ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރަކު އައްޔަންކުރުމަށް ނިންމައިފިއެވެ.

ޖޫޑިޝަލް ސަރވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ނިންމާފައިވަނީ ކ.ދިއްފުށީ ސްވީޓްމީޑް، އަލްއުސްތާޒު ހަސަން ޝަފީއު އާއި ސ. މަރަދޫ ޒެފެއަރ ފާތިމަތު ފަރުހީޒާ ކަމަށެވެ.

ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަގާމު މިހާރުވެސް އަދާކުރައްވަމުން ގެންދަވާ އަލްއުސްތާޒު ފާތިމަތު ފަރުހީޒާއަކީ ގާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނަރސް) އަދި މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ.

މީގެ އިތުރަށް ގާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރި މިބޭފުޅާއަކީ ޕަބްލިކް ޕްރޮސެކިއުޓަރއެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، މިދާއިރާއިން ކިޔަވާދިނުމުގެ ތަޖުރިބާވެސް ހުރި ބޭފުޅެއް ކަމަށްވެސް ޖޭއެސްސީ އިން ބުނެއެވެ.

އަލްއުސްތާޒު ހަސަން ޝަފީއުއަކީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ލޯ (އެލް.އެލް.ބީ) އަދި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށް ޖޭއެސްސީން ހާމަކުރެއެވެ.

2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގައާއި ސިވިލް ކޯޓުގައި މަސައްކަތްކުރައްވަމުން ގެންދަވާ އަލްއުސްތާޒު ހަސަން ޝަފީއުއަކީ ގާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށްވެސް ކޮމިޝަނުން ބުނެއެވެ. އަދި މިދާއިރާއިން ކިޔަވާދިނުމުގެ އިތުރުން ގާނޫނުތައް ޑްރާފްޓް ކުރެއްވުމުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ޖޭއެސްސީ އިން މައުލޫމާތުދެއެވެ.

މި ދެ ބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ފެންނަ ކަމަށް ނިންމީ މި މަހު 20 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ މި އަހަރުގެ 68 ވަނަ ޖަލްސާގައި ކަމަށް ޖޭއެސްސީން ބުނެއެވެ.