ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް، މާޝަލް އާރޓްސް ދަސްކޮށްދިނުމަށް ދޫކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަހްމަދު މަހްލޫފްއެވެ.

އަދި މާޝަލް އާރޓްސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޝޮޓޮކަން ރިޔޫ ކަރާޓޭ ޑެ އެސޯސިއޭޝަންގެ ނައިބް ރައީސް އަބްދުﷲ ފިރުޝާން އަލީ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ޝޮޓޮކަން ރިޔޫ ކަރާޓޭ ޑި އެސޯސިއޭޝަންއަކީ މާރޝަލް އާރޓްސްގެ ދިނުމުގައި އެހެން 6 އެސޯސިއޭޝަންއާ ގުޅިގެން އެ އެސޯސިއޭޝަންތައް ތަމްސީލްކުރާ ފަަރާތެވެ.

އެގޮތުން ދެން ހިމެނޭ އެސޯސިއޭޝަންތަކަކީ ޝާރކްސް މާޝަލް އާޓްސް އެކަޑަމީ، ކޫޑޯ މޯލްޑިވްސް، މޯލްޑިވްސް ޓައިކްވަންޑޯ ފެޑެރޭޝަން، މޯލްޑިވްސް އައިކިޑޯ އެސޯސިއޭޝަން، ކްރޭވް މެގާ އަދި މޯލްޑިވްސް ވޫޝޫ ފެޑެރޭޝަންއެވެ.

މި އެސޯސިއޭޝަންތަކަށް ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް ދޫކޮށްފައިވަނީ މިއަހަރުގެ ނިޔަލަށެވެ. އަދި އެ އެސޯސިއޭޝަންތަކަށް ޖިމް ދޫކޮށްފައިވަނީ އެއްވެސް އަގެއް ނުނަގައެވެ.

މި އެއްބަސްވުމާއެކު އެތަނުގައި މާޝަލް އާރޓްސް ކިޔަވައިދިނުމުގެ ތިއަރީ ކްލާސްތަކާއި، ޕްރެކްޓިކަލް ސެޝަންތައް ހިންގުމާއި އަދި އެކަމާއި ގުޅޭ އިމްތިހާންތަކާއި، މާޝަލް އާޓްސްގެ އެކިއެކި ހުނަރު ދައްކާ ޕްރޮގްރާމްތަކާއި މުބާރާތްތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.