ކަސްޓަމްސްއަށް ބަލައިގަންނަ ފައިސާ އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ބަލައިގަންނަން ނިންމައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިޤްތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން، ދައުލަތުގެ އޮފީސްތަކުން ފައިސާ ބަލައިގަތުމުގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް މިނިސްޓްރީ އޮފް ފިނޭންސުން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކާ ޑިއުޓީއާއި އެހެނިހެން ފައިސާ 2020 އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން ބަލައިގަންނަމުން ގެންދާނީ ކަސްޓަމްސް ޕޯޓަލް، ކަސްޓަމްސް ޕޭ ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކަމަށް ބުނެފައި ވެއެވެ.

އަދި ޕޯޓަލް މެދުވެރިކޮށް ދައްކާ ފައިސާގެ ރަސީދު ކަސްޓަމްސް ޕޯޓަލްއިން ފެންނަން ހުންނާނެ ކަމަށާއި، އެމްއާރުޓީޖީއެސް ހެދުމަށް އެދޭ ފޯމުވެސް ކަސްޓަމްސްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ ފައިސާ ދެއްކުމުގެ ކަންކަން މިގޮތަށް ހަމަޖެހުމުން ކޮވިޑް-19 އާއިގުޅިގެން ފައިސާ ދެއްކުމަށް ބޭނުންކުރަމުން ގެންދިޔަ ބޭންކް ޓްރާންސްފަރގެ ޚިދުމަތް 2020 އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން ބޭނުންކުރުން ހުއްޓާލެވޭނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ކަސްޓަމްސްގެ އިތުރުން ސަރުކާރުގެ ގިނަ އިދާރާތަކަކަށް ފައިސާ ބަލައިގަތުން މިހާރު ވަނީ އޮންލައިންކޮށްފައެވެ.