މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު އިޢްލާނެއްގައި ބުނެފައިވަނީ، މީޑިއާ ކައުންސިލުން ހުސްވެފައިވާ މަގާމުތަކަށް ކެންޑިޑޭޓުން ކުރިމަތިލުމަށް ކުރިން ކުރި އިޢްލާނަށް އެދެވޭ ތަރްހީބެއް ލިބިފައި ނުވާތީ މުއްދަތު އިތުރުކުރީ ކަމަށެވެ.
އެމްއެމްސީ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކައުންސިލްގައި ތިއްބަވާ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 11 ވަނަދުވަހަށް ހަމަވާތީއެވެ.
މެމްބަރުކަމަށް ކުރިމަތިލުމަށް ފުރަތަމަ ދިން މުއްދަތު ހަމަވަނީ 21 ސެޕްޓެމްބަރު 2020 (މިއަދު) މެންދުރުފަހު 14:00 އަށެވެ. މުއްދަތު އިތުރުކޮށްފައިވަނީ މި ސެޕްޓެމްބަރުމަހުގެ 28 ވާ ހޯމަދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.
މިއަދުގެ ނިޔަލަށް މެމްބަރުކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުންވެސް ފޯމާއި ލިޔެކިއުންތައް އަލުން ހުށަހެޅުމަށް ހޯމް މިނިސްޓްރީގެ އިޢްލާނުގައި ބުނެފައި ވެއެވެ.
އަންނަ ޑިސެމްބަރުމަހު ދައުރު ހަމަވަނީ މީޑިއާ ކައުންސިލްގައި މީޑިއާތައް ތަމްސީލުކުރާ 7 މެމްބަރަކާއި އާއްމުންގެ ތެރެއިން ކައުންސިލަށް އިންތިޚަބުވެފައިވާ 6 މެމްބަރެއްގެއެވެ.
މީޑިއާ ކައުންސިލްގައި ހިމެނެނީ ޖުމްލަ 15 މެމްބަރުންނެވެ. އެއީ، މީޑިއާގައި މަސައްކަތްކުރާ 8 މެމްބަރުންނާއި، އާންމުންގެ ތެރެއިން އިންތިޚާބުކުރާ 7 މެމްބަރުންނެވެ.
އެމްއެމްސީގައި މިހާރު ތިއްބެވި 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު ހަމަވާތީ، މެމްބަރުކަމަށް ކުރިމަތިލުމަށް ހޯމް މިނިސްޓްރީން ހުޅުވާލި ނަމަވެސް އިންތިޚާބު އޮންނާނެ ދުވަހެއް ހަމަކޮށްފައެއް ނުވެއެވެ.
މީޑިއާ ކައުންސިލުގެ މެމްބަރުންގެ ދައުރަކީ ދެއަހަރެވެ. ގާނޫނު ބުނާގޮތުން މިކައުންސިލުގައި އެއްވެސް މެމްބަރަކަށް ޖެހިޖެހިގެން ދެދައުރެއް ނުފުރޭނެއެވެ.