• ހޮސްޕިޓަލްތަކުގައި ފަރުވާދެނީ 107 މީހަކަށް
  • 24 ރަށާއި 26 ރިސޯޓްގައި އެކްޓިވް ކޭސްތައް

ރާއްޖެއިން އިތުރު 75 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ

ހެލްތު ޕްރޮޓެކްޝަން އޭޖެންސިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 75 މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި، ބޭރު ގައުމުތަކަށް ނިސްބަތްވާ 53 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 72 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. އަނެއް 3 މީހުން ނިސްބަތްވަނީ ރަށްތަކަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 9،724 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 73 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ބައްޔަށް ޕޮޒިޓިވްވެ، ރާއްޖެއިން ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދުވަނީ 8،261 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 1،424 މީހުން ކަމަށެވެ. މީގެތެރެއިން 107 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ގެންދަނީ ފަރުވާދެމުންނެވެ.

ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިވަގުތު އެކްޓިވް ކޭސްތައް ރިޕޯޓްކޮށްފައިވަނީ 24 ރަށާއި، 26 ރިސޯޓުންނެވެ.

26 ރިސޯޓުން 15 ފަތުރުވެރިންނާއި، 39 ސްޓާފުން އެކްޓިވް ކޭސަސްގެ ގޮތުގައި އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.