ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް އާއި ގުޅޭގޮތުން ހިންގި ޓްރޭނިންގ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ނިމިއްޖެއެވެ.

މި ޕްރޮގްރާމަކީ ޔޫއެންއޯޑީސީއާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ޕްރިޒަން އޮފިސަރުންނަށް ހިންގި ޕްރޮގްރާމެއް ކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެއެވެ.

މިމަހުގެ 20 ވަނަ ދުވަހުގައި ފެށި މި ޓްރޭނިންގ ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވަނީ ޔޫއެންއޯޑީސީއަށާއި މިނިސްޓްރީ އޮފް ހޯމް އެފައަރޒްއަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.

އަދި ބައިވެރިންނަށް މުހާތަބްކުރައްވައި، މި ޓްރޭނިންގ ޕްރޮގްރާމްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އެދިޑައިގަތް ކަމަށް ކަރެކްޝަންސް އިން މައުލޫމާތު ދެއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި ޖަލުތަކުންނާއި ހެޑް އޮފީހުން ޖުމްލަ 38 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި މައިގަނޑުގޮތެއްގައި 'ދި މަންޑޭލާ ރޫލްސް' ގައި ހިމެނޭ ކަންތައްތަކާގުޅޭ މޮޑިއުލްސްތައް ބައިވެރިންނަށް ކިޔަވާދީފައި ކަމަށާއި އޭގެ ތެރޭގައި އެ ރޫލްސްގެ އޮވަރ ވިއު، ޕްރިޒަން ކޮންޑިޝަންސް، ޕްރިޒަން ރެޖީމް، ސޭފްޓީ އެންޑް ސެކިއުރިޓީ، ހެލްތްކެއަރ އަދި ސޭފްގަރޑް ހިމެނޭ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރެވޭނީ ކޮންމެ ބައިވެރިޔަކު ކިޔަވައިދިން ބައިތަކަށް އެސައިންމަންޓެއް ހަދައި، އޭގެން ފާސްވުމުންނެވެ.

މިކޯހުގައި ޓްރޭނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވީ ޔޫއެންއޯޑީސީގެ ކޮންސަލްޓަންޓެއް ކަމަށްވާ އައިދާ މިޔޮލްމޯއެވެ.

ޔުނައިޓެޑް ނޭޝަންސް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީންޓްމަންޓް އޮފް ޕްރިޒަނަސް އާއި ގުޅޭ ފުރަތަމަ ތަމްރީނު ޕްރޮގްރާމް ހިންގާފައިވާއިރު ދި ޔުނައިޓެޑް ނޭޝަނަލް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީޓްމަންޓު އޮފް ޕްރިޒަންސް، ދި ނެލްސަން މަންޑޭލާ ރޫލްސް ފޮތުގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ކަރެކްޝަނަލް ސާވީސްއާ ހަވާލުކުރީ މިމަހު 17 ވަނަ ދުވަހުގައެވެ.

ހޯމް މިނިސްޓްރީއާ ރާއްޖޭގައި ހުންނަ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްސް (ޔޫއެންއޯޑީސީ) އާ ގުޅިގެން ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވާ މިފޮތް ރަސްމީކޮށް ކަރެކްޝަންސްއާ ހަވާލު ކޮށްދެއްވި މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.