީއޯސީގެ މީޑިއާ ބްރީފިންއެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، އޮފީސް މާހުލުގައި އުޅޭއިރު މިހާރު ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށެވެ. އެއީ، ރާއްޖޭގެ ގިނަ އޮފީސްތައް މިހާރު ހުޅުވައިގެން ހިދުމަތްދެމުން އަންނާތީއެވެ.

"ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އޮފީސް މާހައުލުގައި މަސައްކަތްކުރައްވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތާ އަދި ވަޒީފާދޭ މީހުންވެސް އޮފީސް މާހައުލުގައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެންގެ ގައިޑްލައިންތަކުގައި ވާނެ. އެހެންވީމާ، މި ގައިޑްލައިންތަކާ އެއްގޮތަށް ހުރިހާ ބޭފުޅުން ވެސް އަމަލުކުރެއްވުމަކީ މަސައްކަތުގެ މާހައުލުގައި ބަލިފެތުރުމުގެ ފުރުސަތު ކުޑަވާނެ ކަންކަން،"
ޑރ. ފާތިމަތު ނަޒްލާ ރަފީގް

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، އޮފީސް މާހައުލުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއް ކަމަކީ، މާސްކް އަޅައިގެން އުޅުމާއި މީހުންގެ މެދުގައި ގައިދުރުކަން ބެހެއްޓުމެވެ. މާސްކް އަޅާއިރު އެކަމުގެ ފައިދާ ކުރާ ގޮތަށް ރަނގަޅަށް އުސޫލުތައް ބަހައްޓަން އޭނާ ހަނދާންކޮށްދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މާސްކް އަޅައިގެން އުޅުމަށް ފަހުގައި އެކިއެކި ބޭނުންތަކަށް މާސްކް ނަގައިގެން އުޅުމަކީ ބައްޔަށް އެކްސްޕޯޒްވާނެ ކަމެކެވެ. އެހާލަތުގައި މީހަކު ބައްޔަށް ފައްސިވެއްޖެނަމަ، އެމީހުން ވާނީ ކޮންޓެކްޓުންނަށެވެ.

"އެހެންވީމާ، މި ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރެއްވުމަކީ މަސައްކަތުގެ މާހައުލުގައި ބަލިފެތުރުން ކުޑަވާނެ ކަންކަން،"
ޑރ. ފާތިމަތު ނަޒްލާ ރަފީގް

ޑރ. ނަޒްލާ ދެއްވި އިރުޝާދުން އެނގުނު ގޮތުގައި، އޮފީސްތަކަށް ނުކުންނަ މީހުންވެސް މަސައްކަތުގެ މާހައުލުގައި މާސްކް ނަގައިގެން، އެކުގައި ކައިބޮއި ހެދުން ފަދަ ކަންތައްތައް ކޮށްގެން ނުވާނެއެވެ.

ކޮވިޑް އެންމެ ފުރަތަމަ ފެނުނު ގައުމުކަމަށްވާ ޗައިނާގައި އެ ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވުމަށް ފަހު އޮފީސްތައް އަލުން ހުޅުވާލީ އެފަދަ ކަންކަމަށް ވަރަށް ރަނގަޅު އުސޫލުތައް ހަދައިގެންނެވެ. އެގޮތުން، މުވައްޒަފުންނަށް ކެއިންބުއިމުގެ ހިދުމަތް ދެވޭ ގޮތަށް ހުރި އޮފީސްތަކުގައި ޕާޓިޝަން ޖަހައި، އެކި މީހުން ކޮންޓެކްޓް ނުވާނެ އިންތިޒާމްތައް ހަމަޖައްސަން ޗައިނާ ސަރުކާރުން އެންގިއެވެ.

އިބްރާހީމާއި އަހުމަދުގެ މިސާލަށް ވިސްނާށެވެ. އެކަކު ބެލީ ކޮވިޑަކީ މާބޮޑު ކަމެއް ނޫން ކަމަށެވެ. އެހެންވެ، އޭނާ ބެލީ އެބަލިން ރައްކާތެރިވާން އަޅަން ޖެހޭ ފިޔަވަޅުތަކަށް ރައްކާތެރިވެވޭތޯއެއް ނޫނެވެ. ބަލިން ސަލާމަތްވުމަށާއި ސަލާމަތްކޮށް ދިނުމަށް ސަމާލުވުމުގެ ބަދަލުގައި އޭނާ ވިސްނީ ފިޔަވަޅުތަކުން ރެކެވޭނެ ގޮތެއް ހޯދައި އެ ގޮތަކަށް އުޅުމަށެވެ.

އޭގެ ނަތީޖާ ވަރަށް ހިއްޗެވެ. އޭނާގެ ފަރާތުން އިތުރު 12 ވަރަކަށް މީހުންނަށް ބަލިޖެހި، އޭގެތެރެއިން ބައެއް މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުނީއެވެ. މީގެ މާނައަކީ، އޭނާ ސަމާލުވާން ޖެހޭ ވަރަށް ސަމާލު ނުވުމުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ގެއްލުން ވުމެވެ. އިބްރާހީމަކީ ގަދަވެ ސަލާމަތުން ހުރި މީހަކަށް ވާތީ އެބަލީގެ ސަބަބުން އޭނާގެ އަމިއްލަ ހަށިގަނޑާއި ނަފްސަށް މާބޮޑު ކަމެއް ނުވުމަކީ އެހެން މީހުންނަށް ރައްކާތެރިކަން ނުދޭންވީ ސަބަބެއް ނޫނެވެ.

ނަގަންވީ އަހުމަދުގެ މިސާލެވެ. ބަލީގެ ޗޭނު ތިބާއާ ހިސާބުން ކަނޑައި އެއްލައިލާށެވެ. ކޮވިޑް ހުއްޓުވަން މިއީ އަމިއްލަ ހައިސިއްޔަތުން ކުރެވޭނެ އެންމެ މުހިއްމު ކަންތަކެވެ.

ތިބާ އާއި އަހަންނަށްވެސް ކޮވިޑް ހުއްޓުވޭނެއެވެ!

---

ނޯޓު: މިއީ، ދިވެހި މީޑިއާ ގުޅިގެން ކުރިއަށްގެންދާ "ކޮވިޑް ހުއްޓުވާނީ އަހަރެން" މި ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.