އިންޑިއާ ސަރުކާރުން ރާއްޖެއަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގެ އެހީއެއް ފޯރުކޮށްދީފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި 250 މިލިއަން ޑޮލަރުގެ އެހީ ހަވާލުކޮށްދެއްވީ އިންޑިއާ ސަފީރު ސަންޖޭ ސުދީރެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން 250 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލެއް ގަންނަ ގޮތަކަށް ދީފައިވާ މިއެހީއަކީ ފަހުން ދައްކަންޖެހޭ އެއްޗެކެވެ.

މި އަދަދު ފޯރުކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެސްބީއައިއަށް ސޮވެރިން ގެރެންޓީ ދީފައެވެ. މިފައިސާ ދިވެހި ސަރުކާރުން އަނބުރާ ދައްކަން ޖެހޭނީ 10 އަހަރުގެ ރީޕޭމެންޓް ޓެނިއާއަކަށް ފަހުއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖޭން އެންމެ ބޭނުންވާ ވަގުތު އެންމެ ބޭނުންވާ އެހީދޭ ގައުމެކެވެ.

މުޅި ދުނިޔެ ބަންދު ކުރިއަސް ދުނިޔޭގެ ވައިގެ ދަތުރު ފަތުރު ހުއްޓުމަކަށް އަޔަސް، ބޯޑަރުތައް ބަންދުކުރިއަސް، އިންޑިއާއިން ހުޅުވާފައިވާ ރަހުމަތްތެރިކަމުގެ ދޮރުތައް ބަންދު ނުކުރާނެކަން ދައްކައިދީފިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި އެހީއަކީ، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވުމަށްޓަކައި ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ދިން އެހީއެކެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން ވަނީ އެކިގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.