ނޭވަޔަށް އުދަނގޫކުރުން ނުވަތަ ނޭވާހިއްލުމަކީ ނޭވާލާ ނިޒާމަށް ޖެހޭ ދާއިމީ ބައްޔެކެވެ. މިބަލި ޖެހުމުން ނޭވާކުރުވެ، ނޭވާލާން އުނދަގޫވެއެވެ. ނޭވާހިއްލާ މީހުންގެ ނުވަތަ ކުދިންގެ އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި، ކެއްސުން، ނޭވާލާއިރު ތޫލި އަޑެއްހުރުން، ނޭވާކުރުވެ ނޭވާލާން އުދަނގޫވުން، އަދި މެޔަށް ވާންވެ، ފިތޭގޮތް ވާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ޑޮކްޓަރުން ވިދާޅުވާގޮތުން ނޭވާހިއްލުމުގެ އެންމެ އާއްމު އަލާމާތަކީ ނޭވާލާއިރު ތޫލި އަޑެއްހުރުން ނުވަތަ ނޭވަޔަށް އުނދަގޫކުރުމެވެ. އެހެންނަމަވެސް ކުޑަކުދިންގެ ފެންނަ އެންމެ އާންމު އަލާމަތަކީ ކެއްސުމެވެ. މިގޮތުން އާންމުކޮށް ރޭގަނޑު ކެއްސުމާއި، ފިނިވުމުން ބޮޑަށް ކެއްސުމާއި، ދުވެ ކަސްރަތުކޮށް ހެދުމުން ބޮޑަށް ކެއްސުން، ހީލާ ހެދުމުން ކެއްސުން، ބައެއްކަހަލަ ގަދަ ވަސް ޖެހުމުން ނުވަތަ ހިރަފުސް ޖެހުމުން ކެއްސުން، ރޯންފެށުމުން ކެއްސާ ހޮޑުލުން ހިމެނެއެވެ.

މީގެ އިތުރުން ގޭގައި ހުންނަ ހިރަފުސް, ނުވަތަ ކުރަފީގެ ވަސް، މީދާ ކަހަލަ އެއްޗެތީގެ ވަސް ނުވަތަ ކުނޑި ޖެހުމުންނާއި، ބައެއް ޖަނަވާރުގެ ވަސް ނުވަތަ ކެހެރީގެ އަސަރު ކުރުމުންވެސް މިކަން އިތުރުވާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

އަދި މަލުގެ ކަރުގަނޑުން އަރާ ކުނޑިންނާއި، ގޭގައި ޖަހާފައި ހުންނަ ފަންގަހުންނާއި، ގޭސް އުނދުނުން އަރާ ނައިޓްރިޖަން ޑައިއޮކްސައިޑުންނާއި، ސާފުކުރަން ބޭނުން ކުރާ ސާމާނުން އަރާ ވަހުން ނުވަތަ އާވިން އަދި ސެންޓު ނުވަތަ ބޮޑީ ސުޕުރޭގެ ވަހުންނާއި ދަވާދުން އަރާ އާވިންނާއި ކޮޓަރީގައި މީރުވަސް ދުއްވަން ގެންގުޅޭ ސާމާނުންވެސް މިކަން އިތުުރުވެއެވެ.

ޑޮކްޓަރުން ވިދާޅުވާގޮތުގައި ނޭވާ ހިއްލާ ކުދިން ހާސްވެ ކަންބޮޑުވުމުންވެސް މިކަން އިތުރުވެއެވެ. އަދި ހަމުގެ އެލާރޖީހުންނަ ކުދިންގެ ތެރޭން %80 ކުދިން ނޭވާހިއްލާކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ.

މީގެ އިތުުރުން ކާއެއްޗެއްސަށް އެލާރޖިކުވާ ކުދިންގެ %30 ކުދިން ނޭވާހިއްލާއިރު ސިނގިރެޓް ދުމުން ކުޑަކުދިންނަށް ނޭވާހިއްލުން ޖެހެއެވެ.

އިހުޒަމާނުއްސުރެ ތަފާތު ބޭސްތައް މިކަމަށް ބޭނުން ކުރަމުން އައިސް، ޑޮކްޓަރީ ބޭސް ތައާރަފްވުމާއިއެކު މިކަމަށް ޚާއްސަ ބޭސް ރާއްޖެއިންވެސް ލިބެން ފެށިއެވެ. އޭގެ ތެރޭގައި އިންހޭލަރ އާއި ގުޅަބޭސްވެސް ހުރެއެވެ.

ފޮޓޯ: ޑރ. މުހައްމަދު އަލީ

ޑޮކްޓަރުން ވިދާޅުވާގޮތުގައި ކުޑައިރުން ފެށިގެން ނޭވާހިއްލުމަށް ފަރުވާ ކޮށްފިނަމަ އެ ބަލިން ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވިީ ނޭވާހިއްލާ ކުޑަކުދިން މިބަލިން އެއްކޮށް ރަނގަޅުވުމުގެ ފުރުސަތު ބޮޑެތި މީހުންނަށް ވުރެ ބޮޑުކަމަށެވެ.

ޑރ. މުހައްމަދު އަލީ

1 އަހަރުން ދަށުގެ ވަރަށްގިނަ ކުދިން ނޭވާލާއިރު ތޫލި އަޑެއް ހުންނަކަމަށާއި ނަމަވެސް މީގެން ދެތިން ކުދިން ބޮޑުވަމުންދާ ވަރަކަށް ނޭވާހިއްލާކަމަށެވެ.

އަދި ބޮޑުވުމުންވެސް ނޭވާހިއްލާކުދިން އާންމުކޮށް އުމުރުން 6 އަހަރު ނުވަނީސް ނޭވާ ހިއްލަން ފަށާކަމަށާއި މިކުދިން 2 ބަޔަކަށް ބެހޭކަމަށްވެސް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

މިގޮތުން ހަމައެކަނި ރޯގާއެއް ޖެހުމުން ނޭވާހިއްލާ ކުދިންނާއި ތަންކޮޅެއް ގިނައިން ނޭވާ ހިއްލާ ކުދިން ފާހަގަކުރެވޭއިރު ހަމައެކަނި ރޯގާއެއް ޖެހުމުން ނޭވާ ހިއްލާ ކުދިން ބޮޑުވަމުންދާ ވަރަކަށް ނޭވާހިއްލުން ރަނގަޅުވެއެވެ. ތަންކޮޅެއް ގިނައިން ނޭވާހިއްލާ ކުދިން ހަމުގެ އެލާރޖީވެސް ހުންނައިރު އާއިލާގައި ނޭވާހިއްލާ ކުދިން އުޅޭކަން ޑރ. މުޙައްމަދު އަލީ ފާހަގަކުރެއްވިއެވެ. އަދި ބޮޑުވަމުން ދާވަރަކަށް ނޭވާހިއްލުން ރަނގަޅުނުވެ ދިގުދެމިގެން ދަކަމަށްވެސް ވިދާޅުވިއެެވެ.

ފުރާވަރަށް އަޅަމުން އަންނަ ކުދިންގެ ތެރެއިން 70-30 އިންސައްތަ ކުދިން މުޅިންހެން މިބަލިން ރަނގަޅުވާއިރު ކުޑަކުދިންނަށްވުރެ ބޮޑެތި މީހުން ބަލިން ރަގަޅުވާވަރު މަދުކަން ޑރ ފާހަގަކުރެއްވިއެވެ.

އަދި ބައެއްފަހަރަށް ކުޑައިރު ނޭވާނުހިއްލާ ކުދިން އުމުރުން މައްޗަށްދާ ވަރަކަށް ނޭވާހިއްލުން ނުވަތަ އެސްތުމާ ޖެހޭމީހުންވެސް އުޅެއެވެ. ވަކިން ޚާއްސަކޮށް އުމުރުން 22 އަހަރު ވުމަށްފަހު މިބަލި ޖެހުމުގެ ފުރުސަތު އަންހެނުންނަށް އިތުރު ވާކަމަށްވެސް ޑރ. މުހައްމަދު އަލީ ފާހަގަކުރެއްވިއެވެ.

އަދި ބައެއް ފަހަރު އިއްދައިން ކެނޑޭ ދުވަސްވަރު ވެސް, ކުރިން ނޭވާނުހިއްލާ މީހުންނަށް މިބަލި ޖެހޭކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

މިއީ ގިނަ ބަޔަކު ކަންބޮޑުވާ، ބައްޔަކަށްވާއިރު ޑރ ވިދާޅުވީ ނޭވާހިއްލުމަކީ ބިރުގަންނަން ޖެހޭ ބައްޔެއްނޫންކަމަށެވެ. މި ބައްޔަށް ފަރުވާގެ ގޮތުގައި އިންހޭލާރ އާއި ގުޅަބޭސްވެސް ހުންނައިރު ގިނަ ބަޔަކު މި ބޭނުން ކުރަން ޖެހިލުންވެއެވެ. ދެވިހިފާފާނެތީ އިންހޭލަރ ބޭނުން ނުކުރަން ގިނަ ބަޔަކު ނަސޭހަތްދޭއިރު އެކަމާއި ގުޅޭ ގޮތުން ޑރ. މުޙައްމަދު އަލީ ވިދާޅުވީ އިންހޭލާރއަކީ ދެވިހިފާ އެއްޗެއްނޫންކަމަށެވެ.

ޑޮކްޓަރުން ވިދާޅުވަނީ ފުއްޕާމެޔަށްޖެހޭ މިބައްޔަށް ފަރުވާކޮށް ބަލީގެ އުދަނގޫތައް ލުއިކުރުމަށް އެޅޭނެ ފުރަތަމަ ފިޔަވަޅަކީ ބަލިޖެހިފައިވާކަން ހޯދައި ދެނެގަތުންކަމަށެވެ. ބަލި ދެނެގަތުމުން ބައްޔަށް އެންމެ އެކަށޭނަ ބޭސްތަކުގެ އެހީގައި ބަލީގެ އުދަނގޫތަކަށް ލުއި ހޯދައިދީ އުފާވެރި ދިރިއުޅުމެއް ހޭދަކުރުމަށް މަގުފަހިވެގެންދާނެކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ.