ރާއްޖެއަށް މުހިންމު ދާއިރާތަކުން މީހުން ބިނާކުރުމާއި ތަމްރީނުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އިސްވެރިންނާއި ނައިބު ރައީސް ފައިސަލް ނަސީމް، ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ޒުވާނުންނަކީ މަސައްކަތްތެރި އަދި ފުދުންތެރި ބަޔަކަށް ހެދުންކަމުގައި ކަމަށެވެ.

އެގޮތުން ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް ތަމްރީނުކުރުމަށް އިސްކަންދިނުމަށާއި، ރަށްރަށުގައި ތިބެގެން ތަމްރީނުތަކާއި ކޯސްތަކުގައި ބައިވެރިވެވޭނެ ގޮތަށް ކަމާއިގުޅޭ ވުޒާރާތަކާއި، ގައުމީ ޔުނިވަރސިޓީއާއި، އަދި އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތްކޮށް ކޮށްދެއްވުމަށް ނައިބު އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އަދި ވަކިން ޚާއްސަކޮށް، ފަތުރުވެރިކަމުގެ ދާއިރާފަދަ މަތީ ފަންތީގެ މަގާމުތަކުގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް މަދުކަމުގައި ފާހަގަކުރެވޭ ދާއިރާތަކުން އިތުރު ދިވެހިން ތަމްރީނުކުރުމަށް ގައުމީ ޔުނިވަރސިޓީއާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ، އެ ބޭފުޅުންގެ ވުޒާރާތަކާއި ގުޅޭ ދާއިރާތަކުން މީހުން ތަމްރީނުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަންކަން ފާހަގަކުރައްވާފައެވެ.

ތަމްރީނުވެފައިވާ މީހުން ނުލިބުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަޒީރުން ޚިޔާލުފާޅުކުރައްވައި، މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ގައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ވަނީ، ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުން މިހާރު ބިނާކުރުމަށް ކުރިއަށްގެންދާ ކޯސްތަކާއި ގުޅޭ މަޢުލޫމާތާއި އަދި މިހާރު ރާއްޖެއަށް އެންމެ ބޭނުންވާ ގޮތްތަކަށް ކޯސްތައް ފަރުމާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އެ ބޭފުޅުންގެ ޚިޔާލުތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ މުސްތަފާ ލުތުފީއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އާއިޝަތު އަލީއާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހީމް ހަސަނާއި، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ އަބްދުﷲ މައުސޫމްގެ އިތުރަށް ގައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.