މިދިޔަ އަހަރުގެ ފަހުކޮޅު ދުނިޔެއަށް ބިންދާލި ކޮވިޑް-19 ގެ ރާޅުގެ ބާނީގައި ޖެހި އިބްރާހިމް ރަޝީދުވެސް އޮޔާ ގެންދިޔައެވެ. ހިކިފަސްތަނަކަށް އަތުވީ އުފަން ރަށެވެ.

އޮފީހުން މުސާރަ ކުޑަކުރުމުން، މާލޭގައި ކުއްޔަށް ހިފާފައިވާ ތަން ދޫކޮށް ރަށަށް ބަދަލުވާން މަޖުބޫރުވީއެވެ. އެއީ އަބަދުވެސް ކުރަން ބޭނުންވެ އެކަމަކު ކުރަން ވުމުން ފަހަތު ފަޔަށް ބުރަވާ ކަމެކެވެ. މިފަހަރު މަޖުބޫރީ ހާލަތެއްގައި ނަމަވެސް، އުފަން ރަށަށް ދާން ޖެހުމުން ރަޝީދު ހުރީ ފާޑަކަށް ހިތްހަމަޖެހިފައެވެ.

މާލޭގައި އުޅެމުންދިޔަ ތަން ދޫކޮށްލަންވެގެން ފަރުނީޗަރުތައް ރޫޅާލުމުގެ މަސައްކަތުގައި ބަންގްލަދޭޝްގެ ބަޔަކާ އެކު އޭނާ އުޅުނީ ނިކަން ފޯރީގައެވެ. އެއްޗެހި އުފުލުމުގެ މަސައްކަތުގައި އުޅުނުއިރު މާސްކަށް ޖާގަ ލިބުނީ ދަތްދޮޅިންނެވެ. އަރާފައި ހުރި ފޯރީގައި ކޮވިޑުގެ މަތިން މާބޮޑަށް ހަނދާނެއް ނުވެއެވެ.

ކޮވިޑް އޭނާގެ ސިކުނޑިއަށް ވަނީ ރަށަށް ބަދަލުވެ ފުރަތަމަރޭ ވެސް ގަދަޔަށް ގައިގައި އަދި ބޮލުގައި ރިއްސަން ފެށުމުންނެވެ. އެކަމަކުވެސް، ފުރަތަމަ އޭނާ ނިންމީ އެއީ ބުރަކޮށް އުޅުމުން ގައިގައި އެޅި ވޭނެއް ކަމަށެވެ. މިއޮތީ ކޮވިޑް ލައިގަންފައޭ އޭނާގެ ހިތަށްއަރަން ފެށީ، ތަންދޮރު ވަކިނުވާ ވަރަށް ހުންއައިސް، ނޭވާ ހާސްވެގެން ހޭލެވި، ކަރުތެރެ ދަވައިން ފުރުމުންނެވެ.

ހޯމް ކަރަންޓީނުގައި ހުރުމުން ރަށު ސިއްހީ މަރުކަޒުން ހާލު ބަލާލަން ފޯނުކުރުމުން އޭނާ ވާނުވާ ކިޔައިދިނެވެ. އެކަމަކު، ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާމެދު އަމަލުކުރާ އާއްމު އުސޫލުގެ ދަށުން، ޓެސްޓްކުރެވޭނީ 14 ދުވަސް ފަހުންނެވެ. އެހެންވެ، އަލާމާތްތަކަށް އަމިއްލަ އަށް ފަރުވާކުރަން ފެށިއެވެ. ދެއިރު ދެ ދަޅައަށް އިނގުރުކައި ނިދުމުގެ ކުރިން ކޯރާޑިތެޔޮ ވަށައި އަދި އާވި އަރުވައި ހެދިއެވެ. ހަމަ އެހުރިހާކަމަކާ އެއްކޮށް، ސިއްހީ މަރުކަޒުން ދިން ބޭސްތަކެއްވެސް ނަގަން ފެށިއެވެ.

"އެހެން ހަދައިގެން ނޭވާލެވެން ފެށީމާ ނިދާލަނީ. އެކަމަކު ހޭލާއިރު ގައިގައި ރިއްސައި ބޮލުގައި ރިއްސާފައި ހުންނަނީ. އަނެއް ދުވަހު ކޮފީއަކުން ހިތި ރަހައެއް ނުދޭ، މިރުހުން ކުޅިރަހައެއް ނުދޭ ,ބޮޑީސްޕްރޭއިން މީރު ވަހެއް ނުދުވާ،"
ރަޝީދު

އެހިސާބުން އޭނާއަށް ކަށަވަރުވީ ކޮވިޑް ޖެހިފައިވާ ކަމެވެ. އެކަމަކު ޓެސްޓް ހެދޭކަށް ނެތެވެ. އެހެންވިޔަސް އޭނާ ވަކިން ކޮޓަރިއަކަށް ބަދަލުވިއެވެ. އަންހެނުންނާއި ދެ ކުދިންނާ ވަކިން އުޅެން ފެށިއެވެ. އެއީ ރަޝީދަށް ކުރިމަތިވި ވަރަށް ބޮޑު އެކަނިވެރިކަމެކެވެ. ރަށު ކަރަންޓީނުގައި، އާބާދީއާ ވަކިން އުޅޭއިރު އަދި އޭގެ ތެރެއިންވެސް ގޭގައި ވަކިން ބަންދުވާން ޖެހުމުން ނަފްސާނީ އުނދަގޫތަކަކާ ވެސް ދިމާވާން ފެށިއެވެ.

"އެ އުނދަގުލުން ސަލާމަތްވާން ހެދި ގޮތަކީ ވީހާވެސް ބޮޑަށް އޮފީސް މަސައްކަތުގައި މަޝްއޫލުވާން ފެށީ. އެހިސާބުން ކޮންމެވެސް ވަރަކަށް އެ ވިސްނުންތައް ސިކުނޑިން ގޮސް، އެ ކަންކަމާ މާބޮޑަށް ފިކުރު ހިންގަން ވަގުތެއް ނުލިބޭ،"
ރަޝީދު

އެގޮތުގައި ގޮސް 14 ދުވަސް ފަހުން ޓެސްޓް ހަދައި އޭގެ ފަސްވަރަކަށް ދުވަސްފަހުން ނަތީޖާ ލިބުނުއިރު އޭނާ އާއި އަންހެނުން ވެސް ޕޮޒިޓިވްވިއެވެ. އެކަމަކު، އެ ދެމަފިރިންގެ ދެކުދިން ނެގެޓިވްއެވެ. އޭރު ރަޝީދާއި އަންހެނުންގެ ކިބައިގައި ކޮވިޑުގެ ބޮޑެތި އަލާމާތްތަކެއް ނެތެވެ. އެހެންވިޔަސް އޮތް ކަންބޮޑުވުމަކީ ރަޝީދާއި އޭނާގެ އަންހެނުންގެ ޑައިރެކްޓް ކޮންޓެކްޓުންނަށް ދެކުދިންވެ، އެ ދެކުދިންގެ ޓެސްޓް އިތުރު 14 ދުވަސްފަހުން ހަދަން ޖެހުމެވެ. އެހާތަނުން ދެކުދިން ޕޮޒިޓިވްވެއްޖެނަމަ، ރަށު ކަރަންޓީނުގައި ތިބި 14 ދުވަހާއި ކޮވިޑް ކަރަންޓީނުގައި ތިބި 19 ދުވަހާއެކު އިތުރު 14 ދުވަސް ގޭ ބަންދުވާނެއެވެ.

"އެއީ ކަންބޮޑުވުމެއް. އެކަމަކު، ދެކުދިން ޕޮޒިޓިވް ނުވާނެ ގޮތަކަށް ގެންގުޅެވެން ވެސް ނެތް. އެއީ ކުޑަ ދެ ކުދިންނަށް ވާތީ ކާންދީ ފެންވަރުވާއިރު މަންމައާވެސް ވަރަށް ބޮޑަށް ކޮންޓެކްޓްވާނެތީ،"
ރަޝީދު

ނަސީބު ދިމާކުރި ގޮތުން، 14 ދުވަސް ފަހުން ޓެސްޓްކުރިއިރު ދެކުދިންގެ ނަތީޖާ އައީ ނެގެޓިވްކޮށެވެ. ހާސްކަމާއި ކަންބޮޑުވުމުގެ ތެރެއިން ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ. އެކަމަކު، އަދިވެސް ރަޝީދަށް ކޮވިޑުގެ އެއް އުނދަގޫ ފިލައިގެންނުދެ އެވެ. އެއީ އަދިވެސް ވަސްދުވުމުގެ ހިއްސުގައި މައްސަލަ އުޅުމެވެ.

"އެކަމުގެ ސަބަބުން އަދިވެސް ނަފްސާނީ ގޮތުން ވަރަށް އުނދަގޫތައް އެބަދިމާވޭ. ގައިގައި ނުބައިވަހެއް ދުވިޔަސް ނޭނގޭ. މީހުންގެ ތެރެއަށް ދާން ބޭނުމެއް ނުވޭ މިހާރު އެކަމާ ހެދި، އެކަމަށް ވަކިން ފަރުވާ ހޯދަން ޖެހޭ ކަމަށް ދިރާސާތައް ބުނޭ. ކޮވިޑުން އަޅުގަނޑު އެއްކޮށް ސަލާމަތްވި ކަމަށް ބަލާނީ އެ މައްސަލަ ހައްލުވުމުން."
ރަޝީދު

......

އޭނާއަށް ކޮވިޑް ލައްވާލަފާނެކަން ފާތިމަތު ޝަޔާންއަށް ލަފާކުރެވެނީ ގާތް އެކުވެރިޔަކު ޕޮޒިޓިވް ވުމުންނެވެ. އެކުވެރިޔާގެ ނަތީޖާ ލިބުމުގެ އެއް ދުވަސް ކުރިން އެކުވެރިޔާއާ އެކުގައި އުޅެފައިވާތީ، އޭނާވެސް ކޮވިޑަށް ޕޮޒިޓިވް ވާނެކަން ޝަޔާން އަށް ޔަގީނާ ގާތަށް އެނގެއެވެ.

އެހެންވެ، އިތުރަށް މާ ގިނަ ވަގުތު މަޑުނުކޮށް ޝަޔާން ގޭގައި، އަމިއްލަ ކޮޓަރީގައި އެކަހެރިވިއެވެ. އޭނާގެ ކޮޓަރިން ނުނުކުމެ އުޅެން ފެށިއެވެ. ކާއެއްޗެހިވެސް މަންމަ ގެނެސްދެނީ ސީދާ ކޮޓަރީގެ ދޮރުމައްޗަށެވެ. އެ ތަކެތި ބަލާ ޝަޔާން ދޮރުމައްޗަށް ދަނީ މަންމަ އެ ސަރަހައްދުން ދިއުމުންނެވެ. ޝަޔާން އޭނާގެ ނަފްސާމެދު ބަލަމުން އައީ ކޮވިޑް ޕޭޝަންޓެއްގެ ގޮތުގައެވެ.

އެގޮތުގައި ދެދުވަސް ފާއިތުވީ ފަހުން ޝަޔާން ހުން އަންނަން ފެށިއެވެ. ކެއްސަން ފަށައި ނުނިދޭ ވަރަށް އެކަމުގެ އުނދަގޫވާން ފެށިއެވެ. ޖެހިގެން އައި ދުވަހު ކާއެއްޗެހީގައި ރަހަނުލާން ފެށިއެވެ. ވަސް ނުދުވަން ފެށިއެވެ. ބޭރަށް ހިންގަންވެސް ފެށިއެވެ.

ޝަޔާންއަށް އެހިސާބުން ވިސްނުނީ އޭނާވެސް ޕޮޒިޓިވްވީ ކަމަށެވެ. އެކަމަކު، އެޗްޕީއޭގެ "ހާލު ބެލުން ޕޯޓަލް" މެދުވެރިކޮށް އޭނާގެ ހާލުބެލި ޑޮކްޓަރުގެ ލަފާގެމަތިން ޓެސްޓްކުރީ ކަރަންޓީނުވިތާ ހަތްދުވަސް ފަހުންނެވެ. ނަތީޖާ ލިބުނުއިރު، އޭނާގެ ރަހުމަތްތެރިޔާ ފަދައިން ޝަޔާން ވެސްކޮވިޑަށް ޕޮޒިޓިވްއެވެ. އެކަމަކު، ކުރިންވެސް އޭނާ އަމިއްލައަށް ސިކުނޑި ތައްޔާރުކޮށްގެން ހުރި ހާލަތަށްވާތީ، އެއީ ކުއްލި ސިހުމަކަށް ވެގެން ނުދިޔައެވެ. އަމިއްލަ ނަފްސާމެދު ކަންބޮޑެއް ނުވެއެވެ.

ޝަޔާން ހަމައެކަނި ކަންބޮޑުވީ، އުމުރުން ދުވަސްވީ މަންމައާއި ބައްޕަ ހިމެނޭ ގޮތަށް، ގޭގައި ހައިރިސްކު ބަޔަކު ތިބުމުންނެވެ. އެޗްޕީއޭގެ ލަފާގެމަތިން ގޭ މީހުން ޓެސްޓްކުރިއިރު ޕޮޒިޓިވްވީ ބައްޕަ އެކަންޏެވެ. އެކަމަކު، ގޭގައި އިތުރު ކޮޓަރިއެއް ނެތުމުން ބައްޕައަށް އެކަހެރިނުވެވި ނިދައި ކައިބޮއި ހަދަން ޖެހުނީ މަންމައާއެކުއެވެ.

ބައްޕަ އާއި ޝަޔާން ކަރަންޓީނު ފެސިލިޓީ އަކަށް ގެންދިޔައީ ނަތީޖާ ލިބުނުތާ ހަތަރުދުވަސް ފަހުންނެވެ. އޭރު ޝަޔާންގެ އެއްވެސް އަލާމާތެއް ނެތެވެ. އަދި ފެސިލިޓީގައި އޭނާއަށް ކުރެވުނީ ވަރަށް ރަނގަޅު ތަޖުރިބާއެކެވެ. އެންމެ ބޮޑު ފަސޭހައަކަށްވީ ގޭގައި ބަލައިގެން އުޅެންޖެހި އެކަމުންވާ އުނދަގޫތަކުން ސަލާމަތްވުމެވެ.

"ގޭގައި އުޅޭއިރު މަންމަ ކާއެއްޗެހި ދޮރުމަތީގައި ބަހައްޓާނީ. ދެން ޝަޔާން ކައި ނިމިގެން ތަށިތައް ދޮވެ ޑިސްއިންފެކްޓްކުރުމަށް ފަހު މަންމަ އަތަށް ދޭނީ. އޭރު މަންމަ ހުންނާނީ އަތަށް އަންގި ލައްވައިގެން އައިސް. އަދި އެ ނަގައިގެން މަންމަ އަނެއްކާ ދޮވެ ޑިސްއިންފެކްޓްކުރާނެ. އެކަމަކު، ގޭތެރޭގައި އެކަހަލަ ގޮތަކަށް އުޅެންޖުމުން އެ ދިމާވާ އުނދަގޫތައް، ފެސިލިޓީއެއްގައި ހުންނައިރުނުވާނެތާ؟"
ޝަޔާން

ފެސިލީޓީތަކުގައި ގިނަބަޔަކު ކުރަން ޖެހެނީ އެކަނިވެރިކަމުގެ ތަޖުރިބާއެކެވެ. އެކަމަކު ޝަޔާން ބުނީ އޭނާއަކީ ގޭގައިވެސް ކޮޓަރީގައި ގިނަ ވަގުތު ހޭދަކުރާ މީހަކަށް ވާތީވެ އެކަން މާ ބޮޑު އުނދަގުލަކަށް ނުވި ކަމަށެވެ. އޭގެ އިތުރުން، އޭނާފެސިލިޓީއަށް ދިޔައީ ވެސްމަދު ނުވާ ވަރަށް ފިލްމާއި ފޮތް ހިފައިގެންނެވެ. އެހެންވެ، ފޫހިވާނެ ވަގުތެއް ނުލިބެއެވެ.

"ވޯޓާވިލާއެއްގައި ހުންނާތީ ކުރިމަތީގައި އޮތީ މޫދު. ވަށައި ބެލިޔަސް ހިތްހަމަޖެހޭނެއެއްނު ދޯ؟. ވަރަށް ރިލެކްސް މާހައުލެއްގައި ކަރަންޓީނުގެ ވަގުތުތައް ހޭދަކުރީ."
ޝަޔާން

ކެއުމުގެ ތަޖުރިބާވެސް ރަނގަޅެވެ. ގެއިން އެއްޗެއް ނުގެންދާތީ އާއި އޭނާއަށް ކޮންމެ ކޮންމެ އެއްޗެއް ނުކެވޭތީ ޝަޔާން ހީކުރީ އޭނާއަށް ކުރަން ޖެހޭނީ ހިތި ތަޖުރިބާއެއް ކަމަށެވެ. އެކަމަކު،އޭނާއަށް ފެސިލީޓީ އިން އަންގާފައި އޮތީ ކެއުމުގެ ގަޑިއިރެއް ކުރިން ބޭނުންއެއްޗަކަށް އޯޑަރު ދިނުމަށެވެ.

"އެމީހުން އަހާ ކޯޗެއްހޭ ބޭނުމީ. އެހާވެސް ރަނގަޅު. ކެއުން ވަރަށް ރަނގަޅު. ވަރަށް ހިތްހަމަޖެހުނު."
ޝަޔާން

ޝަޔާން އާއި އޭނާގެ ބައްޕަ ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ގެޔަށް ދިޔައިރު ގެއިން މަރުހަބާކީ އަދި މާ އުފާވެރި ޚަބަރަކުންނެވެ. އޭނާގެ މަންމަ ނެގެޓިވްވި ޚަބަރެވެ. ހަކުރުބަލީގެ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ މަންމަފަދަ ހައިރިސްކް މީހަކު، ކޮވިޑް ފަދަ ހައިރިސްކް ފަރާތްތަކަށް ނުރައްކާ ބޮޑު ބައްޔަކުން ސަލާމަތްވީތީ އޭނާ ވަރަށް ހިތްހަމަޖެހުނެވެ.

މިހާރު ޝަޔާންއަށް އޮންނާނެ އަނެއް ހިތްހަމަޖެހުމަކީ މަދުވެގެން ހަތަރު މަހެއްހާ ދުވަހު ބަލި ނުޖެހޭނެކަމުގެ ޔަގީންކަމެވެ. އެކަމަކު ޝަޔާން ބުނި ގޮތުގައި އެއްވެސް އިރަކު އޭނާއަކީ ބަލި ޖެހިދާނެތީ ކަންބޮޑުވި މީހެއް ނޫނެވެ. އޭނާގެ ބިރަކީ އޭނާގެ ފުށުން އެހެން މީހަކަށް ވައިރަސް އެރުމެވެ. ރަހުމަތްތެރިޔާ ޕޮޒިޓިވް ވުމާއެކު، އޭނާ އަމިއްލައަށް ގޭގައި އެކަހެރިވީވެސް އެ ފުރުސަތު ނުދިނުމަށެވެ.

"މިހާރުވެސް ޝަޔާން ތަނެއްގައި އަތްހޭކިފައި ގެއަށް ވަދެއްޖެއްޔާ ގެއަށް އެވެއްދެނީ ވައިރަސް. އެހެންވެ އަދިވެސް ވައިރަސް އުފުލާ މީހަކަށް ވުމުގެ ފުރުސަތު އެބައޮތް. އެއީ އަސްލު އަބަދު ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ،"
ޝަޔާން

މާނައަކީ ކޮވިޑް އެއްފަހަރު ޖެހުމަކީ މިކަމުން އެއްކޮށް މިންޖުވުން ނޫންކަމެވެ. މަދު މަސްދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި މި ބައްޔާ ހަނގުރާމަކޮށް ކާމިޔާބު ހޯދާފައިވާ ރަޝީދަށްވެސް، ޝަޔާނަށްވެސް ކުރެވެނީ އެ އިހުސާސެވެ. އެހެންވެ، ބަލިޖެހި ރަނގަޅުވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް އަޅަން ޖެހެއެވެ. އަދި ފިޔަވަޅުތައް އަޅަން އެހެން މީހުންނަށް ހިތްވަރުދޭން ޖެހެއެވެ. ގައިދުކުރުކަން ބެހެއްޓުމާއި ގިނަގިނައިން އަތްދޮވުމާއި މާސްކް އެޅުން ފަދަ ކަންކަން ފަރުވާތެރިކަމާއެކު ކުރަން ޖެހެއެވެ.

- މިރިޕޯޓުގައި ބޭނުންކޮށްފައިވަނީ ޕޭޝަންޓުންގެ އަސްލު ނަންތަކެއް ނޫނެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.