އޯލެވަލް ހަދާ ދަރިވަރުން އިމްތިހާނު ހަދާ ސެންޓަރުހުރި ރަށަށް ދިޔުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްއިން އެދިއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްއިން ކުރި އިއުލާނެއްގައިވަނީ، ކޮވިޑް-19 އާއި ގުޅިގެން އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށްރަށުގައި ތިބި ދަރިވަރުން 2020 ވަނަ އަހަރުގެ އޮކްޓޫބަރ/ ނޮވެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނު ހެދުމަށްޓަކައި އެކެންޑިޑޭޓަކު އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަކަށް މިމަހުގެ 27 ވާ އާދީއްތަ ދުވަހުގެ ކުރިން ދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ.

އޯލެވަލް ހަދާ ދަރިވަރުން އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަށް ދިޔުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްއިން އެދިފައިވާއިރު މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ކުރިން ތާވަލުކުރެވުނު ސާނަވީ އިމްތިހާންތައް އަންނަ އަހަރަަަަށް ފަސްކޮށް، އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް އެޑިއުކޭޝަނުން ވަނީ މީގެކުރިން ނިންމާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައިވަނީ، މިއަހަރުގެ އޮކްޓޫބަރ/ނޮވެމްބަރުގައި ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ސާނަވީ ނިންމާ އިމްތިހާންތައް 2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މިބަދަލާއެކު، އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައްވެސް މިއަހަރު ނޯންނާނެ ކަމަށާއި އެ އިމްތިހާންތައްވެސް އޮންނާނީ އަންނަ އަހަރުގެ މެއި/ޖޫން ގައި ކަމަށް ބުނެފައި ވެއެވެ.

މި ބަދަލުގެ ސަބަބުން ސްކޫލްތަކަަަަށް ޖާގައިގެ ގޮތުން ދިމާވާނެ ދަތިކަމުންނާއި މުދައްރިސުންނާއި އެހެނިހެން ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށް އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރެއިން ފެށުމަށް ސޯޝަލް ކައުންސިލުގެ ލަފަޔާއެކު ނިންމާފައިވާ ކަމަށްްވެސް މިނިސްޓްރީން ކުރިންވަނީ ބުނެފައެވެ.

މި ބަދަލު ދާއިމީ ބަދަލަކަށް ހެދުމަށް ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ދަނީ ހޯދަމުންނެވެ. މަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށް ގެނެވޭ ބަދަލުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށް އިމްތިހާންތަކުގެ ތާވަލަށް ބަދަލުގެނެސް ދިރާސީ އަހަރު ފަށާ ތާރީޚަށްވެސް ބަދަލުގެނެސްފައި ވާއިރު، މިހާތަނަށް ރާއްޖޭގައި ދިރާސީ އަހަރު ފަށަމުން އައީ ޖެނުއަރީގައެވެ.