ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ދަށުން "ކޮވިޑް ހުއްޓުވާނީ އަހަރެން - ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް، ވީޑިއޯ އަދި ފޮޓޯ މުބާރާތެއް ހުޅުވާލައިފިއެވެ.

އަގުހުރި ފައިސާގެ އިނާމު ހުށަހެޅިފައިވާ މިމުބަރާތުގައި ވީޑިއޯއާއި ފޮޓޯ ތައްޔާރުކޮށް ފޮނުވަން ޖެހޭނީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯއާއި ފޮޓޯ ކަމަށް، ކެމްޕޭނުގެ ހިންގާ ކޮމިޓީން ބުނެފައި ވެއެވެ.

ވީޑިއޯ މުބާރާތް؛

ވީޑިއޯ މުބާރާތުގައި ބައިވެރިކުރާ ވީޑިއޯއެއްގެ ދިގުމިން 30 ސިކުންތަށް ވުރެ ދިގުވެގެން ނުވާނެ ކަމަށާއި، ވީޑިއޯގައި އޯޑިއޯ ވޮއިސް، ބެކްމިއުޒިކް ހިމަނާނަމަ، ހިމަނަންވާނީ ސާފުކޮށް އަޑުއަހަން ފަސޭހަ ވާނެ ގޮތަކަށް ކަމަށާއި އަދި ހުރިހާ ވީޑިއޯއެއް ހުންނަން ވާނީ، mp4 ފޯމެޓްގައި ކަމަށްވެސް ބުނެފައި ވެއެވެ.

ފޮޓޯ މުބާރާތް؛

ފޮޓޯ މުބާރާތުގައި ހިމަނާ ފޮޓޯތަކުގައި، ތީމްއާ ގުޅޭގޮތުން ދޭ މެސެޖް، އަސަރު ސާފުވާން ވާނެ ކަމަށާއި، ފޮޓޯތައް ހުންނަންވާނީ، JPG, JPEG or PNG ފޯމެޓްގައި ކަމަށްވެސް ހިންގާ ކޮމިޓީން ބުނެފައި ވެއެވެ.

ވީޑިއޯ އަދި ފޮޓޯ މުބާރާތުންކުރެ ކޮންމެ މުބާރާތަކުން 1،2،3 ހޮވުމަށް ހަމަޖެހިފައިވާ ކަމަށާއި، ވަނަވަނައަށް ދާނީ މުބާރާތް ނިމޭއިރު، އެންމެ ގިނަ ލައިކް އަދި ޝެއާ ލިބިފައި ހުންނަ ވީޑިއޯ އަދި ފޮޓޯއަށް ކަމަށްވެސް ބުނެފައިވެއެ.

1 ވަނަ ވީޑިއޯއަށް 15،000 ރުފިޔާ، 2 ވަނަ ވީޑިއޯއަށް 10،000 ރުފިޔާ، އަދި 3 ވަނަ ވީޑިއޯއަށް 7،000 ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށަހަޅާގައެވެ.

އަދި 1 ވަނައަށް ހޮވޭ ފޮޓޯއަށް 10،000 ރުފިޔާ، 2 ވަނަ ފޮޓޯއަށް 5،000 ރުފިޔާ އަދި 3 ވަނަ ފޮޓޯއަށް 3،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައި ވެއެވެ.

ވީޑިއޯ އަދި ފޮޓޯ މުބާރާތުގައި ބައިވެރިކުރާ ތަކެތި މިމަހުގެ 30 ވާ ބުދަދުވަހުގެ އިރުއޮއްސި 6 އަށް ފޮނުވުމަށާއި، ތަކެތި ފޮނުވާނީ 7231002 ޓެލެގްރާމް ނަންބަރަށް ކަމަށް "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ހިންގާ ކޮމިޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މުބާރާތުގައި ބައިވެރިކުރާ ތަކެތި، އަންނަ އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހު "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނުގެ ފޭސްކްބް ޕޭޖުގައި ޕޯސްޓްކޮށް ޝެއާ ކުރުމަށާއި ލައިކްސް ހޯދުމަށް އާންމުކޮށް ހުޅުވާލުމަށްވަނީ ހަމަޖައްސާފައެވެ.

މި މުބާރާތުގެ ދަށުން ޕޯސްޓުކުރާ ވީޑިއޯ އަދި ފޮޓޯ ޝެއާކޮށް ލައިކް ހޯދުމަށް ހުޅުވާލާ ފުރުސަތު ބަންދުވާނީ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖަހާއިރު ކަމަށާއި، މުބާރާތުގެ ނަތީޖާ ފާޅުކުރާނެ ދުވަހާއި ވަގުތު އެދުވަހު އިއުލާން ކުރެވޭނެ ކަމަށްވެސް ކެމްޕެއިނުގެ ހިންގާ ކޮމިޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.