އައިޖީއެމްއެޗްގެ ލެބޯރެޓަރީ އިން މިހާތަނަށް އެއްލައްކަ ޕީސީއާރް ޓެސްޓް ހަދާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗް ލެބޯޓްރީގައި ކޮވިޑް ޕީސީއާރަށް ޓެސްޓު ކުރަން، ފެބްރުއަރީ 29 ވަނަ ދުވަހު ފަށާފައިވާއިރު، އޭގެފަހުން 07 މާޗް ގައި ކޮވިޑް-19 ގެ ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުނުފަހުން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް އެ ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ.

އައިޖީއެމްއެޗުން ބުނީ ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފަށައިގަނެވިފައިވަނީ ޖުމްލަ ތިން މުވައްޒަފުން ހިމެނޭ ޓީމަކުންކަމަށާއި އެހެންނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު ގިނަވާން ފެށުމާއި އެކު، ޕީސީއާރު ޓެސްޓިން ޓީމްގައި ހިމެނޭ މުވައްޒަފުންގެ އަދަދު މަޑުމަޑުން ދިޔައީ އިތުރު ކުރަމުން ކަމަށެވެ.

މިހާރު އައިޖީއެމްއެޗްގައި ކޮވިޑް ޕީސީއާރު ޓެސްޓް ހެދުމުގައި 22 މުވައްޒަފުން ހަރަކާތްތެރިވަމުން ދާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފެށިއިރު ޓެސްޓިން ކެޕޭސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރް ޓެސްޓް ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ. އެހެންނަމަވެސް މިހާރު އެ އަދަދު އިތުރުކުރެވިފައިވާ ކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ކޮވިޑްގެ މި ހަނގުރާމައިގާ އެންމެ މުހިންމުކަމަކަށް ވެފައިވަނީ ބަލިޖެހިފައިވާ މީހާ ދެނެގަނެ އެ ފަރާތްތައް އެކަހެރިކުރުންކަމަށް ވީ ހިނދު، ލެބޯޓެރީ މުވައްޒަފުންނަކީ ފްރަންޓް ލައިންގެ އެންމެ ކުރީސަފުގައި ހިދުމަތް ދޭ ފަރާތެއްކަން އައިޖީއެމްއެޗް އިން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މިދަނޑިވަޅުގައި، ރެއާއި ދުވާލު ހީވާގިކޮށް މަސައްކަތްކުރަމުން ދާ ލެބޯޓަރީގެ އެންމެހާ މުވައްޒަފުން ގެ އަގުވަޒަންކޮށް ވަނީ ޝުކުރުދަންނަވާފައެވެ.

މިހާރު އެ ހޮސްޕިޓަލްގެ ޓެސްޓިން ކެޕޭސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 1500 ޕީސީއާރް ޓެސްޓެވެ. ހޮސްޕިޓަލްގެ ޓެސްޓިން ކެޕޭސިޓީ އިތުރުކުރެވިފައިވަނީ އެކްސްޓްރެކްޓް ކުރުމަށްޓަކައި ޒަމާނީ މެޝިން ތަކާއި ޕީސީއާރު މެޝިންތަށް އަދި އިތުރު މުވައްޒަފުން ތަކެއް ތަމްރީން ކޮށްގެންކަންވެސް ފާހަގަކޮށްފައިވެ އެވެ.