މާލޭގެ މާފަންނުގައި މިރޭ ހިންގި މާރާމާރީގައި ޒަޚަމްކޮށްލި މީހާއަށް އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާދެމުން އެބަގެންދެއެވެ.

ފުލުހުން ބުނެފައިވަނީ، މި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 20:45 އެހާއިރު ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވަނީ މާފަންނު ހަވީރީ ހިނގުމާއި، ޝަހީދުއަލީ ހިނގުމާ ގުޅުނު ހިސާބުން ތޮއިބާ މިސްކިތް ކައިރީގައި ކަމަށެވެ.

މާރާމާރީއާ ގުޅިގެން ފުލުހުންވަނީ ހާދިސާ ހިނގި ސަރަހައްދުން އުމުރުން 19 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ، މިހަމަލާގައި ޒަޚަމްވި މީހާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ވީނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި، ޒަޚަމްވި ޒުވާނާގެ ކަރަށް ފަހަތުން ހަމަލާދީ ވަނީ ވަޅިއެއް ހަރާފައެވެ. ވަޅި ހަރާލުމުން ހަމަލާ އަމާޒުވިމީހާ އަމިއްލައަށް ވަޅި ދަމައިގަތް ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

އޭނާއަށް ހަމަލާދީގެން ހައްޔަރު ކޮށްފައިވަނީ އޭނާއާ ދެބެންގެދެދަރި ޒުވާނެއް ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ޒަޚަމްވި މީހާއަށް އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ގެންދާއިރު އޭނާގެ ހާލަތު އަދި އޮޅުންފިލާ ގޮތެއް ނުވެއެވެ.

ފުލުހުން ގެންދަނީ މާރާމާރީ ހިންގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.