ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމުގައި އ.ދ.ގެ ދައުރާއި، އެ ޖަމްޢިއްޔާގެ ޗާޓަރުގެ މުހިންމުކަން ވަރަށް ބޮޑުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އ.ދ.އަށް 75 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް ބޭއްވި ޚާއްސަ ޖަލްސާގައި ދެއްވި ޚިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ، އ.ދ.އަކީ ބައިނަލްއަގްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އެންމެ މުހިންމު އެއް ބައިވެރިޔާގެ ގޮތުގައި ސިފަކުރައްވައި، އެ ޖަމުޢިއްޔާގެ ގުނަންތަކުގެ ބޭނުން ރާއްޖެއިން ހިފަމުންދަނީ ބައިނަލްއަގްވާމީ މުޖުތަމަޢާއިއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، މައްސަލަތަކާއި ދަތިތަކަށް ހައްލު ހޯދުމަށްކަމުގައި ވިދާޅުވެފައެވެ.

އެގޮތުން، މޫސުމީ ބަދަލުތަކުން ފެށިގެން ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާއި، ވިޔަފާރީގެ ދާއިރާގެ އިތުރުން ސަރަޙައްދީ ގުޅުންތައް ހަރުދަނާކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ސާލިހްގެ ޚިތާބުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިބަލިމަޑުކަމުން އަރައިގަތުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ އެކައްޗަކީ އ.ދ.ގެ ޗާޓަރު ކަމަށެވެ.

އަދި، ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި ޢަމަލު ކުރަމުންދާ ސިޔާސަތުތަކަކީ، އެ ޗާޓަރުގައި އެކަށައަޅާފައިވާ އަސާސްތަކާއި އެއްމަގުން ކުރަމުންދާ މަސައްކަތްތަކެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މަސައްކަތަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގެ ބުރަ މަސައްކަތް ކަމުގައެވެ. މިކަމުގައި ރާއްޖެފަދަ މިބަލީގެ ނުރައްކާތެރިކަން ބޮޑެތި ގައުމުތަކަށް، އެ ގައުމުތަކުގެ އިގްތިސާދު ނަގަހައްޓައި ސިނާއީ ދާއިރާތައް ކުރިއެރުވުމުގައި ބައިނަލްއަގްވާމީ މުޖުމަތަޢުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން ރައީސް ސާލިހް ފާހަގަކުރެއްވިއެވެ.

އަދި، މިކަމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މި ފަދަ އެހެނިހެން މައްސަލަތަކާއި ކުރިމަތިލައި، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގްވާމީ މުޖުތަމަޢާއި ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އ.ދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހުން ނިންމާފައިވަނީ 1965 ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ފާސްކުރި އެމަޖިލީހުގެ ރިޒޮލޫޝަން 212 ގެ ދަށުންނެވެ.

ދިވެހިރާއްޖެއަކީ އ.ދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ކަނޑައެޅިގެންދިޔައީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ ދެމަސް ފަހުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އ.ދ.ގެ މެންބަރު ގައުމެއްގެ މަގާމު ރާއްޖެއަށް ލިބުމަކީ، އަދި އެ މަގާމުގައި ދެމިއޮތުމަކީ ރާއްޖެއަށް ލިބިފައިވާ ޝަރަފެއް އަދި ފަޚުރެއް ކަމުގައެވެ.

ދިވެހިރާއްޖެއަށް ރަސްމީކޮށް އ.ދ.ގެ މެންބަރުކަން ލިބުނީ 1965 ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

އ.ދ. ވުޖޫދަށް އައިސްފައިވަނީ 1945 ވަނަ އަހަރު އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވި ސެންފްރެންސިސްކޯ ކޮންފަރެންސްގައެވެ. އަދި، އެ ޖަމުޢިއްޔާގެ ޗާޓަރަށް އަމަލުކުރަން ފަށާފައިވަނީ 1945 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުއެވެ.