ކޮވިޑް-19އާ ދެކޮޅަށް އަޅާ އެންމެ މުހިއްމު އެއް ފިޔަވަޅަކީ ބަލި ޖެހިފައިވާ މީހުންނާއި އެމީހުންނާ ބައްދަލުވެފައިވާ މީހުން ކަރަންޓީނުކުރުމާއި އައިސޮލޭޓްކުރުމެވެ. ބަލި ފެތުރިފައިވާ ރަށްރަށުގައި ބޭރަށް ނުކުމެ މީހުންނާ ބައްދަލުކޮށް ނޫޅުމަކީވެސް ހަމަ އެ އުސޫލުން ކުރާ ކަމެކެވެ.

ކޮވިޑަކީ މާބޮޑު ކަމެއް ނޫން ކަމަށާއި ކަރަންޓީނުވާން ޖެހުމަކީވެސް އެވަރު ކަމެއް ނޫންކަމަށް ދެކޭމީހުން ހުރިހާ ގައުމުތަކެއްގައިވެސް އުޅެއެވެ. ކޮވިޑަށް ޕޮޒިޓިވްވެގެން ނުވަތަ ކޮންޓެކްޓަކަށް ވެގެން ނަމަވެސް ކަރަންޓީނު ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް އެފަދަ މީހުން ދެކެއެވެ.

ކަންބޮޑުވުމާއި ހާސްކަމުގެ "ބަންދެއް"

"ތިއީ ދެން އެވަރުގެ ކަމެއްތަ؟ ތިއީ ހަމަ ޗުއްޓީއެއްނު ދެން، އާއިލާއާއެކު މަޖާކޮށްލަން،"

ހޯމް ކަރަންޓީނުގައި ގޭގައި ހުންނަން ޖެހުމުން ސޯޝަލް މީޑިއާއަށް ދޫކޮށްލި ޝަކުވާއަކަށް ކޮމެންޓްކުރި އެކުވެރިއަކު ލިޔެފައިވެއެވެ.

އެކަމަކު އާދަމް އަހުމަދު، 26، ބުނީ ކަރަންޓީނުވެގެން ހުންނަން ޖެހުމުން އޭނާއަށް އެކަންވީ ވަރަށް ބޮޑު ވޭނަކަށް ކަމަށެވެ. އާއްމު ދިރިއުޅުމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު އާދަމް ފެސިލިޓީއެއްގައި ކަރަންޓީނުވީ މާލޭގައި ހުރުމަށްފަހު އެނބުރި ރަށަށް ދިއުމަށެވެ. އޭރު އަދި ރަށްރަށުގައި ހޯމް ކަރަންޓީނުވުމުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައާރަފެއް ނުކުރެއެވެ. އއ.އަތޮޅުގެ ރިސޯޓެއްގައި ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީއެއްގައި އޭނާ ކަރަންޓީނުވީ ނުވެސް ދަންނަ މީހަކާ އެކުގައެވެ.

"ފެސިލިޓީތަކުގެ ޖާގަ އޮތް ގޮތުން އޭރުގައި ކަރަންޓީނަށް ދެވެންއޮތީ ނުދަންނަ މީހެއް ކަމަށްވިޔަސް އެހެން މީހަކާ އެއްކޮށް ހުންނަން އެއްބަސްވެގެން، އެގޮތަށް އެއްބަސްވާން ޖެހުނީ ރިސޯޓުތަކުގެ ކޮޓަރިތައްހުރީ ދެމީހަކަށް ތިބެވޭގޮތަށް ކަމަށްވާތީ އެ ޖާގަ ފުރިހަމައަށް ބޭނުންކުރަން ކަމަށް އެޗްޕީއޭއިން ބުނީ،"
އާދަމް އަހުމަދު

އޭނާ ބުނިގޮތުގައި، ރިސޯޓުގެ ކޮޓަރީގެ ފެންވަރު ކިތަންމެހާވެސް ރަނގަޅެވެ. ރިސޯޓްގެ ގޮނޑުދޮށާއި މޫދުވެސް ރީއްޗެވެ. އެކަމަކު، އެ ރީތިކަމުން ހިތްހަމަޖެހުމަށް ވުރެ ބޮޑަށް ލިބުނީ ހާސްކަމެވެ. ރިސޯޓުގެ ރީތިކަންވެސް ވީ ތުރާލަކަށް ކަމަށް އާދަމް ސިފަކުރީ، ބޭނުން ނުހިފޭ ގޮތަށް ލޯ ކުރިމަތީގައި އޮންނަ ރީތިކަމަކަށް އެކަން ވީމައެވެ.

"ރޫމްގެ ފެންޑާ މައްޗަށް ނުކުމެލާއިރު ގޮނޑޮދޮށް ފެންނަން އޮވޭ، މޫދާއި ކަނޑު ފެންނަން އޮވޭ. އެކަމަކު، ގޮނޑުދޮށަށް ނުކުތުން މަނާ. ރޫމުގެ ކައިރިން ވަކި ހިސާބަކުން ހުންނަނީ ޓޭޕް ދަމާފައި. ދެން ހިތްދަތިވުން ނޫން ކޮން ކަމެއް ވާނީ ވެސް؟"

ކަރަންޓީނަކީ ޗުއްޓީއެއް ކަމަށް ސިފަކޮށް ވާހަކަދައްކާ އެހި މީހުންނަށް އޭނާ ދޫކޮށްލީ މިސުވާލެވެ.

އެގޮތަށް ކަންތައް ހުރުމުން، ކަރަންޓީނުގެ 14 ދުވަސްވެސް އާދަމްއަށް ހީވީ ވަރަށް ދިގު މުއްދަތެއް ހެންނެވެ. އާއްމު ދިރިއުޅުމުގައިނަމަ އެއީ ދެން ދާދި ކުރު މުއްދަތެކެވެ. އެ 14 ދުވަސް ގުނުމަށްވުރެވެސް އުނދަގޫ ކަމަކަށްވީ އެ ދުވަސްތައް ނިމުމުން ނެގި ސާމްޕަލްގެ ނަތީޖާއަށް ކުރަން ޖެހުނު އިންތިޒާރެވެ. އެހާ ހިތްނުތަނަވަސްވީ ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ، އެ ބަންދުގައި އަނެއްކާވެސް އިތުރު ދުވަސްތަކެއް ހޭދަކުރަން ޖެހޭނެކަން އޭނާއަށް އެނގޭތީއެވެ. ނަފްސާނީ ގޮތުން އެއީ އުނދަގޫ ކަމެކެވެ.

"އުނދަގޫ އަނެއް ކަމަކަށް ދިމާވީ ބޭނުންވާ އެއްޗިހި މާލެއިން ގެނައުމުގެ ކަންތައް. އަހަރެންނަށް އާދަވެފައިހުރި ގޮތަކީ އެއްޗެއް ބޭނުންވުމުން، އެ ވަގުތެއްގައި އެ އެއްޗެއް ހޯދަން ފިހާރައަށް ދިއުން. އެހެންވެ، ކަރަންޓީނަށް ދިޔަ ދުވަހުވެސް ދުރާލާ އެއްޗިހި ގަންނާކަށް ހަނދާނެއް ނުވި. ދެން ޖެހުނީ މާލޭގައިތިބި އާއިލާގެ އެކި މީހުންނަށް ގުޅައިގެން އެއްޗެހި ގެންނަން. އެއީވެސް އުނދަގޫ ޕްރޮސެސްއެއް،"
އާދަމް އަހުމަދު

މުހައްމަދު ހަމީދު، 43، ކަރަންޓީނުވީ ފެސިލިޓީއެއްގައި އެކަނިމާ އެކަންޏެއް ނޫނެވެ. އޭނާއަކީ ކޮވިޑްގެ އިގުތިސާދީ ގެއްލުންތަކާ ހެދި މާލެ ދޫކޮށް ރަށަށް ބަދަލުވާން ޖެހުނު މީހެކެވެ. އެހެންވެ، އޭނާ ކަރަންޓީނުވީ އަންހެނުންނާއި ދެ ކުދިންނާވެސް އެކުގައި އަމިއްލަ ގޭގައެވެ. ރަށަށް ފުރަން އުޅުނުއިރު އޭނާ ހީކުރީ އަމިއްލަ ގޭގައި އެގޮތަށް މަޑުކޮށްލަން ޖެހުމަކީ ދެން ހަމަ ޗުއްޓީ ރަނގަޅު ޗުއްޓީއެއް ހޭދަކޮށްލުން ކަހަލަ ކަމަކަށް ވާނެ ކަމަށެވެ. އެހެންވެ އޭނާ ކަރަންޓީނަށް ދިޔައީ އުފަލުން ހުރެއެވެ.

"ހީކުރި ވަރަށްވުރެ އެކަން މާ އުނދަގޫ. އެންމެ އުނދަގޫ އިހުސާސެއް ކުރެވުނީ ކުރިން ކުރަމުން އައިހެން ކަސްރަތު ކުރެވެން ނެތުމުން،"
މުހައްމަދު ހަމީދު

ކަސްރަތުކުރުމުގެ ގޮތުން ހަމީދު ކުރިން ކުރާ ކަމަކީ ދުވުމެވެ. އޭނާއަކީ ހަފްތާއަކު ހަތަރު ދުވަހު، ދުވާލަކު ފަސް ކިލޯމީޓަރަށް ދުވާ މީހެކެވެ. ހިތްދަތިވިޔަސް ހަމީދު މަސައްކަތްކުރީ ގޯތިތެރޭގައި އޮތް ތަންކޮޅުގައި ދުވެގެންވިޔަސް ހަށިގަނޑަށް ކަސްރަތެއް ހޯދޭތޯއެވެ. އެކަމަކު، އެއީ އާއްމުކޮށް ދުވެއުޅޭ ސަރަހައްދާ އަޅާބަލާއިރު ނުލާހިކު ކުޑަ ޖާގައެކެވެ. އެއީ ހަމީދުގެ އަސްލު ސްޕީޑުގައި ދުވެވޭ ވަރުގެ ޖާގައެއް ނޫނެވެ.

ހަށިހެޔޮކަމާއި ދުޅަހެޔޮކަމާ މެދުގައި ހަމީދުގެ ކަންބޮޑުވުން ދިޔައީ އިތުރުވަމުންނެވެ. އެއީވެސް ސިކުނޑިއަށް އުނދަގޫ ކުރާ ކަމެއްގެ ގޮތުގައި ވެފައި އޮއްވައި ދެން ވިސްނަން ޖެހުނީ އެއަށް ވުރެވެސް ހިތްދަތި ކަމަކާއެވެ. ގެއިން ނުނިކުމެވޭތީ އާއި މީހަކު ލޮލަށް ނުފެންނާތީ އޭނާގެ ދެކުދިން ޝަކުވާ ކުރަން ފެށީއެވެ. މާލޭގައި ތިން މަސްދުވަހު ލޮކްޑައުންގައި ތިބި އެ އާއިލާއަށް އެކަން އޭރު މިހާ ބޮޑު ކަމަށްނުވީ، މާލޭގައި ތިބި އެންމެންވެސް ގެއިން ނުނިކުމެވޭނެކަން ގަބޫލްކޮށްގެން ތިބީމައެވެ. އެކަމަކު، ބޮޑުއީދާ ދިމާކޮށް ރަށުގައި ހޯމް ކަރަންޓީނުވެގެން ތިބިއިރު، ރަށުގެ އެހެން މީހުން އުޅެނީ މިނިވަންކޮށްކަން އެނގޭތީ ކުރެވުނީ ވަރަށް އެކަނިވެރި އިހުސާސެކެވެ.

"ކުޑަދޮރު ހުޅުވާލައިގެން ތިބޭއިރު ބޭރުން މީހުން ދާތަން ފެނޭ، ވެހިކަލްތަކުގަ އާއި ހިނގާފައިވެސް. ދެން އަހަރެމެންނަށް ހައްތާ ބޮޑަށް އިހުސާސްވަނީ މިތިބީ ވަރަށް ބޮޑު ބަންދެއްގައޭ،"
މުހައްމަދު ހަމީދު

އޭނާގެ އަންހެނުން ފާތިމާ އަލީ، 42، އަށް އެންމެ ބޮޑު ކަމަކަށްވީ، ބައްޔެއް ވިޔަސް ޑޮކްޓަރަށް ދައްކަން ނުދެވޭނެކަމުގެ ކަންބޮޑުވުމެވެ. ރަށުގެ ހެލްތު ސެންޓަރުން ކޮންމެ ދުވަހަކު ގުޅައިގެން ހާލު ބެލި ނަމަވެސް ފާތިމާގެ އެ ކަންބޮޑުވުން މުޅިއަކުން ނުފިލައެވެ. އޭނާއަކީ ހައި ރިސްކް މީހަކަށްވާތީ ކިރިޔާ ކަމެއް ވިޔަސް އަވަހަށް ހެލްތު ފެސިލިޓީއަކަށް ދެވޭނެ މަގެއް އޮންނަން ބޭނުންވެއެވެ. އެކަމަކު، ކަރަންޓީނުގައި ތިބޭތީ އޭރު އޮތް ހަމައެކަނި ގޮތަކީ ހެލްތު ސެންޓަރަށް ގުޅައިގެން އިންތިޒާރުގައި ތިބުމެވެ. ކޮވިޑަށް ޕޮޒިޓިވްވެ، ކަރަންޓީނުގެ މުއްދަތު ދިގުލައިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އޭނާގެވެސް އޮތެވެ.

"ފުރަތަމަ 14 ދުވަސް ވެސް ހީވީ މަހެއްހާ ދުވަސްހެން،"
ފާތިމާ އަލީ

އޭނާއަކީ ކޮވިޑް ފެތުރެން ފެށުމުގެ ކުރިންވެސް މާގިނައިން ބޭރަށް ނުކުމެ އުޅުނު މީހެއް ނޫނެވެ. އެކަމަކު، ކަރަންޓީނުކުރުމުން ބޭރަށް ނުދެވުން ވެގެން ދިޔައީ ވަރަށް ބޮޑު މައްސަލައަކަށެވެ.

"ކުރިން ގިނަ ވަގުތު ގޭގައިއުޅުނަސް އެއީ މިނިވަން ކަމާއެކު އަމިއްލައަށް ނިންމި ގޮތް. މަޖުބޫރުވެގެން ގޭގައި ހުރުމަކީ މުޅިން ތަފާތު އިހުސާސެއް. ހީވަނީ ހަމަ އަދަބެއްގައި އިންނަހެން،"
ފާތިމާ އަލީ

ފާތިމާއާއި ހަމީދު އަދި އާދަމްގެ ވާހަކައިންވެސް އެނގުނީ ކަރަންޓީނުވެގެން ހުންނަން ޖެހުމަކީ ޗުއްޓީއެއް ހޭދަކޮށްލުން ކަހަލަ އާދައިގެ ކަމެއް ނޫންކަމެވެ. އެއީ އެއަށްވުރެ މާ އުނދަގޫ ކަމެކެވެ. ފެސިލިޓީތަކާއި އަމިއްލަ ގެ ކިތަންމެ ރަނގަޅަށް ހުއްޓަސް، އެކަނިވެރިކަމާއެކު ބަންދެއްގައި ހުރުމަކީ ވަރަށް އުނދަގޫ އިހުސާސެކެވެ. އެއީ ފަރުވާކުޑަކޮށް އުޅޭ ބައެއް މީހުންނަށް ހީވާހެން އާދައިގެ ކަމެއް ނޫނެވެ.

ބޮޑު ހަރަދެއް!

ކޮވިޑް ކޮންޓްރޯލްކުރުމަށްޓަކައި އެބައްޔަށް ޕޮޒިޓިވްވާ މީހުން އައިސޮލޭޓްކުރުމާއި ކަރަންޓީނުކުރަން ޖެހުމުން އޭގެ ބުރަ އުފުލަންޖެހެނީ ހަމައެކަނި އެމީހުން އަމިއްލައަކަށް ނޫނެވެ. އެއީ ދައުލަތަށްވެސް ބޮޑު ބުރައެކެވެ. އެކަމަށް ހަރަދު ކުރަނީ ހަމަ އެންމެންގެ އަތުން ޓެކްސް ނަގައިގެން ދައުލަތަށް ލިބޭ އާމްދަނީންނެވެ. އެއީ ކިހާވަރެއްގެ ބުރައެއްކަން ކުޑަކުޑަ ހިސާބެއް ޖަހައިލުމުން ސާފުވާނެއެވެ.

ސަރުކާރުން ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީއެއްގައި ތިބޭ ކޮންމެ ދެމީހަކަށް ދުވާލަކަށް 750 ރުފިޔާ ދައުލަތުން ހަރަދުކުރަން ޖެހެއެވެ. އެއީ އަދި އެމީހުންގެ ބޭސްފަރުވާއަށް ހިނގާ ހަރަދުގެ އިތުރަށެވެ. މިރޭޓުން ފައިސާ ހަރަދުކުރަން ޖެހޭއިރު މިހާރުވެސް އައިސޮލޭޝަންގައި 692 މީހުން އެބަ ތިއްބެވެ. މީގެ އިތުރުން، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވެސް 96 މީހުން އެބަ ތިއްބެވެ. އެއިން ކޮންމެ މީހަކަށް ވެސް ގާތްގަނޑަކަށް 750 ރުފިޔާ ދުވާލަކަށް ހަރަދުވާނެއެވެ.

މީގެ މާނައަކީ، އައިސޮލޭޝަންގައި މިހާރު ތިބި މީހުންނަށް ދުވާލަކަށް ޖުމްލަ 259،500 ރުފިޔާ ހަރަދުކުރަން ޖެހުމެވެ. ހޮސްޕިޓަލްތަކުގައި ތިބި މީހުންނަށް ގާތްގަނޑަކަށް ދުވާލަކު ޖުމްލަ 72،000 ރުފިޔާ ހޭދަކުރަންޖެހެއެވެ. އެއީ ޖުމްލަ 331،500 ރުފިޔާއެވެ.

އެ މިންވަރު 14 ދުވަހުގެ މުއްދަށް ހަރަދުކުރާނަމަ، އެއީ ޖުމްލަ 4.6 މިލިޔަން ރުފިޔާއެވެ. މިސާލަކަށް، އެ މިންވަރާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަންވަންސަށް ހަރަދުކުރާ ފައިސާއާ އަޅާކިޔާލާއިރު، އެވަރުގެ ބަޖެޓަކުން 65 އަހަރުން މަތީގެ 928 މީހަކަށް އެއްމަސްދުވަހު އެލަވަންސް ދެވޭނެއެވެ.

ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުޅުން ބައްޓަންކުރޭ

ކަރަންޓީނުގައި ކުރި ތަޖުރިބާ ކިޔައިދިން ތިން މީހުންގެ ބަހުންވެސް އެނގޭ ގޮތުގައި،ކަރަންޓީނާ ގުޅޭ ގޮތުން ކުރެވިފައިވާ ކުށްހީތައް ހަގީގީ މަންޒަރާ ވަރަށް ދުރެވެ. އެއީ ޗުއްޓީއެއް ނޫނެވެ. އޭގެ ބަދަލުގައި،އެކަމުގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.

އެހެންވީމާ، ކަރަންޓީނުވާން ޖެހުމުގެ ފުރުސަތު ވީހާވެސް ކުޑަވާނެ ގޮތަކަށް ދިރިއުޅުން ބައްޓަންކުރުން މިހާލަތުގައި ވަރަށް މުހިއްމެވެ.

އެގޮތަށް ދިރިއުޅުން ބައްޓަން ކުރާނެ ފުރިހަމަ ގައިޑްލައިންތަކެއް، އެކި ދާއިރާތައް ހިމެނޭ ގޮތަށް އެޗްޕީއޭއިން ވަނީ އާއްމުކޮށްފައެވެ. މާލެ ފަދައިން ކޮމިއުނިޓީ ސްޕްރެޑް އޮތް ތަންތަނުގައި ބޭރަށް ނުކުމެ އުޅުން މަދުކުރަންވީއެވެ. ބޭރަށް ނުކުންނަން ކޮންމެހެން ޖެހިއްޖެ ހިނދެއްގައި، ރައްކާތެރި ގޮތުގައި މާސްކް އަޅާށެވެ. ބައްދަލުވާ މީހުންގެ އަދަދު ވީހާވެސް މަދުކުރާށެވެ. ސައިބޯނިލައިގެން ވީހާވެސް ގިނައިން އަތްދޮންނާށެވެ. ކޮވިޑަށް ޕޮޒިޓިވްވުން ނުވަތަ ކޮންޓެކްޓަކަށް ވުމުން ވީހާވެސް ދުރުވުމަށެވެ. ކަރަންޓީނުވާން ޖެހުމުން ސަލާމަތްވާން އޮތީ އޭރުންނެވެ.

އެޑިޓަރުގެ ނޯޓު:

މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.