ގދ. ހޯނޑެއްދޫއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 45 އަށް އަރާފައިވާކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރެޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، މިހަފްތާގެ ބުދަ ދުވަހު އެރަށުން ޕޮޒިޓިވްވި ކޭސްއާއެކު މިހާތަނަށް އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 45 އަށް އަރާފައިވާ ކަމަށެވެ.

ހޯނޑެއްދޫއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 32 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށާއި، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 13 މީހަކު ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފަައެވެ.

ޑރ. ނަޒްލާ ވިދާޅުވީ ހޯނޑެއްދޫއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 މީހަކަށް ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި އެޑްމިޓުކޮށްގެން ފަރުވާދެމުންގެންދާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބުދަ ދުވަހު ހޯނޑެއްދުއިން ޕޮޒިޓިވްވެފައިވަނީ، އެރަށުން ފެނުނު ޕޮޒިޓިވް ކޭސްއެއްގެ ކޮންޓެކްޓެއް ކަމަށެވެ. ޕޮޒިޓިވްވި މީހާއަކީ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު މިމަހުގެ 22 ވަނަ ދުވަހު ނެގި 11 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހެއް ކަމަށް ޑރ. ނާޒްލާ ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް އެރަށުން ފެނުނު ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 230 ކޮންޓެކްޓަކު ފެނިފައިވާ ކަމަށާއި، އެމީހުން މިހާރު ތިބީ ކަރަންޓީނުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެތެރެއިން 11 މީހެއްގެ ސާމްޕަލް އިއްޔެ ނަގާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ހޯނޑެއްދޫގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ހޯނޑެއްދޫ ހެލްތް ފެސިލިޓީގެ ފަރާތުން ގޭގެއަށް ޒިޔާރަތްކޮށްފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ ތެރެއިން ބަލީގެ އަލަމާތްތައްހުރި ބައެއްމީހުން ފެނިފައިވަ ކަމަށާއި، މިއަދު އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ހޯނޑެއްދޫއަކީ މާލެ ފިޔަވައި އެހެން ރަށަކުން އެންމެ ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް މިހާތަނަށް ފެނިފައިވާ ހަމައެކަނި ރަށެވެ.

ހޯނޑެއްދޫއިން ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވީނަމަވެސް އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް އަދި ކަނޑައަޅާފައެއް ނުވެއެވެ.

އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ދެނެގަތުމަށް ހެލްތް މިނިސްޓްރީން ގެންދަނީ މަސައްކަތް ކުރަމުންނެވެ.